ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ޝިޔާމް (ސަންޓްރެވަލް ޝިޔާމް) ގެ މޯލްޑިވްސް ޑިވެލްޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި ދެމެދު ކޯލިޝަން ހެދުމަށް ކުރަންމުންދާ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އުތުރުގެ އަތޮޅުތަކުގެ ތެރެއިން ބައެއް ރަށްރަށަށް ކުރި ކެމްޕެއިން ދަތުރު ނިންމާލެއްވުމަށް ފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ އާއި ކޯލިޝަން ހެދުމުގެ ކަންތައް ވަރަށް އަވަހަށް ނިމިގެންދާނެހެން ހީފުޅުވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެނިގެންދާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑަށް ހީވަނީ ވަރަށް އަވަހަށް އެކަން ނިމިގެން ދާނެހެން. ދެން ވަރަށް ކާމިޔާބު ގޮތެއްގައި ވާހަކަތައް ދެކެވެމުން މިދަނީ. އަޅުގަނޑު ލަފާކުރާގޮތުގައި ކުރިއަށް އޮތް ދެތިން ހަތަރު ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް އޭގެ އަމަލީ ކަންތައްތައް ފެނިގެންދާނެ،" މައުމޫން ވިދާޅުވި އެވެ.
ޕީޕިއެމް އާއި އެމްޑީއޭ އާއި ދެމެދު ކޯލިޝަން ހެދުމަށް ކުރަންމުންދިޔަ މަޝްވަރާ ތަކުން ދެޕާޓީގެ ދެމެދުގައި އެއްބަސްވުމަށް އާދެވިފައިވާ ކަމަށް އެމްޑީއޭގެ އޮފިޝަލަކު އެމްވީޔޫތަށް މީގެކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.
އެމްޑީއޭގެ އޮފިޝަލަކު އެމްވީޔޫތާއި ވާހަކަދައްކަމުން ވިދާޅުވީ އެއްބަސް ވުމަކަށް އާދެވިފާއިވާ ކަންތައްތައް ހިމެނޭ އެގްރިމެންޓް އެމްޑީއޭގެ ކައުންސިލަށް ހުށަހަޅަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދެޕާޓީގެ ދެމެދުގައި ކޯލިޝަން ހަދަން ނިންމިކަން އިއުލާން ކުރާނީ ކައުންސިލުން ފާސްކުރުމުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ކުރިން އެމްޑީއޭގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން އުޅުނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެހެންނަމަވެސް އެ ކައުންސިލް ބައްދަލުވުން ކެންސަލްކޮށްފައިވަނީ އެމްޑީއޭގެ ލީޑަރު ޝިޔާމް ރާއްޖެއިން ބޭރުގައި އުޅުއްވާތީ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިޔާމް މިވަގުތު ހުންނެވީ ޖަރުމަނުގައި އެވެ.
އެމްވީޔޫތައް މައުލޫމާތު ލިފައިވާ ގޮތުގައި އެމްޑީއޭ އާއި ޕީޕީއެމްއިން ވަނީ ގިނަ ކަންތައް ތަކަކަށް އެއްބަސްވެފައެވެ.
މިގޮތުން ދެންއަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބުގައި ހއ. ނ އަދި ދ އަތޮޅުގެ އެއްވެސް ގޮނޑިއަކަށް ޕީޕީއެމް އިން ކުރިމަތި ނުލާ އެގޮނޑިތަކަށް އެމްޑީއޭއިން ކުރިމަތި ލުމަށް ވަނީ ނިންމާފައެވެ.
ޕީޕީއެމްގެ ސަރުކާރެއްގައި އެމްޑީއޭއަށް ސަރުކާރުގެ 40 އިންސައްތަ ދިނުމަށް އެމްޑީއޭ އިން ހުށަހެޅި ނަމަވެސް މަޝްވަރާތަކަށް ފަހު އެއްބަސް ވެފައި ވަނީ ސަރުކާރުގެ 20 އިންސައްތަ ދިނުމަށް ކަމަށް މުއުތަބަރު ފަރާތަކުން ވަނީ މައުލޫމާތު ލިބިފައެވެ.
މީގެ އިތުރުން ކައުންސިލް އިންތިޙާބުގައި ވެސް ދެޕާޓީން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސް ވުމަކަށް އައިސްފައެވެ.
އެމްޑީއޭ އާއި އެކު ދެކެވޭ ވާހަކަތައް ވަރަށް ކާމިޔާބު - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ