ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ, އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ޕޮލިހަށް ހާޒިރުވުމަށް އަންގައިފި ކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
ފުލުހުން އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރަން މާދަމާ 11:30 އަށް ފުލުސް އޮފީހަށް ހާޒިރު ވެވަޑައިގަތުމަށް ކަމަށް އެކަމަނާ މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ސަރުކާރާއި ރައީސް މައުމޫނާއި ވަރަށް ބޮޑަށް ހިޔާލް ތަފާތުވެފައިވަނިކޮށް ޔުމްނާ މައުމޫން ވަނީ ސަރުކާރުން އިސްތިއުފާދެއްވާފައެވެ. އަދި ރައީސް މައުމޫން ވަނީ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާ ރައީސް އަބުދުﷲ ޔާމީން ވެރިކަން ކުރައްވަމުން ގެންދަވާ އުސޫލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ.
ވަޒީރުކަމުން އަމިއްލަފުޅަށް އިސްތިއުފާދެއްވުމަށްފަހު މި ދިޔަ ހަފްތާގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ދުންޔާ ހަވާލްވެވަޑައިގަތުމާއި ގުޅިގެން ޔުމްނާ މައުމޫން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔުމްނާ ވިދާޅުވީ ދުންޔާގެ ނިންމެވުމަކީ އެކަމަނާގެ އަމިއްލަފުޅު ނިންމެވުމެއްކަމަށާ އަދި އެ ނިންމެވުމުގެ ސަބަބުން ޔުމްނާގެ ސާބިތުކަމަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި އެކަމަނާ ހުންނަވާނީ ރައީސް މައުމޫންގެ ފަހަތްޕުޅުގައި ސާބިތުކަންމަތީ ހައްގުގެ މަގުގައިކަމަށް ޔުމްނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ