ފައިސާ ހޯދުމަށް ރަހީނުކުރި ކުއްޖަކު 21 ގަޑިއިރު ފަހުން ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ފައިސާ ހޯދުމަށްޓަކައި ރަހީނުކޮށްގެން ގެންގުޅުނު ޒުވާނަކު 21 ގަޑިއިރު ފަހުން ސަލާމަތްކޮށް އޭނާ ރަހީނުކޮށްގެން ގެންގުޅުނު ހަތަރު މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މައި މަރުކަޒުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންސްޕެކްޓާ އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ގާތްގަނޑަކަށް 15 ވަރަކަށް މީހުންވެގެން 18 އަހަރުގެ އެ ކުއްޖާ ރަހީނުކޮށްފައި ވަނީ ބުރާސްފަތި ދުވަހު ހަވީރު ހަތަރެއް ޖަހާކަންހާއިރު އަމީނީ މަގުން ކަމަށެވެ. ހަމްދޫން ވިދާޅުވީ އެ ގްރޫޕުން ރަހީނު ކުރި ކުއްޖާ އަތުން މީގެ ކުރިން ވެސް ފައިސާ ހޯދުމަށް އުޅެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރަހީނު ކުރި ކުއްޖާ ސަލާމަތްކޮށްފައި ވަނީ އިއްޔެ އެކެއް ޖަހާކަންހާއިރު ކަމަށެވެ.
އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ 16 އަހަރުގެ ކުއްޖެއްގެ އިތުރުން ހ. މެހެލިގޭ، އިބްރާހިމް ހަލީލް، ،28 އާއި ރ. ރަސްގެތީމު، ހުދުވެލި، މުހައްމަދު އައިމަން، ،20 އާއި ގ. އުފުރިޔާ، އަހުމަދު ނަދީމް، ،27 އެވެ.
ފުލުހުން ބުނީ ރަހީނު ކުރި ކުއްޖާއާ އެ ގްރޫޕާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ނެތް ކަމަށާއި އެ ކުއްޖާގެ އާއިލާ އަކީ އެހާ މުއްސަނދި ބައެއް ވެސް ނޫން ކަމަށެވެ.
ހަމްދޫން ވިދާޅުވީ އަމީނީމަގު ވޯޓާ ސަޕްލައި ކައިރިން 15 ވަރަކަށް މީހުންގެ ގްރޫޕުން ގޮސް 18 އަހަރުގެ އެ ކުއްޖާ ވަށާލައި އެ ކުއްޖާ މެދަށްލުމަށް ފަހު ކޮއްޕަމުން ކަހަލަ ގޮތަކަށް ގޮސް މާފަންނު ކޮޅުގައި ހުރި ގެސްޓް ހައުސްއަކަށް ވެއްދީ ކަމަށެވެ. އެއަށް ފަހު އެމީހުން އެ ކުއްޖާގެ ކޭޝް ކާޑު އަތުލައި ޕިން ގަދަކަމުން ހޯދުމަށް ފަހު ކޭޝް ކާޑު ބޭނުންކޮށްގެން އެއްޗެހި ގަނެފައިވާ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ. އަދި އިތުރަށް ފައިސާ ހޯދުމަށްޓަކައި ރަހީނު ކުރި ކުއްޖާގެ ބައްޕަ އަށް ގުޅައި އޭނާ ދޫކޮށްލާނީ 25،000ރ. ދިނުމުން ކަމަށް ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހަމްދޫން ވިދާޅުވީ ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު އަތުލައިގަތީ ރަހީނު ކުރި ކުއްޖާއާ އެކު ތިއްބާ ގެސްޓް ހައުސް ތެރެއިން ކަމަށާއި އަނެއް ދެ މީހުން އަތުލައިގަތީ ފައިސާ ބަލައި އެ ކުއްޖާ ބައްޕަ ކައިރިއަށް ދިއުމުން ކަމަށެވެ.
ހަމްދޫން ވިދާޅުވީ އެ ކުއްޖާ ސަލާމަތް ކުރި އިރު އޭނާގެ އަތަށާއި ބުރަކައްޓަށާއި ބޮނބިފަޅީގައި އަލިފާން ޖެއްސުމުން ލިބޭ ކަހަލަ ހާނިއްކަތަކެއް ހުރި ކަމަށެވެ. އަދި އެ ކުއްޖާގެ އައިނު ތަޅާލައި ލޮލަށް ލޭ އަރުވާލުމުގެ އިތުރުން ގައިގެ އެތަން މިތާންގައި ތަޅާފައިވާ ކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ ކުއްޖާ އަށް ގަދަކަމުން މަސްތުވާތަކެތި ވެސް ދީފައިވާ ކަމަށް އޭނާ ތަހުގީގުގައި ބުނެފައިވާ ކަމަށާއި އެކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ފުލުހުން ގެސްޓް ހައުސް އަށް ވަދެގަތް އިރު އެތާނގައި ކާ އެއްޗެހި ހުރުމުންނާއި ތަހުގީގުގައި ކާން ނުދޭ ވާހަކަ މިހާތަނަށް ބުނެފައި ނުވާތީ ރަހީނު ކުރި ކުއްޖާ އަށް ކާންދިން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނެފައި ވަނީ ގެސްޓް ހައުސްގައި އެމީހުން ތިބި ކޮޓަރި ފާސްކުރި އިރު މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތި އަދި ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. ފުލުސް އޮފީހުން ބުނީ އެ މައްސަލައިގައި ހިމެނޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައިގައި ފުލުހުން އާންމު ނުކުރާ ވީޑިއޯއެއް ނޫސްވެރިންނަށް ވަނީ ދައްކާފަ އެވެ. ފުލުހުން ގޮސް ރަހީނުކޮށްފައި ހުރި ކުއްޖާ ބަހައްޓާފައި ހުރި ގެސްޓް ހައުސް އަށް ވަދެގަނެ ކޮޓަރީގެ ދޮރު ފަޅާލުމަށް ފަހު އެތެރެއަށް ވަތް މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އޭރު ރަހީނު ކުރި ކުއްޖާ އާއި އޭނާ ރަހީނުކޮށްގެން ގެންގުޅުނު ދެ މީހަކު ވެސް އެނދުމަތީގައި ތިއްބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ