އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ ގައުމަށާއި ރައްޔިތުންނަށްޓަކައި - މައުމޫން

އަންނަ މަހުގެ 7 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރިމަތިލާ އެ އިންތިހާބު ކާމިޔާބުކުރަން ބޭނުންވަނީ ގައުމަށާއި ރައްޔިތުންނަށްޓަކައި ކަމަށް ކުރީގެ ރައީސް އަދި އެޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނާއި އީދު ސަލާން ކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަސަންދުރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއިން އިންތިހާބަށް ކުރިމަތިލީ ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ހޯދަދިނުމަށްޓަކައި ކަމަށާއި ދިވެހި ރައްޔިތުންނަށް އިތުރު ތަރައްގީ އާއި އިތުރު ކުރިއެރުން ހޯދަ ދިނުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑު ޕީޕީއެމް ރައީސްގެ ހައިސިއްޔަތުން ދަންނަވަން އޮތީ ޕީޕީއެމް މި އިންތިހާބަށް ކުރިމަތިލައިގެން މިއުޅެނީ ހަމަ ދިވެހި ރައްޔިތުންނަށްޓަކައޭ، ދިވެހި ގައުމަށްޓަކައޭ، ދިވެހި ރައްޔިތުންނަށް ހެވާ ލާބަ ހޯދާ ދިނުމަށްޓަކައޭ، ދިވެހި ރައްޔިތުންނަށް އިތުރު ތަރައްގީ އާއި އިތުރު ކުރިއެރުންތައް ހޯދާދިނުމަށްޓައޭ، އިތުރު އަމާން ކަމާއި ސުލްހަ މަސްލަސްކަން ގެނެސްދިނުމަށްޓަކައޭ،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ އިގްތިސޯދީ ގޮތުން ރާއްޖެ ދަތި ހާލެއްގައި އޮތްއިރު ލިބޭ އާމްދަނީ މަދުވެފައިވާ ކަމަށާއި ދިރިއުޅުމުގެ ކަންތައްތައް ވެސް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ.
މީގެއިތުރުން ސުލްހަމަސްލަސްކަން ރާއްޖޭގައި ނެތް ކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ މިއަދު މަގުމަތީގައި ހިނގަނީ ބިރުން ތިބެ ކަމަށާއި އެކި ގޮތްގޮތުން ނުރައްކާތަކާއި ދިމާވަމުންދާ ކަމަށެވެ. އަދި ކުށް ކުރާ މީހުންނަށް އަދަބުދޭތަން ނުފެންނަ ކަމަށާއި ނަމަވެސް ކުށް ކުރާ މީހުންނަށް އަދަބު ދިނުމަކީ މި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"މިނިވަން މުއައްސަސާތައް ވެސް އެކި އެކި ފަރާތްތަކުން ހިސޯރުކޮށްގެން އެއްވެސް މުއައްސަސާއަކަށް އެ މުއައްސަސާގެ ވާޖިބު އަދާކުރެވޭނެ ގޮތެއް މިއަދަކު ނެތް، މި ހިތާމަވެރި ހާލަތުން އަޅުގަނޑުމެން ޖެހޭ ބަދަލުވާން، ދިވެހި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ މިގޮތަށް އުޅޭކަށް ނޫން." މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރާއްޖެއަކީ އަމާން ތަނަކަށް ހަދާ ރައްޔިތުންނަށް ބޭނުންވާ ތައުލީމާއި ސިއްހަތާއި އެނޫން ވެސް ކަންތައް ރަނގަޅަށް ލިބޭ ތަނަކަށް ހަދަން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެކަކު އަނެކަކަށް އިހްތިރާމްކޮށް އެކަކު އަނެކަކަށް ލޯބިވާ މުޖުތަމައުއަކަށް ހަދަން ރައްޔިތުން ބޭނުންވަނީ، އެހެންވީމަ މި މަގްސަދު ހާސިލް ކުރުމަށްޓަކައި ޕީޕީއެމް އިން ރިޔާސީ އިންތިހާބަށް ކުރިމަތިލާފައި މިވަނީ." ރައީސް މައުމޫން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުން ޕީޕީއެމް ފެއިލްވެއްޖެނަމަ ރާއްޖޭގެ ރައްޔިތުން ވަރަށް ހިތް ދަތި މުސްތަގުބަލަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި އެކަން އެއްވެސް މީހަކު ހަދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެންކަމުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތަކީ އެންމެން ކުރަންޖެހޭ މަސައްކަތެއްކަމަށާއި އެ އިންތިހާބު ކާމިޔާބު ވާނީ ކޮންމެ މީހަކު ވެސް މަސައްކަތްކޮށްގެން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވެސް މިވީހާ ތަނަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މާދަމާއިން ފަށައިގެން އަތޮޅު ތަކަށް ޒިޔާރަތް ކުރައްވަން ފައްޓަވާނެ ކަމަށް ވެސް މައުމޫން މިއަދު އިއުލާން ކުރެއްވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ޔިތުން މިހާރު ތިބީ ހަތަރު އަނގޮޅިއަކަށް އާދެވިފައި ކަމަށާއި އެތަނުން އެއް މަގަކީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތު ރައްކާތެރިކޮށްދީ ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދަދީ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތްކުރާނެ މަގު ކަމަށެވެ.
"ރައްޔިތުންނަށް އިތުރު ޑިމޮކްރަސީގެ ހައްގުތަކާއި ޑިމޮކްރަސީގެ ފަސޭހަތައް ގެނެސްދޭނެ މަގު، ރައްޔިތުންނަށް ހުރިހާ ގޮތަކުން ވެސް ކުރިއަށް ދެވޭނެ ގޮތްތައް ތަނަވަސްކޮށްދޭނެ މަގު، ރާއްޖޭގެ މުސްތަގުބަލު އުޖާލާވެ މުސްތަގުބަލަކީ އުފާވެރި މުސްތަގުބަލަކަށް ހަދާ ދެވޭނެ މަގު." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވި އަނެއް މަގަކީ ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓޭނެ މަގެވެ. އެމަގު ހިޔާރުކޮށްފިނަމަ މާތްވެގެންވާ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަން ކަމާއި ސިޔާދަތާއި އިގްތިސޯދީ ފުދުންތެރިކަން މިއަދަށް ވުރެ ވެސް ދަށަށް ދާނެ އެވެ. އަދި ރާއްޖޭގެ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އެހެންކަމުން ރައީސް މައުމޫނި ވަނީ އިންތިހާބުގައި ވޯޓު ދެއްވާއިރު ވިސްނުން ތެރި ކަމާއި އެކު ވޯޓު ދެއްވުމަށާއި ޕީޕީއެމް އާއި ބައިވެރިވުމަށް މިއަދު އިލްތިމާސްވެސް ކުރައްވާފައެވެ.
ރައީސް މައުމޫނާއި އީދު ސަލާމްކުރެއްވުމަށްޓަކައި ގިނަ އަދަދެއްގެ ބަޔަކު ވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ވަޒީރުންނާއި މައުމޫން ސަރުކާރުގެ ވަޒީރުންގެ އިތުރުން ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި ހިމެނިވަޑައިގަންނަވަ އެވެ. އަދި އެތައް ސަތޭކެ ބަޔަކު މިއަދު ރައީސް މައުމޫނާއި ސަލާމް ކުރެއްވި އެވެ.
އަދި މައުމޫނާ ސަލާމްކުރެއްވުމަށް އިސްލާމިކް މިނިސްޓަރު ސެއިޚް މުހައްމަދު ޝަހީމް ވެސް ވަޑައިގެންނެވި އެވެ.
މައުމޫންގެ އީދު ސަލާމްކުރެއްވުމުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ބައިވެރިވެވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ