މާރުކޭޓުގައި ފިނިކުރި މަސް ވިއްކުން: މަސް ބުރިކޮށްގެން ތަޅުން މަތީ ވިއްކާ މައްސަލަ ފެން މަތިވުމުން، އަށިތަކެއް ހަދަން ފަށަނީ

މާލޭ މަސް މާރުކޭޓުގައި ވިއްކާ ފިނިކުރި މަސް ބުރިކޮށްގެން، ތަޅުންގަނޑު މަތީގައި ބަހައްޓާ މައްސަލަ ފެންމަތިވުމާ އެކު އެ މަސްތައް ބެހެއްޓުމަށް ހާއްސަ އަށިތަކެއް ހެދުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާ ގޮތަށް މާލޭ މުނިސިޕަލްޓީން ހަމަޖައްސައިފި އެވެ.
މަސް މާރުކޭޓުގައި ވިއްކާ ފިނިކުރި މަސްތައް ބުރިކޮށް، ތަޅުންގަނޑު މަތީގައި ބަހައްޓައިގެން ވިއްކާ މައްސަލައާ ގުޅިގެން، އެކަމާ މެދު ފިޔަވަޅު އަޅައި ދިނުމަށް މުނިސިޕަލްޓީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އެދިފައި ވެ އެވެ. މުނިސިޕަލްޓީގެ ސީނިއާ ސުޕަވައިޒަރަކު ހުށަހެޅި މައްސަލައަކާ ގުޅިގެން މުނިސިޕަލްޓީގެ އެދުމުގެ މަތިން ފުޑް އޮތޯރިޓީން ކުރި ތަހުލީލުތަކަށް ފަހު ތައްޔާރުކުރި ރިޕޯޓްގައި ވާ ގޮތުން މާރުކޭޓުގައި ވިއްކަން ބަހައްޓާ މަސްތައް ހުންނަން ވާނީ ބިމުން ފެށިގެން ގާތްގަނޑަކަށް ހަ އިންޗީގެ އުސް ތަނެއްގަ އެވެ. އަދި މިހާރު މަސްތައް ވިއްކުމަށްޓަކައި މާރުކޭޓުގެ ތަޅުންގަނޑު މަތީގައި އަތުރާފައި ހުންނައިރު އެ ތަން ވަރަށް ނުސާފުކަން ވެސް މިދިޔަ މަހުގެ 18 ގައި ފުޑް އޮތޯރިޓީން މުނިސިޕަލްޓީ އަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
މުނިސިޕަލްޓީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ފުޑް އޮތޯރިޓީގެ ރިޕޯޓާ ގުޅިގެން، މާރުކޭޓުގައި ބުރިކޮށްގެން ވިއްކާ މަސްތައް ބެހެއްޓުމަށްޓަކައި އަށިތައް ހަދާނީ ދިގުމިނުގައި 30 ފޫޓު އަދި ފުޅާމިނުގައި ތިން އިންޗީގައި ކަމަށެވެ. އަށިތައް ހުންނާނީ ބިން މަތިން ފެށިގެން އެއް ފޫޓު އުސްމިނަށެވެ.
"އެ އަށިތައް ހަދާފައި ހުންނާނީ މާރުކޭޓުގެ އިރު އުތުރު ކަނުން ފެށިގެން. ބުރިކޮށްފައި ހުންނަ މަސްތައް، ތަޅުންގަނޑު މަތީގައި ބެހެއްޓުމުން ޖަރާސީމުގެ އަސަރު ކުރާ ކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ރިޕޯޓުގައި ފާހަގަ ކޮށްފައި އެބައޮތް. އެހެންވެ އެކަން ހައްލު ކުުރުމަށްޓަކައި މިކަން މި ކުރަނީ،" މުނިސިޕަލްޓީގެ އޮފިޝަލް ވިދާޅުވި އެވެ.
ފުޑް އޮތޯރިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މަހަށް އައިސް އަޅައި ރައްކާކޮށް ބަހައްޓާ ކޮންޓެއިނަރުގެ ފިނި ހޫނު މިން ހުރީ ފަސް ޑިގްރީ ސެލްސިއަށް ވުރެ ދަށުގަ އެވެ. އެހެން ނަމަވެސް އެފަދަ ކޮންޓެއިނަރުގެ ފިނިހޫނު މިން ބަހައްޓަން ޖެހެނީ އެންމެ ދަށްވެގެން ފަސް ޑިގްރީ ސެލްސިއަސް އަށް ކަމަށް ފުޑް އޮތޯރިޓީގެ ރިޕޯޓުގައި ވެ އެވެ. އަދި ފިނިކުރި މަސް ގެންގުޅޭ ކޮންޓެއިނަރަށް އައިސްގެ ބަދަލުގައި ނުސާފު ފެން އަޅާފައިވާ ކަން ވެސް ރިޕޯޓުގައި ވެ އެވެ. އެފަދަ ފިނިކުރި މަސް ގެންގުޅެން ޖެހެނީ ފުޑް އޮތޯރިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މައިނަސް 18 ޑިގްރީ ސެލްސިއަސްގަ އެވެ.
މުނިސިޕަލްޓީގެ އޮފިޝަލް ވިދާޅުވީ މާރުކޭޓުގައި ފިނިކުރި މަސް ގެންގުޅޭނެ ފިނިހޫނުމިން ބަލައި، އެކަން މޮނީޓަ ކުރުމަކީ ފުޑް އޮތޯރިޓީ އާއި ފިޝަރީޒް މިނިސްޓްރީގެ ޒިންމާއެއް ކަމަށާއި އެކަން ރަނގަޅުކުރިކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަކީ މަސް މާރުކޭޓުގެ ސާފުތާހިރުކަން ބަލަހައްޓާ މީހުން. ފިނިކުރި މަސް ގެންގުޅޭ ގޮތް ބަލައި އެކަން މޮނިޓަ ކުރަން ޖެހެނީ އަޅުގަނޑުމެން ދެކޭ ގޮތުގައި ސަރުކާރުގެ ދެ އިދާރާއަކުން. އެއީ ފުޑް އޮތޯރިޓީ އާއި ފިޝަރީޒް މިނިސްޓްރީން،" އޮފިޝަލް ވިދާޅުވި އެވެ.
މާލޭ މަސް މާރުކޭޓުގައި ފިނި ކުރި މަސް ވިއްކާ މީހުން ފޮށިތައް ހުޅުވައިގެން ތިބެމ، އަދި ފޮށިތަކުން މަސްތައް ނަގައި އަތުރައިގެން ވެސް ވިއްކަ އެވެ. ތަޖުރިބާކާރުން ވިދާޅުވަނީ ފިނިކޮށްފައި ހުންނަ މަހުގެ ފިނިކަން ކެނޑޭ ނަމަ ގިނަ އަދަދަކަށް ޖަރާސީމު އުފެދި އެ ފަދަ މަސް އިންސާނުން ކާން އެކަށީގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ