މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިނގިއްޔާއި ތިލަފުށީގެ ކަރަންޓުގެ އަގު އަންނަ މަހުގެ 1 ން ފެށިގެން ބޮޑުކޮށް، އާ އަގުތައް ސްޓެލްކޯ އިން މިއަދު އިއުލާންކޮށްފި އެވެ.
ކަރަންޓުގެ އަގަށް ސްޓެލްކޯ އިން ބަދަލު ގެނެސްފައިވާއިރު ކަރަންޓް ފީ ނަގަމުން އައި މިންގަނޑުތަކަށް ވެސް ބަދަލު ގެނެސްފައި ވެ އެވެ.
ސްޓެލްކޯ އިން ޓީވީއެމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކުރި އާ އަގުތައް ފަސް ކެޓަގަރީއަކަށް ބަހާލައިފައި ވެ އެވެ.
ކުރިން 100 ޔުނިޓާ ހަމައަށް ޔުނިޓަކަށް ނަގަމުން އައި 1.60ރ. ގެ ބަދަލުގައި މިހާރު 100 ޔުނިޓާ ހަމައަށް އާންމު ގޭގޭގައި ކަރަންޓް ބޭނުންކޮށްގެން ނަގާނީ ޔުނިޓަކަށް 2.25ރ. އެވެ. އެއީ ޔުނިޓަކުން 65 ލާރި ނުވަތަ 40 ޕަސެންޓްގެ ބޮޑުވުމެކެވެ. މީގެ އިތުރުން އަލަށް އެކުލަވާލި މިންގަނޑާ އެކު، 101- 300 އާ ހަމައަށް ޔުނިޓަކަށް 2.50ރ. ނަގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި 301- 500 އާ ހަމައަށް ޔުނިޓަކަށް 2.95ރ.، 501- 600 އާ ހަމައަށް ޔުނިޓަކަށް 3.55ރ. ނަގާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި 601 ޔުނިޓުން ފެށިގެން މަތިން ނަގަމުންދާނީ ޔުނިޓަކަށް 3.85ރ. އެވެ.
ވިޔަފާރިކުރާ ތަންތަނާއި ސަރުކާރު ތަންތަނުން 100 ޔުނިޓާ ހަމައަށް ނަގަމުންދާނީ ޔުނިޓަކަށް 3.30ރ. އެވެ. އަދި، 101- 300 ޔުނިޓާ ހަމައަށް ނަގަމުންދާނީ 3.35ރ، 301- 500 ޔުނިޓާ ހަމައަށް ޔުނިޓަކަށް 3.65ރ.، 501- 600 ޔުނިޓާ ހަމައަށް ޔުނިޓަކަށް 4ރ. އެވެ. އަދި 601 ޔުނިޓުން ފެށިގެން މަތިން ނަގަމުންދާނީ 4.35ރ. އެވެ.
ސްޓެލްކޯ އިން ބުނީ ކަރަންޓު އަގު ބޮޑު ކުރުމުގައި ބެލީ އެ ކުންފުނިން ކުރާ ހަރަދުތަކާ އެއްވަރުގެ އަގަކާ ކަރަންޓްގެ ހިދުމަތުގެ އަގު ހަމަހަމަކުރުމަށް ކަމަށެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފައިވާނީ ތަކެތީގެ އަގު ބޮޑު ނުވާނެ ގޮތަށް ބަލައިގެން ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ. އަދި ކަރަންޓުގެ އަގަށް ބަދަލު ގެނައީ އެނާޖީ އޮތޯރިޓީއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް ބުންޏެވެ.
ކަރަންޓުގެ އަގު ބޮޑު ކުރުމުގެ އިތުރުން ދެން ފިއުލް ސާޗާޖެއް ވެސް ނަގަމުންދާނެ އެވެ. ނަމަވެސް އެ ސާޗާޖު ނަގަމުންދާނީ ރާއްޖޭގެ ބާޒާރުގައި ޑީސަލް ލީޓަރެއްގެ އަގު އަށް ރުފިޔާއަށް ވުރެ މައްޗަށް ހިނގައްޖެއްޔާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ. ސާޗާޖު ނަގަމުންދާނެ ގޮތަކީ ޑީސަލް ލީޓަރަކުން އިތުރުވާ ކޮންމެ ކޮންމެ 10 އަކުން ޔުނިޓަކަށް ތިން ލާރީގެ ނިސްބަތުންނެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ އަގު ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ