އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސް: ވެރިކަމުގެ ދަހިވެތިކަމުގައި ތިބެގެން އެމްޑީޕީން ސަރުކާރާ ހަވާލުވުމަކީ ރަނގަޅު ކަމެއް ނޫން: އަންނި

ވެރިކަމުގެ ދަހިވެތިކަމުގައި ތިބެގެން ސަރުކާރު ހިންގުމާ އެމްޑީޕީން ހަވާލުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި މިހާރު ކުރިއަށްދާ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވާ މުހައްމަދު ނަޝީދު (އަންނި) ރޭ ވިދާޅުވެއްޖެ އެވެ.
އެކި ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާ ކުރުމަށްޓަކައި ކަލާފާނު ސްކޫލުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ 30 އަހަރުވީ ވެރިކަން ބަދަލުކޮށް، އެމްޑީޕީން ދިވެހި ސަރުކާރާ ހަވާލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ އެކަން ކުރެވޭނީ މިހާތަނަށް ކަންކަން އައި އުސޫލުން، ހިކުމަތްތެރިކަމާ އެކީގައި ކަންތައް ކޮށްގެން ކަމަށެވެ.
"ވެރިިކަމުގެ ދަހިވެތި ކަމަކު، އަޅުގަނޑުމެންނަށް ސަރުކާރު ހިންގުމަކާ ހަވާލެއް ނުވެވޭނެ. އެއީ ރަނގަޅު ބުއްދިއަކަށް، ރަނގަޅު ވިސްނުމަކަށް ނުވާނެ. މިދިޔަ ދެތިން އަހަރެއްގެ ތެރޭގައި އެކި ބާވަތްތަކުގެ ތަޖުރިބާ އަޅުގަނޑުމެން ކޮށްފިން. ހާއްސަކޮށް މި ރާއްޖޭގައި ވޯޓެއް ނެގޭނެ މިނިވަންކަމުގެ ދަރަޖަ އަކީ ކޮބައިކަން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް މިނާލެވިއްޖެ. އަޅުގަނޑުމެން މި ދެކެނީ ރާއްޖޭގައި ދެން އޮންނާނީ 70 ވަރަކަށް ޕަސެންޓް މިނިވަން އިންތިހާބެކޭ. އެފަދަ އިންތިހާބަކުން އަޅުގަނޑުމެން މޮޅުވާން ކުރަންޖެހޭނީ ކޮންކަމެއްތޯ އެއީ ޕްރައިމަރީސްގެ ތެރޭގައި ވާހަކަ ދައްކަންޖެހޭ އެއް ނުކުތާ،" އަންނި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މައުމޫނާ ވާދަކޮށް އެމަނިކުފާނު ބަލިކޮށްލެވޭނީ ގައުމީ އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރެގެންނެވެ.
"ވަކި ކެންޑިޑޭޓުންތަކެއް ނުކުމެ ވާދަކުރުމަކުން ލިބޭނެ ފައިދާއެއް، ލިބޭނެ މޮޅެއް ނޯންނާނެ. ދެ ބުރަށް ވޯޓުލީ ކަމުގައި ވިޔަސް، ބައިބައިވެ ތިބެ، މި އިންތިހާބާ ކުރިމަތިލައިފި ނަމަ، އަޅުގަނޑުމެންނަށް ލިބޭ ކާމިޔާބު ގާތްގަނޑަކަށް އެއްވަރުވެގެންދާނީ ނިޒާމީ ވޯޓުގައި ލިބުނު ކާމިޔާބީއާ. އަޅުގަނޑުމެންނަށް ގިނަ ވޯޓު ލިބެން އޮތީ އިއްތިހާދުގެ ތެރެއިންތޯ ނުވަތަ އެއް ޕާޓީގެ ތެރެއިން ނުކުމެގެންތޯ؟" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވިދާޅުވި އެވެ.
އަންނި ވިދާޅުވީ ރިޔާސީ ޕްރައިމަރީޒްގައި ކާމިޔާބީ ލިބެއްޖެ ނަމަ އިށީންނާނީ ގައުމީ އިއްތިހާދުގެ މޭޒުގައި ކަމަށާއި އިއްތިހާދުން ނިންމާ ގޮތެއް ގަބޫލުކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ދަރައިފައިވާ މިންވަރުވުން ބޮޑު ކަމަށް ވަރަށް ގިނަ މާހިރުން ދެކޭ ކަމަށާއި މި އަހަރު ނިމޭއިރު އެ ދަރަނީގެ ނިސްބަތް ޖީޑީޕީގެ 47 ޕަސެންޓަށް އަރާނެ ކަމަށެވެ. އަދި އެ އަދަދު 51 ޕަސެންޓަށް އެރުމުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ގައުމުތަކުގެ އިގްތިސޯދާ ހަވާލުވާނެކަން އަންނި ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ ވެސް ބޭރުގެ ދަރަނީގެ މައްސަލައަށް ކަމަށެވެ.
"އެމްޑީޕީ އަކީ ހަގީގަތުގައި މި ކަންކަން ހައްލުކުރެވޭނެ ޕާޓީއެއް. މި ޕާޓީ ހިމެނޭ އިއްތިހާދަކުން މި ރާއްޖޭގެ އިގުތިސޯދު ސަލާމަތުގެ އައްސޭރިއަކަށް ގެނެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް. އަދި ރާއްޖޭގައި މި ކަންކަމާ ގުޅޭ ގޮތުން ކަން ކުރަންވީ ގޮތް ދެނެވަޑައިގަންނަވާ ބޭފުޅުން ވެސް ބައިވަރު. ސަރުކާރުގެ ކަމަކީ ހަމައެކަނި ވެރިކަން ހިމާޔަތްކުރުން ނޫން ކަމަށް ދެކެވަޑައިގެންނަވައިގެން ކަންކަން ކުރައްވައިފި ނަމަ އަޅުގަނޑު ހިތުން ކޮންމެ ސަރުކާރަކަށް ވެސް އެ ސަރުކާރެއްގެ އެ ދައުލަތެއްގެ އެ ގައުމެއްގެ އިގުތިސޯދު ބެލެހެއްޓޭނެ،" އަންނި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް އާމްދަނީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ބޭކާރު ހަރަދުތައް ވަރަށް ގިނަ ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ރިޔާސީ ގަނޑުވަރު، ތީމުގެއަށް ކުރަމުންދާ ކަމަށެވެ.
"އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާ އަކަށް ދައުލަތުގެ އެންމެ މަތީ ވެރިއަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދޮޅު ލައްކަ ރުފިޔާ ދީފައި، ހިލާލީ ފަދަ ގެއެއްގައި ދިރިއުޅެން ހަމަ ފައްކާ. ރަސްމިއްޔާތާއި ހައިބަތާއި ގަދަރާއި އިއްޒަތް މަތިކުރުމަށް ސަރުކާރުން މި ކުރާހާ ހަރަދު ކަނޑާލުމުން އެކަށީގެންވާ ފައިސާއެއް ސަލާމަތްކުރެވޭ. ސަރުކާރުގައި ވުޒާރާތައް އުފެދިފައި ހުރީ ކުރަންޖެހޭ ކަންކަމާ ގުޅިގެނެއް ނޫން. ބާކީނުކުރެވޭ މީސްމީހުންނާ ގުޅިގެން،" އަންނި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި ސަރުކާރުގެ މުވައްޒަފުންގެ އަދަދު 25،000 އަށް ވުރެ ގިނަ ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރެވޭނެ ފަސޭހަ ނިޒާމެއް ނެތުމުން ކަމަށެވެ. އެ މައުލޫއަށް އަލިއަޅުވާލަމުން ވިދާޅުވީ އެމްޑީޕީގެ އިއްތިހާދުގެ ވެރިކަމެއްގައި މަހުގެ މަހުގެ އަގު 7.50ރ. އިން 14ރ. އަށް މައްޗަށް ޖެއްސުމަށް ވައުދުވާނެ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމް ވަރަށް ބޮޑަށް ހަރުދަނާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ހދ. ހަނިމާދޫ އެއާޕޯޓާއި މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ޖަޕާނަށް މަސް އުފުލޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އަންނި ފާހަގަކުރެއްވި އެއް ކަމަކީ އެސްޓީއޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ވިއްކުމުގެ ސަބަބުން ސަރުކާރަށް ލިބޭނެ ފައިދާތަކުގެ މައްޗަށެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ވިޔަފާރިތައް ވިއްކައިފި ނަމަ ރާއްޖޭގެ ދަރަނީގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
އަންނި ވިދާޅުވީ ސަރުކާރުގެ ހިދުމަތުން ރިޓަޔާކުރާ ކޮންމެ މީހަކަށް މަހަކު 2،500ރ. ލިބެންޖެހޭނެ ކަމަށާއި މަސައްކަތްކުރާ ކޮންމެ މީހަކަށް މަހަކު މަދުވެގެން 4،000ރ. ލިބެން ޖެހޭނެ ކަމަށާއި "ތާހިރު ދިރިއުޅުމެއް" ލިބޭނީ އޭރުން ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި އަންނިގެ ވާހަކައަށް ފަހު ވަނީ އާންމުން ކުރި ގިނަ އަދަދެއްގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ