ފަލަސްތީނުގެ، އުމުރުން އެންމެ 12 އަހަރުގެ ކުޑަކުއްޖެއްގެ ގަޔަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން އެކުއްޖާގެ ގަޔަށް ބަޑިޖަހާފައިވަނީ ގުދުސްގެ އައް ރާމް ނަމަކަށްކިޔާ ސަރަހައްދުން ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އައް ރަމާ ސަރަހައްދަކީ ގުދުސްއާއި ހުޅަނަގު އައްސޭރި ވަކިކުރުމަށް އިސްރާއީލުން ރާނާފައިވާ ފާރުގެ އެތެރެއަށް އޮންނަ އަވަށެކެވެ.
މިހަމަލާގައި ޝަހީދުވެފައިވަނީ މުހިއްޔާ އަލް ތަބާޚީ ނަމަކަށް ކިއުނު ފިރިހެން ކުއްޖެކެވެ. އެކުއްޖާގެ ގަޔަށް އިސްރާއީލު ސިފައިން ޖަހާފައިވަނީ ބޭރުގައި ރަބަރު ކޯޓެއް ލާފައިވާ ދަގަނޑު ވަޒަނެއް ކަމަށާއި، ވަޒަން އަރާފައިވަނީ އެކުއްޖާގެ މެޔަށް ކަމަށްވެސް ފަލަސްތީނު ހެލްތު މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެކުއްޖާގެ މެޔަށް ވަޒަން އެރުމުގެ ސަބަބުން ވަގުތުން ހިތް ހުއްޓުނުކަމަށް ފަލަސްތީނުގެ ކުއްލި ސިއްހީ އެހީދޭ ފަރާތްތަކާ ހަވާލާދީ ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ، ވަފާއިން ބުނެފައި ވެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖެހީ، މުޒާހަރާ ކުރަމުންދިޔަ ފަލަސްތީނުގެ އާންމުންގެ ތެރެއަށެވެ. ކުޑަކުއްޖާ ޝަހީދު ކޮށްލި ޚަބަރާ ގުޅިގެން އިސްރާއީލުގެ އުދުވާނީ ފުލުހުން ބުނެފައިވަނީ، ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ބޭނުންކުރީ ކަރުނަގޭހާއި، އަޑުގޮވާ ބޮން ކަމަށެވެ. ވަޒަން ބޭނުން ނުކުރާ ކަމަށެވެ.
އިސްކުރު ކަށިގަނޑަކުން އިސްރާއީލު ސިފައިންގެ ދެމީހަކަށް ހަމަލާދިން ކަމަށްބުނެ އިސްރާއީލުގެ އުދުވާނީ ސިފައިން އިއްޔެވެސް ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އުމުރުން 51 އަހަރުގެ މީހެއްގެ ގަޔަށް ބަޑިޖަހާ ޝަހީދު ކޮށްލާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުގެ އުދުވާނީ ބާރުތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 217 މީހުން ޝަހީދު ކޮށްލާފައި ވެއެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
ފަލަސްތީނުގެ ރަށްތަކުގައި، ފަލަސްތީނުގެ ޒުވާނުން އެމުއްދަތުގައި، އިސްރާއީލުގެ އުދުވާނީ ބާރުތަކާ ދެކޮޅަށް ދެމުންގެންދާ ދިފާއީ ރައްދު ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 34 މީހުން މަރާލާފައި ވެއެވެ.
އިސްރާއީލުގެ އުދުވާނީ ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ