ހޮލީވުޑްގެ މަޝްހޫރު އަދި އަގުބޮޑު ފިލްމީ ތަރި ކަމަށްވާ ޓޮމް ކްރޫޒާއި އޭނާގެ އަންހެނުން ފިލްމީ ބަތޮލާ، ކެޓީ ހޯމްސް ރާއްޖޭގައި 14 ދުވަހު ހަނީމޫން ހޭދަކުރުމަށް ފަހު އިއްޔެ ހެނދުނު ރާއްޖެ އިން ފުރައިފި އެވެ.
ޓޮމް ކްރޫޒް، ،41 އާއި ކެޓީ ހޯމްސް، ،27 އިޓަލީގައި ކައިވެނިކުރުމަށް ފަހު ޓޮމް ކްރޫޒާއި ހޯމްސް އާއި އެ ދެމަފިރިންގެ އަށް މަހުގެ އަންހެން ދަރިފުޅު ރާއްޖެ އައީ ނޮވެމްބަރު 19 ވަނަ ދުވަހުގެ ރޭ 30: 9 ހާއިރު އަމިއްލަ ޖެޓެއްގަ އެވެ. އެ ދެމަފިރިންނާއި ކުޑަދަރިފުޅު ޗުއްޓީ ހޭދަކޮށްފައިވަނީ ކްރޫޒްގެ ރައްޓެއްސެއްގެ އަމިއްލަ ޔޮޓެއްކަމަށްވާ އާކްޓިކާގަ އެވެ. އެ ޔޮޓް ފަރުމާކޮށްފައިވަނީ ލަގްޒަރީ ރިސޯޓަކުން ލިބެން ހުންނަ ހުރިހާ ޚިދުމަތްތަކާ އެކުގަ އެވެ.
ޔޮޓުގައި ރާއްޖޭގެ އެކި ހިސާބުތަކުގެ ގުދުރަތީ ރީތި ކަމުގެ ތެރޭގައި އުފާ ލިބިގަނެ ތާރީހީ ހަނީމޫން ނިންމާލުމަށް ފަހު ރާއްޖޭން ފުރުމަށްޓަކައި ހޮލީވުޑްގެ ދެ ތަރިން ހުޅުލޭ އެއާޕޯޓަށް އައިއިރު ހަވީރުގެ ނޫސްވެރިންނާއި ފޮޓޯގްރާފަރު އެ ތަނުގައި ތިއްބެވެ. އެ ދެމަފިރިން ދަރިފުޅާއެކު ޔޮޓްގެ އަމިއްލަ ލޯންޗެއްގައި ހުޅުލެ އަށް އައިސް، ރަސްމީ ބޮޑު ފާލަމަށް ފޭބީ ހުކުރު ދުވަހުގެ ހެނދުނު 45: 6 އެހާކަންހާއިރު އެވެ. ޕްރައިވެޓް ޖެޓް އެއާޕޯޓުން ނައްޓާލީ ހެނދުނު 11: 7 ގަ އެވެ. ހޮލީވުޑްގެ ސުޕަސްޓާރާއި އޭނާގެ އަންހެނުން ހުޅުލެ އަށް އައުމުގެ ކުރިން އެ މީހުންގެ އިމިގްރޭޝަން ކްލިއަރެންސާއި އެނޫން ވެސް އެފަދަ އިންތިޒާމުތައް ކްރޫޒުގެ ބޮޑީގާޑުންނާއި ރާއްޖޭގެ އޭޖެންޓުންނާއި އެއާޕޯޓްސް ކޮމްޕެނީ މެދުވެރިވެގެން ނިންމި އެވެ. އެ ދެ ތަރިން އިއްޔެ ރާއްޖޭން ފުރީ ވީއައިޕީންގެ ގޮތުގައި އެ މާލަމުންނެވެ.
ބޮޑުފާލަމާ ހަމައިން ވީއައިޕީ ލައުންޖާ ހަމައަށް ދެމަފިރިން ދިޔައީ ހިނގައިފަ އެވެ. ލޯންޗުން ފޭބިއިރު ކުޑަދަރިފުޅު އުރައިގެން ހުރީ ޓޮމް ކްރޫޒެވެ. ނަމަވެސް ވަކި ހިސާބަކުން ދަރިފުޅު އުރާލައި ގަޔާލާ ބޮނޑިކޮށްލައިގެން ހުރީ ކެޓީ ހޯމްސް އެވެ. ފުރަންވަން ދެން ވެސް ދަރިފުޅު އުރައިގެން ހުރީ އޭނާ އެވެ.
ކްރޫޒް ވީއައިޕީ އަށް ވަންނަންދެން ވެސް ހުރީ ކެޓީ ހޯމްސްގެ ހަށިގަނޑުގައި ހިފަހައްޓާލައިގެންނެވެ.
ދެ ތަރިން ފުރަން ހުޅުލެ އަށް އައި މަންޒަރު ވީޑިއޯކޮށް ފާޅުގައި ފޮޓޯނަގާ ހެދީ ހަވީރުގެ ޓީމުންނާއި އިޓަލީގެ ފްރީލާންސް ފޮޓޯގްރާފަރަކު އެކަންޏެވެ. ނަމަވެސް ވީއައިޕީ ލައުންޖުގައި އެއާޕޯޓްގެ ބައެއް މުވައްޒަފުންނާ އެކު އެ ދެމަފިރިން ފޮޓޯ ނަގާ ހެދި އެވެ. އޭގެ ބައެއް ފޮޓޯ ވެސް ހަވީރުގެ ޓީމަށް ލިބިފައިވެ އެވެ.
ދެމަފިރިން ފާލަމުން ފައިބައިގެން ވީއައިޕީ ލައުންޖަށް ވަންނަންދެން ވީޑިއޯކުރީ ހަވީރުގެ ނޫސްވެރިޔާ އަބްދުﷲ ޖަމީލު އެކަންޏެވެ. އެ މަންޒަރު ފޮޓޯ ނެގި ދިވެހި ހަމައެކަނި ފޮޓޯގްރާފަރަކީ ހަވީރުގެ ސީނިއަ ސަބްއެޑިޓަރު އަހުމަދު އަބްދުﷲ ސައީދެވެ. އަދި ހަވީރުގެ ޓީމުން ޓޮމްކްރޫޒްގެ ހަމީމޫނާ ބެހޭ ގޮތުން ސުވާލުކުރުމުން ހިނިތުންވެލާފައި ކްރޫޒް ބުނީ "މިހިރީ ވަރަށް ހިތްހަމަ ޖެހިފައި" ކަމަށާއި "އަދިވެސް ރާއްޖެ އަންނަން ބޭނުން" ކަމަށެވެ. އެއަށް ފަހު އޭނާ ހަވީރުގެ ނޫސްވެރިންނަށް އޮޓޯގްރާފް ވެސް ދިނެވެ.
ޓޮމް ކްރޫޒް މީގެ ކުރިން ދެ ކައިވެނިކޮށްފައި ވާއިރު ފުރަތަމަ ކައިވެނިކޮށްފައި ވަނީ 1987 ވަނަ އަހަރުގެ މޭ މަހުގެ ނުވަ ވަނަ ދުވަހު މިމީ ރޮގާސްއާ އެވެ. އެ ކައިވެނި 1990 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަތަރު ވަނަ ދުވަހު ނިމުމަކަށް އައިސްފައި ވާއިރު ދެ ވަނަ ކައިވެނި ކޮށްފައި ވަނީ ހޮލީ ވުޑްގެ މަޝްހޫރު ތަރި ނިކޯލް ކިޑްމަންއާ އެވެ. އެ ކައިވެނިކޮށްފައި ވަނީ 1990 ވަނަ އަހަރުގެ ޑިސެމްބަރު މަހު 24 ވަނަ ދުވަހު އެވެ. މި ކައިވެނި ނިމުމަކަށް އައިސްފައި ވަނީ 2001 ވަނަ އަހަރުގެ އޯގަސްޓް މަހު ނުވަ ވަނަ ދުވަހު އެވެ. ކައިވެނި ރޫޅާލި އިރު ނިކޯލް އިނީ ބަލިވެ އެވެ. މި ކައިވެނި ރޫޅުނު އިރު ނިކޯލް އާއި ކްރޫޒް ދެ ކުއްޖަކު ވަނީ އެޑަޕްޓްކޮށްފަ އެވެ. އެއީ އިސަބެއްލާ، 13 އަދި ކޮނާ، 11 އެވެ. މި ދެކުދިން ވެސް ވަނީ ކްރޫޒް އެންމެ ފަހުން ކުރި ކައިވެނީގެ ހަފުލާގައި ބައިވެރިވެފަ އެވެ.
ކްރޫޒް، ކެޓީ އަށް ލޯބި ހުށަހަޅާފައި ވަނީ އީފިލް ޓަވަރުގެ އެންމެ އުހުގައި ހުރެ، 2005 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެ ދެ މީހުން ކައިވެނިކުރަން ނިންމާފައިވާކަން 17 ޖޫން 2005 ގައި އިއުލާނުކުރުމަށް ފަހު ކައިވެނިކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހު 18 ވަނަ ދުވަހު އެވެ.
ހަވީރު ހާއްސަ: 14 ދުވަހުގެ ހަނީމޫން ދަތުރު ނިންމާލުމަށް ފަހު، ޓޮމް ކްރޫޒާއި ކެޓީ ހޯމްސް އިއްޔެ ރާއްޖެ އިން ފުރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ