އުމުރަށް ޖަލަށްލީ މީހަކު ސުޕްރީމް ކޯޓުން މިނިވަންކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު އެ މީހާ މިނިވަންކޮށްފި އެވެ.
ސ. ފޭދޫ ރައިހާނުގޭ އަބްދުﷲ އުނައިސް އުމުރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ މެއި 2012 ގައި އޭނާގެ ޖީބުން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ.
ސ. މަރަދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އުނައިސް ހައްޔަރުކޮށް، ފާސް ކުރުމުން އޭނާގެ ޖީބުން 14 ގްރާމަށް ވުރެ ގިނަ ޑްރަގްސް ފެނުނު މައްސަލާގައި އޭނާ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް 2013 ގައި ވަނީ ތާއީދުކޮށްފަ އެވެ. ނަމަވެސް އުނައިސްގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ ބެލުމަށް ފަހު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ އިއްތިފާގުން ބުރާސްފަތި ދުވަހު ވަނީ އޭނާ އުމުރަށް ޖަލަށްލާން ކޮށްފައިވާ ހުކުމް ބާތިލްކޮށް އޭނާ މިނިވަންކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އުނައިސާ ދެކޮޅަށް ހެކިބަސް ދިން ފުލުހުންގެ ތެރެއިން އެކަކީ އުނައިސްގެ ޖީބުން ފެނުނު ކަމަށް ބުނާ މަސްތުވާތަކެތި އޭނާގެ ޖީބަށް އެޅި މީހާ ކަމަށް އުނައިސްގެ ފަރާތުން ފާހަގަކުރުމުން ވެސް އެކަމަށް ދަށު ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. އަދި އެ ހާލަތުގައި އެ ފުލުސް މީހާގެ ފިންގަޕްރިންޓް ނަގައި، އެ މަސްތުވާތަކެތި އަޅާފައި ހުރި ސިޓީ އުރާގައި އެ ފުލުސް މީހާގެ ފިންގަޕްރިންޓް ހުރިތޯ ބަލަންޖެހޭއިރު އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ހެކި ހުށަހެޅުމުގެ ހައްގު ހަމަހަމަކަމާ އެކު ދެ ފަރާތަށް ވެސް ލިބެންޖެހޭއިރު އުނައިސްގެ ފަރާތުން ދިފާއުގައި ހެކި ހުށަހަޅަން އެކަށީގެންވާ މަގު ތަނަވަސްވެފައި ނުވާ ކަމަށް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭނާއަކީ އޭރު ބަންދުގައި ހުރި މީހެއް ކަމުން ހެކިންގެ މައުލޫމާތު ކޯޓަށް ފޯރުކޮށްދޭން މަގު ތަނަވަސްވެފައިނުވާ ކަމަށާއި، އޭނާއަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ލިބިފައި ނެތް ކަމަށް އޭނާގެ ފަރާތުން ބުނި ނަމަވެސް ދަށު ކޯޓުން އެކަމަށް ވެސް ބަލާފައި ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ