އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށް ކަނޑައަޅައި ތަޅުދަނޑި ދޫކުރުމަށް މަދަނީ ކޯޓުން ހުކުމްކޮށްފި

ދާއިމީ ސުޕްރީމް ކޯޓު އުފެދުމާ ހަމައަށް އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތަޅުދަނޑި އެ ކޯޓުން ބޭނުންވާ ކޮންމެ ހިނދެއްގައި ދޫކުރުމަށް ޑިފެންސް މިނިސްޓްރީ އަށް މަދަނީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގާޒީ އާއިޝާ ޝުޖޫން އާއި ހާތިފް ހިލްމީ އާއި އިސް ގާޒީ އަލީ ސަމީރު ބެއްލެވި މައްސަލައިގައި ހުކުމް އިއްވަވަމުން އިސް ގާޒީ ވިދާޅުވީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންކުރާ ސުޕްރީމް ކޯޓު އުފެދުމާ ހަމައަށް އިންތިގާލީ ބާބުގެ ދަށުން އުފެއްދި ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމާމެދު ގާނޫނީ ގޮތުން ދެބަސްވެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ތަޅުދަނޑިއަކީ އެ ކޯޓުގެ ރުހުމަކާ ނުލައި އެއްވެސް ފަރާތަކަށް ހިފެހެއްޓޭނެ އެއްޗެއް ނޫން ކަމަށާއި އެ ކޯޓުން ބޭނުންވާ ކޮންމެ ހިނދެއްގައި ސުޕްރީމް ކޯޓުން އަންގާ ގޮތެއްގައި މަތިން ތަޅުދަނޑި ދޫކުރަންޖެހޭނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.
"ސުޕްރީމް ކޯޓުގެ ތަޅުދަނޑި ސުޕްރީމް ކޯޓުން އެދޭ ކޮންމެ ހިނދަކު ވަގުތުން ސުޕްރީމް ކޯޓާ ހަވާލު ކުރުމަށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީއަށާއި މިކަމުގައި ޝާމިލްވާ ކަމާބެހޭ އެންމެހާ ފަރާތްތަކަށް އަންގައި ދައުލަތުގެ [އެޓާނީ ޖެނެރަލް އޮފީހުގެ] ޣައިރު ހާޒިރުގައި ހުކުމްކޮށްފިން،" އިސް ގާޒީ ވިދާޅުވި އެވެ.
ޕީޖީގެ ފަރާތުން ކުރި އެ ދައުވާއަކީ ކުރެވޭނެ ދައުވާއެއް ކަމަށް ވެސް މަދަނީ ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. މިއީ ޕީޖީގެ ފަރާތުން މަދަނީ ކޯޓުގައި ކުރި ފުރަތަމަ ދައުވާ އެވެ.
ބަންޑާރަ ނައިބު އިސްތިއުފާދެއްވުމުން މަދަނީ ކޯޓުން ވަނީ ދައުލަތަށް ދައުވާ ލިބޭ އަދި ދައުލަތުން ދައުވާ ކުރާ ހުރިހާ މައްސަލަތައް ކެންސަލްކޮށްފަ އެވެ. ނަމަވެސް އިސް ގާޒީ އަލީ ސަމީރު ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދަވަން ނިންމެވީ މި މައްސަލައިގައި އަޑުއެހުން ބޭއްވި އިރު ބަންޑާރަ ނައިބަކު ހުރުމުންނާއި ހާޒިރުނުވެއްޖެ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ނިންމޭނެކަން ބަންޑާރަ ނައިބުގެ އޮފީހަށް އަންގާފައިވާތީ އާއި މި މައްސަލައަކީ ކޯޓުން ގޮތެއް ކަނޑައަޅުން ވަރަށް މުހިންމު މައްސަލައެއް ކަމަށްވާތީ ކަމަށެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ކުރި ދައުވާގައި ބުނެފައި ވަނީ ޑިފެންސް މިނިސްޓްރީއިން ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓުމުން އެ ކޯޓު ހަރުދަނާ ގޮތެއްގައި ހިންގުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އަދުލް އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.
އެ މައްސަލައިގައި ޕީޖީ އޮފީހުން ވަކާލާތު ކުރެއްވީ މަހްމޫދް ސަލީމާއި އަހުމަދު ތައުފީގެވެ.
12: 15 - ދާއިމީ ސުޕްރީމް ކޯޓު އައްޔަން ކުރެވެން ދެން އިންތިގާލީ ސުޕްރީމް ކޯޓު ދެމިއޮންނާނެ ކަމަށް މަދަނީ ކޯޓުން ކަނޑައަޅައި އެ ކޯޓުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވަގުތުން ތަޅުދަނޑި ހަވާލު ކުރުމަށް އެމްއެންޑީއެފަށާއި ކަމާބެހޭ ފަރާތްތަކަށް އަންގައި ދެންމެ ހުކުމް ކޮށްފި އެވެ.
30: 10 - ސުޕްރީމް ކޯޓުގެ ތަޅުދަނޑިތައް، އެ ކޯޓުން އަންގާ ގޮތެއްގެ މަތިން، ހަވާލު ކުރުމަށް ސިފައިންނަށް އެންގުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ޕީޖީ އޮފީހުން މަދަނީ ކޯޓުގައި އެދިއްޖެ އެވެ.
ސިފައިން ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓި މައްސަލަ ޕީޖީ އޮފީހުން ރޭ ކޯޓަށް ހުށަހެޅުމުން ދާދި ދެންމެއަކު އެ ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި ޕީޖީ އޮފީހުން އެދިފައި ވަނީ ސުޕްރީމް ކޯޓުން އަންގާ ގޮތެއްގެ މަތިން އެ ތަނުގެ ތަޅުދަނޑި ހަވާލު ކުރުމަށާއި ސުޕްރީމް ކޯޓުން ބޭނުންވާ ގޮތަކަށް އެ ތަޅުދަނޑި ގެންގޮސް ގެނެވޭނެ އުސޫލެއް ހަމަޖެއްސުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް އަމުރު ކޮށްދިނުމަށެވެ.
މަދަނީ ކޯޓުގެ ތިން ފަނޑިޔާރަކު ބައްލަވާ މި މައްސަލައިގައި ދައުލަތުން ޖަވާބުދާރީ ވުމަށް ކޯޓަށް ހާޒިރު ވުމަށް އަންގައި އޭޖީ އޮފީހަށް ޗިޓު ފޮނުވާފައިވީ ނަމަވެސް އެ އޮފީހުން ހާޒިރެއް ނުވެ އެވެ.
އަޑުއެހުން ފެށީ 30 މިނިޓް ވަންދެން އޭޖީ އޮފީހަށް މަޑުކޮށްފަ އެވެ. ފަނޑިޔާރުން ވިދާޅުވީ މި މައްސަލައަކީ ގާނޫނު އަސާސީގެ ވަރަށް ގިނަ މާއްދާތަކާއި ވަރަށް ގިނަ ހައްގުތައް ހިމެނޭ މައްސަލައަކަށް ވާތީ އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމީ ކަމަށެވެ. އަދި އޭޖީ އޮފީހުން ނައި ނަމަވެސް ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދަވާނެ ކަން އެ އޮފީހަށް ވާނީ އަންގާފައި ކަމަށާއި ނަމަވެސް އޭޖީ އޮފީހުން ހާޒިރު ވެފައި ނުވާއިރު ޖަވާބެއް ވެސް ދީފައި ނުވާ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
މި މައްސަލަ ބައްލަވަނީ މަދަނީ ކޯޓުގެ އިސް ފަނޑިޔާރު އަލީ ސަމީރާއި އެ ކޯޓުގެ ފަނޑިޔާރުން ކަމަށްވާ އާއިޝާ ޝުޖޫން އާއި ހާތިފް ހިލްމީ އެވެ.
މިއަދުގެ ވަގުތެއްގައި އަމުރާ މެދު ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.
00: 10 - ސިފައިން ސުޕްރީމް ކޯޓުގެ ތަޅުދަނޑި ހިފެހެއްޓި މައްސަލަ މަދަނީ ކޯޓުގައި މިއަދު ކުރިއަށް ގެންދަން ނިންމައިފި އެވެ. މި މައްސަލަ ރޭ ކޯޓަށް ވެއްދީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.
54: 9 - ނަން ނުޖެހުމަށް ޝަރުތުކުރައްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވިދާޅުވީ، "މިހާރުގެ މަސްރަހު ހުރި ގޮތުން" މިއަދު ކޯޓަށް ނުނުކުންނެވީ ކަމަށާއި ކޯޓަށް ވަޑައިގަތަސް ކޯޓުގެ އެތެރެއަށް ވަދެވަޑައިގަނެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. އަދި ސުޕްރީމް ކޯޓު މިހާރު ހުރީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމާއި އެ ކޯޓަށް ވަދެވެނީ ސިފައިން ހުއްދަ ދޭ ބަޔަކު ކަން އެނގިވަޑައިގެންފައިވާ ކަމަށް ވެސް އެ ފަނޑިޔާރު ވިދާޅުވި އެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ކޯޓަށް ވަދެވެނީ ކޯޓުގެ ކާޑު ދެއްކީމާ އެތާނގެ އިދާރީ މުވައްޒަފުންނަށް އެކަނި. މިހާރު [ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު] ހަސަން އަފީފާއި [ސްޕެޝަލް އެންވޯއީ ޓު ދަ ޕްރެޒިޑެންޓް އިބްރާހީމް ހުސައިން] ޒަކީ އާއި [ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު] އަސްލަމް ޝާކިރު ކޯޓަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވަމުން ގެންދަވާކަން އެނގިފައި އޮތީ. އިތުރު ބަޔަކަށް ނުވަދެވޭ ކަމަށްވަނީ. އެހެންވެ ދިއުމުގެ މާނައެއް ނެތެއް ނޫންތޯ؟" ފަނޑިޔާރު ވިދާޅުވި އެވެ.
24: 9 - ރައީސްގެ ގަރާރަކުން ސުޕްރީމް ކޯޓުގެ އިދާރީ ހިންގުން ހަވާލު ކުރެއްވި ބޭފުޅުން ދެންމެ އެ ކޯޓަށް ވަޑައިގެންފި އެވެ.
11: 9 - ސުޕްރީމް ކޯޓު ތެރޭގައި ސިފައިންނާއި ފުލުހުން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާތީ، އެ ތަނަށް ފަނޑިޔާރުން ވަނުމަށް ހުރަސްއެޅިފައިވާ ކަމަށް ބައްލަވައި މިއަދު އަދި ކޯޓަށް ވަޑައިނުގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ދެންމެ ވިދާޅުވެއްޖެ އެވެ.
ސައީދު ހަވީރަށް ވިދާޅުވީ ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަނުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި އަފީފާއި ޒަކީ އާއި އަސްލަމް ޝާކިރު މިއަދު އެ ތަނުގައި އުޅުއްވަނީ ވެސް ޣައިރު ގާނޫނީ ގޮތުގައި ކަމަށެވެ.
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރަކު ވެސް މިއަދު ކޯޓަށް ވަޑައިގެންނެވި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
"ފަނޑިޔާރުންގެ ހަވާލުގައި ހުރި ތަކެތި ސުޕްރީމް ކޯޓުގައި ހުރި އިރު އެ އެއްޗެއްސަށް ވާނެ ގޮތެއް ވެސް މިހާރަކު ނޭނގޭ. މީގެ ސަބަބުން މީހުންގެ ހައްގުތަކަށް ހުރަސް އެޅެމުން މިދަނީ،" ސައީދު ވިދާޅުވި އެވެ.
58: 8 - ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފާއި ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ ސުޕްރީމް ކޯޓުގެ މުވައްޒަފުންނާ އެ ތަނުގައި ބައްދަލު ކުރައްވަމުން އެބަ ގެންދަވަ އެވެ.
58: 7 - ސުޕްރީމް ކޯޓުގެ ތަޅުދަނޑި އިއްޔެ ހަވީރު ސިފައިން ހިފެހެއްޓުމަށް ފަހު މިއަދު ހެނދުނު އެ ތަން ހުޅުވާފައި ވަނީ ސިފައިންނެވެ. އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން މިއަދު ތަޅުދަނޑި ބަލާ ދިއުމުން ވެސް ސިފައިން ވަނީ ތަޅުދަނޑި ދެވެން ނެތް ކަމަށް ބުނެފަ އެވެ.
މިއަދު 30: 7 ހާއިރު ސިފައިން ސުޕްރީމް ކޯޓު ހުޅުވާފައިވާ އިރު ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފް އެ ކޯޓު ހުންނަ ތީމުގޭގައި އުޅުއްވި މަންޒަރު މީގެ ކުޑައިރުކޮޅެއް ކުރިން ވަނީ ފެނިފަ އެވެ. އަދި ރައީސް އޮފީހުގެ ފައިނޭންސް ސެކްރެޓަރީ އާއި ފިނޭންސް ސްޓޭޓް މިނިސްޓަރު އަސްލަމް ޝާކިރު އެ ތަނުގައި އެބަ އުޅުއްވާ ކަމަށްވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މިހާތަނަށް އެ ތަނަށް ވަޑައިގެންނެވި ކަމެއް އެނގިފައެއް ނުވެ އެވެ. ނަމަވެސް އެ ކޯޓުގެ މުވައްޒަފުން ތީމުގެއަށް ވަންނަމުން އެބަދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ