އަމާޒަކީ ސުޕްރީމްކޯޓަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ތަނެއްގެ ގޮތުގައި ހެދުން: އުއްތަމަފަނޑިޔާރު

އަމާޒަކީ ސުޕްރީމްކޯޓަކީ ފަސޭހަކަމާއެކު އަދުލުއިންސާފަށް ވާސިލުވެވޭނެ މަގުފަހިވެފައިވާ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމްކުރުމުގެ މަސައްކަތުގައި ދެމިތިބުން ކަމަށް ރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.  ސުޕްރީމް ކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ މަޝްވަރާ އާއި އެއްބާރުލުމާ އެކު އަލަށް ފަށައިގަތް މަސައްކަތްތަކުގެ ނަތީޖާ ވަރަށް ކާމިޔާބު ކަމަށެވެ."އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަކީ ފަސޭހަކަމާއެކު އަދުލުއިންސާފަށް ވާސިލުވެވޭނެ މަގުފަހިވެފައިވާ އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމުކުރުމުގެ މަސައްކަތުގައި ދެގޮތެއް ނެތި ދެމިތިބުން،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.މިދިޔަ 12 އަހަރުގެ ތަފާސް ހިސާބަށް އިޝާރާތްކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރަކީ ކޯޓުގެ ތާރީހުގައި އެންމެ ގިނަ މައްސަލަތައް ތާވަލްކޮށް އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރު ކަމަށެވެ. އަދި އެންމެ ގިނަ މައްސަލަތައް ނިންމީ ވެސް މި އަހަރު ކަމަށް ވިދާޅުވި އެވެ."ފާއިތުވި އަހަރުގެ ސެޕްޓެމްބަރު 18އިން މި އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ވަނީ ބޭއްވިފައި. ވޭތުވެދިޔަ 11 އަހަރު ދުވަހު ނިމުނު މައްސަލައިގެ އެވަރެޖަކީ [އަހަރަކު] 24. ނަމަވެސް، މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ހުކުމް ކުރެވިފައިވޭ. އަދި ސުޕްރީމްކޯޓަށް ބަލައިގަތުމާ މެދު 13 މައްސަލައެއްގައި ގޮތް ނިންމައި، 5 މައްސަލައެއް އިޖުރާއީ ގޮތުން ބެލިފައިވޭ. މިއީ ކުރީ އަހަރުތަކުގެ އެވަރެޖާ އަޅާބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއް ކަމުގައި ފާހަގަކުރަން،" އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.އުއްތަމަފަނޑިޔާރު ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ޝަރީއަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ލައިވްކޮށްގެން ކަމަށް ވާއިރު ކުރިއަށް އޮތް ތަނުގައި ޝަރީއަތުގެ މާލަމުގައި ހިންގާ ޝަރީއަތްތައް ވެސް އެގޮތަށް ލައިވްކޮށް ކުރިއަށް ގެންދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.އޭގެ އިތުރުން، ކަރުދާހާ ނުލައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީއަތްތައް ކުރިއަށްގެންދިޔުމަކީވެސް އެ ކޯޓުގެ އެއް އަމާޒުކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ."އިންފޮމޭޝަން ޓެކްނޮލޮޖީގެ އާ ތަސައްވުރާއެކު އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ގެންދަނީ ސުޕްރީމްކޯޓުގެ ޝަރީއަތުގެ މަޖިލިސްތައް ޕޭޕާލެސްކޮށް، އިލެކްޓްރޯނިކްކޮށް، ފަސޭހަކަމާއި ހަލުވިކަމާއެކު ކޯޓުގެ މަސައްކަތްތައް ބައްޓަންކުރުމަށް،"ސުޕްރީމް ކޯޓުގެ އަހަރީ ދުވަހުގައި ދެއްވި ތަޤުރީރުގައި އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަނާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ އިތުރަށް ޝަރުޢީ ކޯޓުތަކާއި ދައުލަތުގެ އިދާރާތަކަށް އުއްތަމަފަނޑިޔާރު ޝުކުރު އަދާކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ