މަޖިލީހުގައި ރެސްޓޯރަންޓަކާއި ފިހާރައަކާއި ޖިމެއް ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރަންޓާއި ޖިމަކާއި މަޖިލީހުގެ މަސަައްކަތްތަކާ ގުޅޭ ލިޔެކިއުންތައް ވިއްކާ ފިހާރައެއް ހަދައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އާ އިމާރާތުގައި ހަދާފައިވާ އެ ތަންތަންތައް ހިންގާނީ މަޖިލީހުގައި މިހާރު އުފައްދާފައިވާ ސޯޝަލް ކްލަބުން ކަަމަށެވެ. މަޖިލީހުގައި ހެދި ރެސްޓޯރެންޓު ހުންނާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އާ އިމާރާތުގެ ޓެރަހުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކޮށްލައި މަޝްވަރާކޮށްލުމުގެ އިންތިޒާމް ވެސް ރެސްޓޯރެންޓްގައި ހަމަޖެއްސުމަށް މަސައްކަތް މަޖިލީހުން ކުރަމުން އަންނަ ކަމަށެވެ. ރެސްޓޯރަންޓާއި ޖިމާއި ފިހާރައިގެ އިތުރުން އާ އިމާރާތުގައި ހަމަޖައްސާފައިވާ އަނެއް އިންތިޒާމަކީ މަސައްކަތްތައް ކުރުމަށް ކޮންމެ މެމްބަރަަކަށް ދޫކުރާ ކިއުބިކަލްތަކެވެ. އެ ކިއުބިކަލްތަކުުގައި މެމްބަރުންގެ މުވައްޒަފުންނަށް ވެސް މަސައްކަތް ކުރެވޭނެ ކަމަށްް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެންމެ ފަހުން ބޭއްވެވި މީޑިއާ ބްރީފިން އަަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި މަޖިލީހުގެ އާ އިމާރާތުގައި ހަމަޖައްސަމުން އަންނަ އިންތިޒާމްތަކުގެ ތެރޭގައި މީޑިއާ ރޫމެއް ވެސް ހިމެނޭނެ އެވެ. އެތަނުގައި ނޫސްވެރިންނަށް ފަސޭހައިން މަސައްކަތް ކުރެވޭ ގޮތަށް އިންޓަނެޓްގެ ވަސީލަތް ވެސް ލިބެން ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަޖިލީހުގެ ސޯޝަލް ކްލަބްގައި މި ވަގުތު ހިމެނިވަޑައިގަންނަވާނީ މެމްބަރުންނާއި އިދާރީ މުވައްޒަފުން ކަމަށް ވިޔަސް ކުރީގެ މެމްބަރުން އެ ކްލަބްގައި ބައިވެރިކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް އެމަނިިކުފާނު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް މި ކްލަބަކީ ކުރީގެ މަޖިލީހުގެ މެމްބަރުންނާ، ރިޓަޔާމެންޓަށް ދާ ސްޓާފުންނަަށް ބައިވެރިވެވޭ ކްލަބްތަކެއް ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް،" އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ