ސަރުކާރުގެ ގާނޫނީ ސައްހަކަން ކަނޑައެޅުމަކީ ކޯޓުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސިޔާސީ ކަމެއް ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.
ރާޅުގަނޑު ސަރަހައްދުގައި މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި "ހަވީރު"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތައް ދިމާވުމުގެ އެންމެ ބޮޑު ސަބަބަކީ ކޯޓުތަކުގެ ހާލަތު ކަމަށެވެ. އަދި ކޯޓުތަކުން އިންސާފު ގާއިމުކުރެވޭނެ ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ކޯޓުން ލިބޭނެ ހައްލެއް އޮންނާނެ ކަމަކަށް އަޅުގަނޑުމެން ނުދެކެން. އަދި އަމުދުން މިފަދަ ސިޔާސީ ހައްލުތަކަކީ ކޯޓެއް މެދުވެރިވެގެން ޝަރީއަތަކުން ލިބޭނެ ހައްލުތަކެއް ނޫން. މިއީ ސިޔާސީ ކަންކަން. ސިޔާސީ ހައްލުތައް ލިބޭނީ އިންތިހާބުތަކުން،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން އިންތިހާބަކުން ކަނޑައަޅާފައިވާ ވެރިކަން ވައްޓާލާފައި ވަނީ ބަގާވާތަކުން ކަމަށެވެ. އެހެންކަމުން ދެން ޖެހެނީ އަލުން އަނބުރާ ކުރީގެ ވެރިކަމަށް ރުޖޫއަވާން ކަމަށާއި އެކަމަކު އެމްޑީޕީން މިހާރު އެދެމުން މިދަނީ އަވަސް އިންތިހާބެއް ބާއްވައި އެ އިންތިހާބަކުން ހޮވިވަޑައިގަންނަވާ ބޭފުޅަކު ވެރިކަންކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ތަންތަނުގައި އަލިފާން ޖަހާ ހަދާފައި ވަނީ ފުލުހުންނާއި މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އަމިއްލަ އަށް ކަމަށެވެ. އަދި އޭގެ ތުހުމަތު ރައްޔިތުންގެ ބޮލުގައި ނޭޅުވުމަށް ވެސް އިންތި ވަނީ ގޮވާލައްވައިފަ އެވެ.
އޭނާ އަދި ވިދާޅުވީ މިހާރު ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރަކީ އަނިޔާވެރި ސަރުކާރެއް ކަމަށާއި އެމްޑީޕީގެ ވެރިކަން ވެއްޓުމަށް ފަހު ބޭއްވި ފުރަތަމަ ހިނގާލުން ރޫޅާލި ގޮތުން ވެސް އެކަން އެނގޭ ކަމަށެވެ. އަދި އެމްޑީޕީގެ އަޑު ކަނޑުވާލުމަށްޓަކައި އެކި މީހުންނަށް ކުރަމުންދާ ދައުވާތައް ހުއްޓާލުމަށް ވެސް އޭނާ ވަނީ ގޮވާލައްވަފަ އެވެ.
އިންތި ވަނީ ރައީސް ވަހީދު އައްޑޫގައި ދެއްކެވި ބައެއް ވާހަކަތަކަށް ވެސް ރައްދު ދެއްވައިފަ އެވެ. ރައީސް ވަހީދު، ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ރަނިންމޭޓަކަށް ވެ ވަޑައިގަތީ އެމްޑީޕީގައި އެކަމަށް ކުރިމަތިލާނެ މީހަކު ނެތިގެން ނޫން ކަމަށާއި އެކަން އެގޮތަށް ނަޝީދު ކުރެއްވީ ކޮންމެ އިންތިހާބެއްގައި ނާކާމިޔާބުވުމުން ރައީސް ވަހީދު "ކަނބިއްޔެއްހެން" ގައުމު ދޫކުރައްވައި ފިއްލަވާތީ، މި ގައުމުގައި ބެހެއްޓުމުގެ ބޭނުމުގައި ކަމަށް އިންތި ވިދާޅުވި އެވެ.
ސަރުކާރުގެ ގާނޫނީ ސައްހަކަން ކަނޑައެޅުމަކީ ކޯޓުން ކުރެވޭނެ ކަމެއް ނޫން: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ