ވަށަފަރު އިންޖީނުގެ ހިންގުން އަމިއްލަ ބަޔަކާ ހަވާލުކޮށްފި
ހއ. ވަށަފަރު އިންޖީނުގެ ހިންގުން 10 އަހަރު ދުވަހުގެ މުއްދަތަށް އަމިއްލަ ބަޔަކާ އެ ރަށު ކައުންސިލުން މިއަދު ހަވާލުކޮށްފި އެވެ. ތެލުގެ އަގު ބޮޑުވެ ކަރަންޓުގެ ހިދުމަތް ދިނުމުގައި ދަތިތަކާ ދިމާވެފައިވާތީ އެކަން ހައްލު ކުރުމަށްޓަކައި ވަށަފަރު އިންޖީނުގެ ހަވާލުކުރީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މާޝަލް އިންޓަނޭޝަނަލްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ މާޝަލް އިންޓަނޭޝަނަލް މޯލްޑިވްސްއާ އެވެ. ވަށަފަރު އިންޖީނުގެ ހިންގުން އަމިއްލަ ބަޔަކާ ހަވާލު މިކުރީ އެ ރަށުން ތެޔޮ ހުސްވެ، އިންޖީނު ހަލާކުވެގެން 24 ގަޑިއިރުގެ ހިދުމަތް ހަފުތާއެއްހާ ދުވަސް ވަންދެން މެދު ކެނޑިފައި އޮތުމަށް ފަހު އެވެ.އިދިކޮޅު ޑީއާރުޕީގެ ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ ވަށަފަރު ކައުންސިލްގެ ރައީސް އަބްދުﷲ ޒާހިރު މިއަދު ވިދާޅުވީ މާޝަލް އިންޓަނޭޝަނަލް މޯލްޑިވްސް އާ އިންޖީނުގެ ހަވާލުކުރީ އެތަން ހިންގައިދޭނެ ބަޔަކު ހޯދުމަށް ދެ ފަހަރު މަތިން ކުރި އިއުލާނަށް ވެސް އިޖާބަދިނީ ހަމައެކަނި އެ ކުންފުނިން ކަމަށްވާތީ ކަމަށެވެ. "ތެލުގެ ހަރަދު ބޮޑުވެ، އާމްދަނީ ލިބުމަށް ތަފާތު ދަތިތައް ދިމާވަމުން ގެންދާތީ އިންޖީނުގެ ހިންގުން ބަޔަކާ މި ހަވާލުކުރީ. އިންޖީނުގެ ހިންގާ މުއްދަތުގެ ތެރޭގައި އެ ފަރާތުން ފުރިހަމަ ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތައް ޕްލޭންގައި ހިމެނޭނެ،" ޒާހިރު ވިދާޅުވި އެވެ. މާޝަލް އިންޓަނޭޝަނަލްގެ ކަންޓްރީ ޑައިރެކްޓަރު އަލީ ހާޝިމް ވިދާޅުވީ ވަށަފަރު ރައްޔިތުންގެ އިންޖީނުގެ މެނޭޖްމަންޓާ ހަވާލުވި ނަމަވެސް އެ ތަނުގެ މިލްކުވެރިކަމާ އެ ކުންފުނިން ނުބެހޭނެ ކަމަށެވެ. ހަމައެކަނި މާޝަލް އިންޓަނޭޝަނަލް މޯލްޑިވްސް އިން ކުރާނެ ކަމަކީ ވަށަފަރު ރައްޔިތުންނަށް ފައިދާވާ ގޮތަށް އިންޖީނުގެ ހިންގައި ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ ވަރަށް ބޮޑު ގެއްލުމަކާއެކު އިންޖީނުގެ ހިންގަމުން މި އައީ. އަޅުގަނޑުމެންގެ އަމާޒަކީ އެ ގެއްލުން ފޫ ބެއްދޭ ގޮތަށް ރައްޔިތުންނަށް ހިދުމަތް ދިނުން. އަޅުގަނޑުމެން ހަވާލުވިއިރު ކޮންމެ މަހަކު ކޮންމެ މީޓަރަކަށް 100ރ.. އެބަނަގާ. އެ ވެސް ގެއްލުންވާތީ ނަގަމުން އައި އެއްޗެއް. އެކަމަކު އަޅުގަނޑުމެން އެ ވެސް ނުނަގާނަން. އަޅުގަނޑުމެން އިންޖީނުގެ ހިންގާނީ ރަށު ކައުންސިލަށް ކޮންމެ މަހަކު ކުއްޔެއް ވެސް ދައްކާ ގޮތަށް،" ހާޝިމް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވާނެ އިންޖީނުގެ ހިންގުމާ ގުޅޭ މާސްޓަ ޕްލޭނެއް ރަށު ކައުންސިލަށް ހުށަހަޅާފައި. އޭގައިވާ ގޮތަށް ކުރިއަށް ދާނެ އިރާދަކުރެއްވިއްޔާ." ހާޝިމް ވިދާޅުވީ މާޝަލް އިންޓަނޭޝަނަލް މޯލްޑިވްސް އިން ބޭނުންވަނީ ވަށަފަރުގެ އިތުރުން އެހެން ރަށްރަށުގެ އިންޖީނުގެ ތަކުގެ މެނޭޖްމަންޓާ ހަވާލުވެ ހިންގައިދޭން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ