ރައީސް ޔާމީން އަތުން ފައިސާ ހޯދަން އުޅެނީ ސިޔާސީ ގޮތުން ބިރުދެއްކުމަށް: ވަކީލުން

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދައުލަތަށް ދައްކަން ޖެހިވަޑައިގަންނަވާ ޖޫރިމަނާގެ ފައިސާ ހޯދަން އުޅެނީ ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ވަކީލުން މިގޮތަށް ވިދާޅުވެފައިވަނީ މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް ޔާމީން ފަސް މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަވާފައި ނުވާތީ، ފައިސާ ހޯދުމުގެ ގާނޫނީ މަސައްކަތް ކުރުމަށްޓަކައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މީރާއަށް ލިޔުންތައް ފޮނުވާފައިވާތީއެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ފައިސާ މީރާއަށް ދައްކަން ހުކުމުގައި ބުނެފައިވަނީ ހަ މަސް ދުވަސް ތެރޭގައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ރައީސް ޔާމީން ދައްކަވައިފައެއް ނުވެއެވެ.
އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، ރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅިފައި ވަނިކޮށް އިސްތިއުނާފު މަރުހަލާގައި ދަށު ކޯޓުގެ ނިންމުން ތަންފީޒު ވެގެން ދިއުމަކީ ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން އިސްތުއުނާފު ކުރާ ފަރާތަށް ލިބިދީފައިވާ ހައްގަށް އުނިކަން ލިބޭނެ ކަމެއް ކަމަށެވެ. އަދި ގާނޫނުއަސާސީން ރައީސް ޔާމީނަށް ލިއްބައިދޭ އިސްތިއުނާފުކުރުމުގެ ހައްގުން އެމަނިކުފާނު ގަސްތުގައި މަހުރޫމު ކުރުމުގެ ނިޔަތުގައި ދައުލަތުން އަމަލުކުރަމުންދާތީ އެކަމާ މެދު ނުހަނު ކަންބޮޑުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
"ޖިނާއީ މައްސަލަތަކުގައި ކުށް ސާބިތުވާ މީހާގެ މައްޗަށް އެ ކުށުގެ އުގޫބާތެއްގެ ގޮތުން ޝަރީއަތުން ޖޫރިމަނާއެއް ކަނޑައެޅިގެން ދިއުމަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި މީގެ އެތައް ޒަމާނެއް ކުރިން ވެސް އިސްތިގުރާރުވެފައިވާ ކަމެއް ކަމަށްވީ ނަމަވެސް އެފަރާތެއްގެ މައްޗަށް ޝަރީއަތުން ކަނޑައެޅިފައިވާ ހުކުމުގެ އިސްތިއުނާފީ އެންމެހައި މަރުހަލާތަކެއް ނިމި، ނުވަތަ އެނޫން ވެސް ގޮތަކުން ނަމަވެސް އެ ހުކުމެއް ނިހާއީ ހުކުމަކަށް ބަދަލުވުމުގެ ކުރިން އެފަރާތަކުން އެ ފައިސާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ ދައުލަތުން މިހާތަނަށް ވެސް އަމަލުކުރަމުން އައިސްފައިވާ ގޮތެއް ނޫން..،" ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހަމަހަމަކަމުގެ ހައްގާއި އަދުލު އިންސާފުގެ ހަމަތަކާ ވެސް ހިލާފަށް ރައީސް ޔާމީނާ މެދު ވަކި ހާއްސަ އިޖުރާއަތެއްގެ ދަށުން ތަފާތުކުރެވިގެން އަމަލު ކުރެވިގެން ދިއުމަކީ ދައުލަތުން ރާވައިގެން އެމަނިކުފާނަށާއި އެމަނިކުފާނުގެ އާއިލާއަށް ގެއްލުން ދިނުމުގެ ނިޔަތުގައި ހިންގާ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ.
"ގާނޫނީ ނިޒާމުގެ ބޭނުންކޮށްގެން އެއްވެސް ފަރާތަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ޒާތީވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ލިބިގެން ނުވާއިރު ދައުލަތުގެ ބަންޑާރަނައިބުގެ މި އަމަލަކީ ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ސިޔާސީ ގޮތުން ބިރުދެއްކުމުގެ ގޮތުން ކުރާ ވަރަށް ފިނޑި އަމަލެއްކަމުގައި ދަންނަވަން،" ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖިނާއީ މައްސަލަތަކުގައި ބަންޑާރަނާއިބުގެ ދައުރު އޮންނަ މިންވަރާ މެދު ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ އިންތަކާއި މިންތަކުގެ ބޭރުން ބަންޑާރަނާއިބު އަމަލުކުރައްވަމުން ގެންދިއުމަކީ ގާނޫނު އަސާސީ އާއި ގާނޫނުގެ ބާރު ނެގެހެއްޓުމުގައި މިއަދުގެ ސަރުކާރު ފެއިލްވެފައިވާ މިންވަރު ދައްކުވައިދޭ ރަމްޒެއް ކަމަށްވެސް ބަޔާނުގައިވެއެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ފައިސާ ދައްކާފައިނުވާތީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުސޫލާ އެއްގޮތަށް ޔާމީން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި އެ މައްސަލައިގެ އެންމެހާ ލިޔެކިޔުންތައް މީރާއަށް އިއްޔެ ފޮނުވާފައިވާނެ ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އޭގެ އިތުރުން އެ މާއްދާގެ (ނ)ގައި އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ