18 އަހަރުނުވާ 2 ކުދިން ރޭޕް ކޮށްފި، 2 ކުދިންވެސް އިނީ ބަލިވެ

ރާއްޖޭގެ މެދުތެރޭގެ އަތޮޅުގެ ދެ ރަށެއްގައި އުމުރުން 18 އަހަރު ނުވާ ދެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މީޑީޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ މި ދެ މައްސަލާގައި ހިމެނޭ ދެ އަންހެން ކުދިންވެސް އިނީ ބަލިވެކަމަށެވެ.
ފުލުހުން ބުނެފައިވަނީ ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ ކުއްޖަކު ބަލިވެ އިން މައްސަލައެއް ޖެންޑާ މިނިސްޓްރީން މިއަދު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން، ފުލުހުން މިއަދު ބުނީ، އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ސެންޓްރަލް ޑިވިޝަންގައި ހިމެނޭ ރަށެއްގައި ހުންނަ ސިއްހީ މަރުޒަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަތައް ބަލަމުން ދަނީ ކުޑަކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްޑްރެން ޑިޕާޓްމެންޓްގެ ޓީމަކާއި ޖެންޑާ އާ ގުޅިގެން ކަމަށެެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، އަނިޔާ ލިބޭ ކުދިންގެ އަތޮޅާއި ރަށުގެ ނަން ފުލުހުން ހާމައެއް ނުކުރެއެވެ. އެއީ އެ ކުދިންގެ ވަނަވަރު ހާމަވެ، އެ ކުދިންގެ ކަރާމާތަށް އުނިކަން އައިސްދާނެ ކަމަކަށް ވެދާނެތީއެވެ.
މިފަހުން ރޭފް ކުރުމާއި ޖިންސީގޯނާ ތަކުގެ މައްސަލަވަނީ އިންތިހާއަށް ބޮޑުވެފައެވެ. ތަފާތު އެކިދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވަނީ މީގެ ދެދުވަސް ކުރިން ހައްޔަރުކޮށް މައްސަލަ ތަހުޤީޤު ކުރަން ފަށާފައެވެ. މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕް ކުރި މަައްސަަލައަކާއި، ބްލްކްމެއިލްކޮށްގެން 16 އަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން، މި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގައި މަސައްކަތް ކުރާ ކެންޔާގެ އަންހެނަކަށް ސަފާރީއެއްގައި ޖިންސީ ގޯނާ ކުރި މައްސަލަ ވަނީ ހޫނުވެފައެވެ.
މިފަދަ މައްސަލަތައް ގިނަވާތީ ޖިންސީ ގޯނާއާ ދެކޮޅަށް އިއްޔެ މާލޭގައި ޒުވާނުންވަނީ މުޒާހަރާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ