ފާރިސް މެމްބަރު ކަމުގެ ހުވާކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެ ވަޑައިގެންފައިވާ އަހްމަދު ފާރިސް މައުމޫން މެމްބަރު ކަމުގެ ހުވާކުރައްވައިފި އެވެ.
ފާރިސް މައުމޫން މެމްބަރު ކަމުގެ ހުވާ ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ފާރިސް އަށް މެންބަރުކަމުގެ ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އެވެ. މިރަސްމިއްޔާތުގައި މަޖިލީހުގެ ނައިބް މޫސާ މަނިކާއި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދު ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ދިއްގަރު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވީ 1،238 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރާޒީއަށް ލިބިވަޑައިގަތީ 763 ވޯޓެވެ. މި ދެ ބޭފުޅުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވީ އެލްޖީއޭގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި މޫސާ ނަސީރު އަހްމަދަށް 31 ވޯޓް ލިބިވަޑައިގެންފައިވާއިރު ޝަމީމް އަލީ އަށް ލިބިވަޑައިގެންފައިވަނީ 52 ވޯޓެވެ.
ދިއްގަރު ދާއިރާގެ އިންތުހާބު ކާމިޔާބު ކުރެއްވުމަށްފަހު ފާރިސް މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަ ކުރުމަށް ސަރުކާރާއެކީ މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ