ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން މާދަމާ ރޭ ބަހުސެއް ބާއްވާ ގޮތަށް ލީގަލް ރިފޯމް މިނިސްޓްރީން ނިންމައިފި އެވެ.
އާ ގާނޫނު އަސާސީ އަށް އާއްމުން ހޭލުންތެރިކަން އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ "ވިސްނާށޭ ގައުމު" ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ ބަހުސާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގެ ފަންސަވީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ނެޝެނަލް ކްލެސިފިކޭޝަން ބިއުރޯގެ ޑިރެކްޓަރު ޖެނެރަލް އަދި ވިސްނާށޭ ގައުމު ކެމްޕޭންގެ ކޯޑިނޭޓަރު މުހަންމަދު ހިލްމީ ވިދާޅުވީ ބަހުސްގައި ބައިވެރިވުމަށް އިންތިހާބަށް ކުރިމަތިލައްވައިފައި ތިބި ކެންޑިޑޭޓުންނަށް މި މަހުގެ ހަތަރު ވަނަ ދުވަހު ސިޓީ ފޮނުވައިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އެ ބަހުސްގައި ބައިވެރިވާން އެދިފައި ވަނީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި ސޯޝަލް ލިބަރަލް ޕާޓީގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލައްވައިފައިވާ ޑރ. ހަސަން ސައީދެވެ. އެހެން ނަމަވެސް ބަހުސްގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވި ގޮތުގައި ބަހުސްގައި ބައިވެރިވުމަށް ރާއްޖޭގެ އެންމެ މީހުން ގިނަ ޑީއާރުޕީ އާއި އިދިކޮޅު ޕާޓީ އެމްޑީޕީން މިހާތަނަށް ބައިވެރިއެއް ނުވެ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ބަހުސްގައި ބައިވެރިވާން ނިންމައިފައިވާ ކަމަށާއި އެހެން ނަމަވެސް އެ ޕާޓީން ބައިވެރިވާނީ ޑީއާރުޕީން ބައިވެރިވާނެ ކަމުގެ އިޝާރާތެއް ލިބުމުން ކަމަށް އެމްޑީޕީން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ތަންކޮޅެއް އަވަހަށް މި ބަހުސް މިގެންދާ އެއް ސަބަބަކީ މީގެ ކުރިން ބޭއްވި ބަހުސްތަކުން ވެސް ތަޖުރިބާ ލިބުން. މީގެ މާނައަކީ ކުރިއަށް ތަފާތު އެކި ވައްތަރުގެ ބަހުސް ބޭއްވޭނެޔޭ. މިއީ އެ ސިލްސިލާގެ ފުރަތަމަ ބަހުސް،" ހިލްމީ ވިދާޅުވި އެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ހިލްމީ ވިދާޅުވި ގޮތުގައި އިންތިހާބާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
"އަޅުގަނޑުމެން މި ބުނާ ވާހަކަ އަކީ ވޯޓަކުންނޭ (ރައީސަކު) ނިންމަން ވާނީ. އަދި އަޅުގަނޑުމެން ވޯޓުލާން ވެސް އެބަ ނިންމަން ޖެހެޔޭ. އެހެން ބުނާއިރު ވޯޓުލެވެނީ ކާކަށްތޯ ވޯޓުލުމުގެ ކުރިން އެނގެން ޖެހޭ،" ހިލްމީ ވިދާޅުވި އެވެ.
"ވިސްނާށޭ ގައުމު" ކެމްޕޭންގެ ދަށުން ބާއްވާ މި ބަހުސް އިންތިޒާމް ކުރަމުން އަންނަ ކެތީ ޓޮލޭޑޯ ވެސް ވިދާޅުވީ މި ބަހުސަކީ ކެންޑިޑޭޓުންގެ ހިޔާލު ހުރި ގޮތް ރައްޔިތުންނަށް އަންގައި ވޯޓުލުމަށް ހޭލުންތެރި ކުރުވުމަށް ބާއްވާ ބަހުސެއް ކަމަށެވެ.
ކެތީ ވިދާޅުވި ގޮތުގައި މި ބަހުސްގައި އިޖުތިމާއީ ކަންތައްތަކާ ބެހޭ ގޮތުން ކޮންމެ ކެންޑިޑޭޓަކަށް ވެސް ތިން ސުވާލު ކުރާނެ އެވެ. އެ ތިން ސުވާލަށް ޖަވާބުދޭ ގޮތަށް ހަމަޖައްސައިފައި ވަނީ ވެސް ތިން މިނެޓް ތެރޭގަ އެވެ. އެ ބަހުސްގައި މޮޑަރޭޓަރެއް ހަމަޖައްސާނީ މި ބަހުސް އިންތިޒާމް ކުރާ ކޮމެޓީން ކަމަށް ވެސް ކެތީ ވިދާޅުވި އެވެ. އެހެން ނަމަވެސް ބަހުސް ފެށުމުގެ ކުރިން މޮޑަރޭޓް ކުރައްވާ ބޭފުޅެއް ކެންޑިޑޭޓުންނަށް އަދި މީޑިއާ އަށް ހާމަކުރައްވަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިލްމީ ވިދާޅުވި ގޮތުގައި ބަހުސްގައި ކެންޑިޑޭޓުން ޖަވާބު ދެއްވަން ޖެހޭނީ ކުރިން ތައްޔާރުކޮށް، މޮޑަރޭޓަރު ކުރައްވާ ސުވާލުތަކަށެވެ. އެހެން ނަމަވެސް އެ ސުވާލުތަކެއް ކެންޑިޑޭޓުންނަށް ކުރިން ނޭނގޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮންމެ ޕާޓީއަކުން ވެސް 20 މީހުންނަށް ވަދެވޭ ގޮތަށް ޓީވީ މޯލްޑިވްސްގެ ސުޓޫޑިއޯގައި މާދަމާ ރޭ ބާއްވާ ބަހުސް ޓީވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުން ލައިވް ކުރާނެ އެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ބަހުސެއް މާދަމާ ރޭ ބާއްވަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ