ރާއްޖެ އޮންނާނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައިތޯ ހޮނިހިރު ދުވަހު ނިންމާނެ - މައުމޫން

ރާއްޖެ އޮންނާނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައިތޯ ހޮނިހިރު ދުވަހު ދިވެހިން ނިންމާނެ ކަމުގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސިންގަޕޫރުގައި މިވަގުތު ހުންނެވި ރައީސް މައުމޫން މިރޭ ޕީޕީއެމާއި އެމްޑީއޭ ގުޅިގެން ބޭއްވި ޖަލްސާގައި ދެއްވި ހާއްސަ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ނިންމާ ނިންމުން ވެގެންދާނީ ވަރަށް ތާރީހީ ނިންމުމަކަށް ކަމަށާއި އެދުވަހު ރައްޔިތުން ނިންމާނީ ކުރިއަށް އޮތް ފަސް އަހަރު ރާއްޖެ އޮންނާނެ ގޮތެއް ކަމަށެވެ.
"(އެދުވަހު ނިންމާނީ) ރާއްޖެ ދަތުރުކުރާނެ މިސްރާބެއް، ރާއްޖެ ދަތުރުކުރާނީ އިސްލާމީ ހިދާޔަތުގެ އަލީގައި ދިވެހި ރައްޔިތުންނަށް އުފާފާގަތިކަމާއި ކުރިއެރުމާއި ތަރައްގީ ހާސިލްކުރެވޭނެ މަގަކުންތޯ ނުވަތަ ނޫންތޯ އެވެ. ރާއްޖެ އޮންނާނީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ އެވެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަދި ފުރިހަމަ މިނިވަންކަން ލިބިފައިވާ ގައުމެއްތޯ ނުވަތަ ނޫންތޯ އާއި ރާއްޖޭގެ އިގްތިސާދު އޮންނާނީ ދިވެހިންގެ އަތްމަތީގައިތޯ ނުވަތަ ނޫންތޯ ދިވެހިން އެދުވަހު ނިންމާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ތައުލީމާއި ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތަކާއި އަދުލު އިންސާފުގެ ދާއިރާ އާއި ޖިންސީ ހަމަހަމަކަމާއި ޒުވާނުންގެ ބައިވެރިވުން އޮންނާނީ ރައްޔިތުން އެދޭ ގޮތަށްތޯ ދިވެހިން ހޮނިހިރު ދުވަހު ނިންމާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ތިން ކެންޑިޑޭޓުންގެ ތެރެއިން ރާއްޖޭގެ ރައްޔިތުންގެ އިސްލާމީ އަގީދާ ހިމާޔަތްކޮށްދެއްވާ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގައި ޑިމޮކްރަސީގެ އަސާސްތައް ވަރުގަދަކޮށް ދިވެހި ރައްޔިތުން އެދޭ ގޮތަށް ގައުމަށް ހަމަޖެހުމާއި ތަރައްގީ އާއި އުފާފާގަތިކަން ގެނެސްދިނުމުގެ ގާބިލިއްޔަތުކަން ހުރި ހަމައެކަނި ކެންޑިޑޭޓަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ.
"މިހެން މިދެންނެވީ ތައުލީމާއި ހިދުމަތުގެ ގޮތުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ އަނެއް ދެކެންޑިޑޭޓުންނަށް ވުރެ އެތައް ގުނައެއް ފެންވަރު މަތީ ބޭފުޅަކަށްވާތީ އެވެ، އަދި އެމަނިކުފާނަކީ ގިނަ އަހަރުތަކެއްވަންދެން ސަރުކާރަށާއި ރައްޔިތުންނަށް ހިދުމަތްކުރައްވާ ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅަކަށްވާތީ އެވެ." މައުމޫންގެ މެސްޖްގައި ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ހޮނިހިރު ދުވަހު ބޭއްވޭ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ޔާމީނަށް ވޯޓުދެއްވުން އެދި އިލްތިމާސްކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ