ބިލު ނުދައްކާ މުއައްސަސާ ތަކުން މިވަގުތު ކަރަންޓު ނުކަނޑަން ނިންމައިފި

ދައުލަތުގެ ބައެއް މުއައްސަސާ ތަކުން ކަރަންޓް ބިލްގެ ގޮތުގައި ސްޓެލްކޯ އަށް ފައިސާ ނުދައްކައި ހުރި ނަމަވެސް މިވަގުތަށް އެތަންތަނުން ކަރަންޓް ނުކަނޑާ ގޮތަށް ސްޓެލްކޯއިން ނިންމައިފި އެވެ.
ވީނިވްސްއަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. މުހައްމަދު ޒައިދު ވިދާޅުވީ ކަރަންޓް ކަނޑާލަން އެތައް ފަހަރެއްގެ މަތިން ރެޑް ނޯޓިސް ދީ، އޭގެ ފަހުން ކަރަންޓް ކަނޑަން ސްޓެލްކޯ އިން ވަން ތަންތަނުން ކަރަންޓު ކެނޑުން މަޑުޖައްސާލީ ފިނޭންސް މިނިސްޓްރީން އެކަމަށް އެދުމުން ކަމަށެވެ.
ސަރުކާރުގެ މުއައްސަސާތަކުން ކަރަންޓް ބިލްގެ ގޮތުގައި ޖުމްލަ 150 މިލިއަން ރުފިޔާ ސްޓެލްކޯއަށް ދައްކަންޖެހޭއިރު އޭގެ ތެރެއިން ބައެއް ބިލްތަކަށް ފިނޭންސް މިނިސްޓްރީން މިހާރު ފައިސާ ދައްކާފައިވާ ކަމަށް ވެސް ޒައިދު މިއަދު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ކޮން މުއައްސަސާތަކެއް ކޮން ބިލްތަކެއް ކަމެއް އަދި ދެއްކީ ކިހާވަރެއް ކަމެއް ވެސް ޒައިދު ވިދާޅެއް ނުވެއެވެ.
"މިހާރު ވެސް ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާތައް ކުރަމުން ދަނީ. އެ މަޝްވަރާތަކާއެކު އެއްވެސް ތަނަކުން ކަރަންޓް ކަނޑާލަން މިހާރު ނިންމާފައެއް ނުވޭ،" ޒައިދު ވިދާޅުވި އެވެ.
ކަރަންޓް ބިލް ނުދައްކައިގެން އެންމެ ފުރަތަމަ ކަރަންޓް ކަނޑާލަން ސްޓެލްކޯއިން ގޮސްފައިވަނީ ޓީވީ މޯލްޑިވްސް އަށެވެ. ބިލް ނުދައްކާ ހުރި ތަންތަނުގެ ތެރޭގައި ޓީވީ މޯލްޑިވްސްގެ އިތުރުން އަޑާއި ޕޮލިހާއި އެމްއެންޑީއެފާއި މާލޭ ސިޓީ ކައުންސިލާއި މާލޭ ހެލްތް ކޯޕަރޭޝަނާއި ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރާއި ބައެއް ސްކޫލްތައް ހިމެނެ އެވެ.
ޓީވީ މޯލްޑިވްސްގެ ފަސް މަސް ދުވަހުގެ ކަރަންޓް ބިލަށް ޖުމްލަ 7.1 މިލިއަން ރުފިޔާ އަރާފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ ކަރަންޓް ބިލަށް 20 މަސް ތެރޭގައި 31 މިލިއަން ރުފިޔާ އަރާފައިވެ އެވެ.
އެ މައްސަލައިގައި އެ މުއައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން ބުނެފައި ވަނީ ކަރަންޓް ބިލްތައް ނުދެއްކުމުގެ ޒިންމާ ނަގަން ޖެހޭނީ ފިނޭންސް މިނިސްޓްރީ ކަމަށެވެ.
ސަރުކާރުގެ މުއައްސަސާތަކުން މިލިއަނުން ރުފިޔާ ނުދައްކައި ހުރުމުންވެސް މަޝްވަރާކޮށްގެން އެކަންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާއިރު ބައެއް އާންމު ރައްޔިތުންގެ ގޭގެއިން ކަރަންޓް ބިލަށް ކުޑަ އެއްޗެއް ނުދައްކައި ހުރެގެން ވެސް ކަރަންޓް ކަނޑާލާ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ