އަރިދަފުސް ރޯގާ ޖެހޭ މީހުން ނަސަންދުރައިގެ ފުލޫ ކްލިނިކަށް

ރާއްޖޭގައި 12 މީހަކަށް އޫރު ރޯގާ ޖެހި އޭގެ ތެރެއިން އެކަކު މަރުވެ އަރިދަފުސް ރޯގާއާ މެދު ކަންބޮޑުވުން އިތުރު ވެފައިވާ މި ދަނޑިވަޅުގައި ރޯގާ ޖެހޭ މީހުންނަށް ހިލޭ ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެއްސުމުން ވަރަށް ގިނަ ބަޔަކު އެ ފުރުސަތުގެ ބޭނުން އެބަ ހިފަ އެވެ.
އިންފްލުއެންޒާ-އޭ އާއި އެޗް 1އެން 1 ގެ ވައިރަސް ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުން ދިޔުމުގެ އިތުރުން މާލޭގައި އަރިދަފުސް ރޯގާ އިތުރުވަމުން ދާތީ، ނަސަންދުރަ ޕެލަސް ހޮޓެލް ހިންގި އިމާރާތުގައި އާދީއްތަ ދުވަހު ހުޅުވި އައިޖީއެމްއެޗުގެ ފްލޫ ކްލިނިކަށް މިދިޔަ ދެ ދުވަހު 507 މީހަކު ދައްކާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުންޏެވެ. އެ މިނިސްޓްރީން ބުނީ އޭގެ ތެރެއިން އެކަކަށް ވެސް އިންފްލުއެންޒާ-އޭ ވެސް، އެޗް 1އެން 1 ވެސް ޖެހިފައި ނުވާ ކަމަށެވެ. ފްލޫ ކްލިނިކް ހުޅުވާފައި ހުންނަނީ ހެނދުނު 00: 9 އިން ރޭގަނޑު 00: 7 އަށެވެ.
ރިސެޕްޝަނަކާއި ބޭސް ވިއްކާ ފިހާރައަކާއި ބަލިމީހުން ބަލާ ހަތަރު ކޮޓަރި ހިމެނޭ ގޮތަށް ނަސަންދުރާގައި މި ކްލިނިކް ހުޅުވުމުން، އަރިދަފުސް ރޯގާ ޖެހިފައިވާ މީހުންނާއި އެޗް 1އެން 1 އަށް ޝައްކު ކުރެވޭ މީހުން އައިޖީއެމްއެޗުގައި ބެލުން ވަނީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. ނަސަންދުރާގައި ހާއްސަ ކްލިނިކް ކުރިއަށް ގެންދިޔަސް ޑޮކްޓަރަށް ދެއްކުމަށް ވަރަށް ގިނަ އިރު ކިޔޫގައި ތިބެން ޖެހެ އެވެ.
އިއްޔެ ހަވީރު ނަސަންދުރަ އަށް ދިޔަ ބައެއް މީހުންނަށް ޑޮކްޓަރަށް ދެއްކިފައި ވަނީ އެއް ގަޑިއިރަށް ވުރެ ގިނަ އިރު އެ ތަނުގައި މަޑުކޮށްގެންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ދުވަސްވީ މީހުން ވެސް ހިމެނެ އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަހުމަދު ހަލީލް ވިދާޅުވީ ފްލޫ ކްލިނިކަށް އާދީއްތަ ދުވަހު 194 މީހަކު ދައްކާފައި ވާއިރު އިއްޔެ އެ އަދަދު 313 އަށް އެރި ކަމަށެވެ. އަދި އިންފްލުއެންޒާ-އޭ އަށް ޝައްކު ކުރެވިގެން އޭގެ ތެރެއިން 13 މީހަކު ޓެސްޓު ކުރަން ޖެހިފައިވީ ނަމަވެސް އެކަކު ވެސް ޕޮޒިޓިވް ވެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެއްސައި ކިނބިހި އެޅުމުގައި އަނގަޔާއި ނޭފަތް ނިވާ ކުރުމަށާއި ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމުގެ އާދަ ގެންގުޅުމަށް ސިއްހީ އޮފިޝަލުން ތަކުރާރުކޮށް ދަނީ ނަސޭހަތްތެރިވަމުންނެވެ. އަދި އަރިދަފުސް ރޯގާ ޖެހޭ މީހުން މާސްކު އަޅައިގެން އުޅުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
އެޗް 1އެން 1 ހޮޓްލައިން އަކީ 3304829 އެވެ.
އޫރު ރޯގާގެ ނުރައްކާތެރިކަން ދައްކައިދޭ މިންގަނޑު ރާއްޖޭގައި އޮތީ ހަތަރު ވަނަ ދަރަޖައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ