ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދަށް ވޯޓު ދެއްވި ގިނަ މީހުން މިފަހަރު ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ވޯޓުދެއްވާނެ ކަމަށާއި މަދުވެގެން ރައީސް ވަހީދަށް ވޯޓުދެއްވި 6 ޕަސަންޓު މީހުން ތާއީދުކުރާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމްއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ކަންތައްތައް ކުރާ ގޮތާއި އެޕާޓީން ކަންކަން ކުރަމުން އަންނަ އުސޫލުތައް އެޕާޓީގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް އެބައޮތް ކަމަށެވެ.
ގާސިމް ވިދާޅުވީ ޕީޕީއެމަށް ނުގޮސް ތިބި ޑީއާރުޕީގެ މެންބަރުން ޕީޕީއެމަށް ނުވަތަ އެމްޑީޕީއަށް ފަހުން ވެސް ދާނެ ކަމަކަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށާއި ޑީއާރުޕީގައި ތިބި އާންމު މެންބަރުންގެ ތެރެއިން 95 ޕަސަންޓަށް ވުރެ ގިނަ މީހުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފަހަތުން އެމްޑީޕީއަށް ގޮސްފައިނުވާ ކަމަށެވެ.
އޭގެ ބަދަލުގައި ޑީއާރުޕީގެ އާންމު މެންބަރުން ޖުމްހޫރީ ޕާޓީ އާއި ގުޅެމުންދާ ކަމަށާއި އެގޮތުން ޑީއާރުޕީގެ ތާއީދު އެންމެ ބޮޑަށް އޮންނަ ރަށްތަކުގެ ތެރެއިން ތުލުސްދޫ އާއި ކަނޑިތީމު ފަދަ ރަށްތައް ހިމެނޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރަން، އިރާދަކުރެއްވިއްޔާ ހަމަ މިފަހަރު ނިމިގެން ދާނީ އެއްވަނައިގައި." ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ރައީސް ވަހީދާ އެކީގައި މަސައްކަތްކުރެއްވި ގިނަ ބޭފުޅުންނާއި ރައްޔިތުން ވެސް ޖުމްހޫރީ ގުޅުމަށް ތާއީދުކުރައްވަން ނިންމަވާފައިވާ ކަމަށާއި އަދި ވަހީދުގެ ކޮއްކޯފުޅުންނާއި މުޅި އާއިލާ ވެސް ވަޑައިގަންނަވާނެ ކަމަށް އެ އާއިލާގެ ފަރާތުން ޔަގީން ކަން ދީފައިވާ ކަމަށެވެ.
މިމަހުގެ 19 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތަކާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ އެންމެން އެއްބަސްވާ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް މުހައްމަދު ވަހީދަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީން ހުށަހެޅީ ސުޕްރީމް ކޯޓުން ބާތިލުކުރި އިންތިހާބުގައި ޔާމީނަށާއި ގާސިމަށް ވެސް ގާތްގަނޑަކަށް އެއްވަރަކަށް ވޯޓު ލިބިފައިވާ ކަމަށް ދެއްކުމުން ގައުމަށް އެންމެ ރަނގަޅު ގޮތަކީ ނިއުޓްރަލް މީހަކަށް ތާއީދުކުރުން ކަމަށް ވާތީ ކަމަށެވެ.
ގާސިމް ވިދާޅުވީ ޔާމީންގެ ފަހަތަށް ވަޑައިގަތުމަށް ވުރެ އޭނާގެ ފަހަތަށް ޔާމީން ވަޑައިގެންފި ނަމަ ރައީސްކަން ހޯދުމުގެ ފުރުސަތު ބޮޑު ކަމަށާއި ދައުރުގެ މެދުތެރެ އިން ރައީސް ބަދަލުވާ ގޮތަށް ވެސް ހުށަހެޅުއްވި ކަމަށާއި ނަމަވެސް ޔާމީންގެ ފަހަތަށް ދިއުމަށް މަޝްވަރާނުކުރައްވާ ކަމަށެވެ.
ނަމަވެސް ޔާމީން ވިދާޅުވެފައި ވަނީ ދެ ވަނަ ބުރަކަށް ގާސިމް ހޮވިވަޑައިގެންފި ނަމަ އެއްވެސް ޝަރުތެއް ނެތި ތާއީދުކުރައްވާނެ ކަމަށެވެ. އަދި ގާސިމްގެ ތަރުޖަމާނު އިބްރާޙިމް ޙަލީލް މީގެކުރިން ވިދާޅުވީ ގާސިމް އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
މަދުވެގެން ރައީސް ވަހީދަށް ވޯޓުދެއްވި 6 ޕަސަންޓު މީހުން އަޅުގަނޑަށް ތާއީދުކުރާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ