ހާމިދާއި މެދު އަމަލުކުރާނެ ގޮތެއްގެ ލަފަޔަކަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގައި އަމިއްލަފުޅަށް ބަންދުވެގެން ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޢަފޫރާއި މެދު އަމަލުކުރާނެ ގޮތެއް ހޯދުމަށް އުއްތަމަ ފަނޑިޔާރުގެ ލަފާފުޅަކަށް އެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ބައެއް މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވެސް މަޖިލީހުގެ ރައީސް ޝާހިދުގެ ސަމާލުކަމަށް މިކަން ގެނެސްފައި މިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް ކުރިއަށް ގެންދާ މިއަދުގެ ޖަލްސާއަށް ހާމިދު ހާޒިރުވެ އިންނެވުމާއި ގުޅިގެންނެވެ.
ނިޒާމީ މައްސަލަ ނަންގަވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބް ވިދާޅުވީ ހަމަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ހުންނެވި މެންބަރަކު މަޖިލީހުގައި އެބަ އިންނެވި ކަމަށާއި އެހެންވީމަ އެފަދަ މެންބަރަކު އިންނަވަނިކޮށް ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ހާމިދުގެ މައްސަލައިގައި ކޯޓުން އަމަލުކޮށްފައިވަނީ މަޖިލީހުގެ މެމްބަރުންނަށް ލިބިގެންވާ އިމްތިޔާޒްތަކުގެ ބޭރުން ކަމަށް ހާމިދުވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ ހާމިދު މަޖިލީސް ތެރޭގައި އިންނަވާ މައްސަލައިގައި އުއްތަމަފަނޑިޔާރުގެ ލަފާފުޅަކަށް އެދިވަޑައިގަތުމާއެކު އަލަށް އިންތިހާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރީންނާ އެކު ވެސް އެމައްސަލައިގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ