މަރުވާން ބޭނުން ނުވާތީ ގަބުރު ގަނޑުކޮށްފި

ވަރަށް ނާދިރު ވައްތަރެއްގެ ކެންސަރެއް ޖެހިގެން އިނގިރޭސި ވިލާތުގައި މަރުވި 14 އަހަރުގެ އަންހެންކުއްޖެއްގެ ހަށިގަނޑު ވަޅުލުމުގެ ބަދަލުގައި ގަނޑުކޮށްފި އެވެ. "ކްރައިޔޯޖެނިކަލީ ފްރޯޒަން" ކޮށްފައި މި ކުއްޖާގެ ހަށިގަނޑު ބާއްވަން ނިންމާފައި ވަނީ އެ ކުއްޖާ އަށް ޖެހިފައިވާ ބައްޔަށް އެތައް ސަތޭކަ އަހަރެއް ފަހުން ވެސް ފަރުވާއެއް ހޯދި އެނބުރި ދުނިޔެއަށް އާދެވިދާނެ ގޮތެއް ވެދާނެ ކަމަށް ބުނެ ކޯޓަށް ހުށަހެޅުމުން ކޯޓުން ދިން ހުއްދައެއްގެ ދަށުންނެވެ.
ހައި ކޯޓުގެ ފަނޑިޔާރުން މި ކުއްޖާ ފޮނުވި ލިޔުމުގައި ވަނީ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ "ފުރުސަތެއް" ބޭނުންވެގެން އެ ކުއްޖާ ހެދި ރިސާޗްތަކުން އެނގިފައި ވަނީ ކްރަޔޯނިކްސް ޕްރޮސެސް އަކީ އޮތް ހަމަ އެކަނި އުންމީދު ކަމަށެވެ. މި ޕްރޮސެސް މެދުވެރިކޮށް އިންސާނާގެ ހަށިގަނޑު ގަނޑުކޮށްފައި ލިކުއިޑް ނައިޓްރޯޖަންގެ ތެރޭގައި ބަހައްޓަ އެވެ. މެޑިކަލް ސައިންސް ތަރައްގީވެ މިފަދަ މީހުންނަށް ކޮންމެވެސް ދުވަހަކުން އަލުން ދިރުމެއް ލިބިދާނެ ކަމުގެ ހަގީގަތެއް ނެތް ހުވަފެންތަކެއް ދެކޭ މީހުން އުޅެ އެވެ.
މި ކުއްޖާގެ މި އެދުމަށް އޭނާގެ މަންމަ ތާއީދުކުރި ނަމަވެސް އޭނާގެ ބައްޕަ އެކަމާ ވަރަށް ދެކޮޅެވެ. އެހެންވެ އޭނާ މަރުވުމަށްފަހު ހަށިގަނޑު މަންމައާ ހަވާލުކުރުމަށާއި މަންމައަށް ފެންނަ ގޮތަކަށް ކަންތައްކުރުމުގެ ކޯޓު އަމުރަކަށް ކުއްޖާ އެދުނެވެ.
މި ކުއްޖާގެ މައިންބަފައިން ކުއްޖާ ވަރަށް ކުޑައިރު ވަނީ ވަރިވެފަ އެވެ. ކުއްޖާ އުޅެނީ މަންމައާ އެކުގަ އެވެ. ކުއްޖާގެ ބައްޕަ އަށް ވެސް ވަނީ ކެންސަރު ޖެހިފަ އެވެ. އޭނާ ބުނަނީ ދަރިފުޅުމުގެ އުމުރުން ފަސް އަހަރުން ފެށިގެން މަންމަ އުޅެނީ ދަރިފުޅު ފޮރުވައިގެން ކަމަށެވެ.
ކުއްޖާގެ ބައްޕަ ބުނަނީ ކުއްޖާ އެހާ ބަލިކޮށް އޮއްވާ އެ ކުއްޖާ ކޮންމެވެސް ޒަމާނަކުން އަލުން ދުނިޔެއަށް އުޅެވިދާނެ ކަމުގެ ހަގީގަތެއް ނެތް އުންމީދުތަކެއް ކޮންމެވެސް ބަޔަކު ދިނީ ކަމަށެވެ. މިއީ އެފަދަ ގޮތަކަށް ކުއްޖާ ވަޅުނުލާ ގަނޑުކުރަން އެދެން މެދުވެރިވި ސަބަބު ކަމަށް ކުއްޖާގެ ބައްޕަ ގަބޫލުކުރެ އެވެ.
ކުއްޖާ މަރުވުމުން އޭނާ އެދުނު ފަދައިން އެމެރިކާގެ ސެންޓަރަކަށް ގެންގޮސް 2-3 ހަފުތާ ވަންދެން ލިކުއިޑް ނައިޓްރޯޖަންގައި ގަނޑުކުރުމަށް ފަހު މިކަމަށް ޚާއްސަ ތާނގީއެއްގައި ވަނީ ބަހައްޓާފަ އެވެ. މިއީ އެ ސެންޓަރުގައި މިގޮތަށް ގަނޑުކޮށްފައިވާ 144 ވަނަ ގަބުރެވެ.
މިކަމާ ދެކޮޅުހަދަމުން ކުއްޖާގެ ބައްޕަ ބުނެފައި ވަނީ ބޮޑު އަގެއް ދީގެން ކުއްޖާގެ ހަށިގަނޑު ގަނޑުކޮށްފައި ބަހައްޓާފައި ވާއިރު އެގޮތަށް އެ ހަށިގަނޑު ހުންނާނީ ކިހާ ދުވަހެއްކަމުގެ ޔަގީންކަމެއް ވެސް ނެތް ކަމަށެވެ. އޭނާ ބުނި ގޮތުގައި މިއީ ބަޔަކު ފައިސާ ހޯދަން ކުރާ އެއްވެސް ކަހަލަ އުންމީދެއް ނެތް ކަމެކެވެ.
ކުއްޖާގެ މަންމަ އާއި އާއިލާއިން ބުނަނީ ކުއްޖާގެ ބައްޕަ މިކަމަށް އެއްބަސް ނުވަނީ މުސްލިމަކަށް ވާތީ ކަމަށެވެ. އާއިލާ އިން މިހެން ބުނި ނަމަވެސް މިގޮތަށް ހަށިގަނޑު ބަހައްޓައިގެން އެއްވެސް ޒަމާނަކުން އަލުން އަނބުރާ ދުނިޔެއަށް އާދެވިދާނެ ކަމަކަށް މެޑިކަލް ސައިންސް ދަންނަ އެއްވެސް ސައިންސްވެރިއަކު ގަބޫލެއް ނުކުރެ އެވެ. ނަމަވެސް މިއީ ވިޔަފާރިއަކަށް ބަޔަކު މީހުން ކުރާ ކަމަކަށް ވާތީ ފައިސާ ހުރި މަހުޖަނުން މިފަދަ ކަންކަމަށް ޝައުގުވެރި ވަނީ ކަމަށް ތަޖުރިބާކަރުން ބުނެފައިވެ އެވެ.
އިނގިރޭސި ވިލާތުގެ ނޫސްތަކުން ބުނާ ގޮތުގައި ކުއްޖާގެ ހަށިގަނޑު މިގޮތަށް ބަހައްޓަން ގިނަ އަދަދަަކަށް ފައިސާ ބޭނުންވާތީ ކުއްޖާގެ މަންމަ ފަރާތު މާމަ އާއި ކާފަ އެ މީހުންގެ ގެ ވިއްކާލައިގެން އެކަމަށް ވަނީ ފައިސާ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ