ބަނގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ޕާޓީ، ޖަމާއަތޭ އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް އަލީ އަހްސަން މުހަންމަދު މުޖާހިދުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ.
ސްޕްރީމް ކޯޓުން މަރުގެ ހުކުމަށް ތާއީދުކުރީ، 2013 ވަނަ އަހަރު އޭނާގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފް ކުރުމުން މައްސަލަ ބެލުމަށްފަހުއެވެ.
ޖަސްޓިސް ސުރެންދުރަ ކުމާރު ސިންހާ އިސްވެ ހުންނަވައި، ސްޕްރީމް ކޯޓުގެ 4 ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވަނީ، ޖަމާއަތޭ އިސްލާމީ ޕާޓީގެ އަލީ އަހްސަން މުހަންމަދު މުޖާހިދުގެ މައްޗަށް އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށެވެ.
އުމުރުން 67 އަހަރުގެ އަލީ އަހްސަން މުހަންމަދު މުޖާހިދުގެ މައްޗަށް ސާބިތު ވެފައިވަނީ، ބަނގްލަދޭޝްގެ މިނިވަންކަމަށް ކުރެވުނު ހަނގުރާމައިގައި، މިނިވަންކަމަށް މަސައްކަތްކުރި އެތައްބަޔަކު ވަގަށްނަގައި، މެރުމުގެ ކުށެވެ. އެގޮތުން، އަލް ބަދުރް ނަމަކަށްކިޔާ ފައުޖެއްގައި އަލީ އަހުސަންއަކީ ކަންކަން އިންތިޒާމު ކުރުމުގެ އިސް ވެރިއެއް ކަމަށާއި، އެ ފައުޖުން ބަނގްލަދޭޝްގެ އެތައްބަޔަކު މަރާފައިވާ ކަމަށް ޝަރީއަތުގައި ސާބިތު ވެފައި ވެއެވެ.
އަލީ އަހްސަން މުހަންމަދު މުޖާހިދުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ސްޕްރީމް ކޯޓުން ތާއީދު ކުރިނަމަވެސް އޭނާގެ ވަކީލުން ބުނެފައިވަނީ އެ މައްސަލަ އަލުން މުޠާލިއާ ކުރަން ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
ސްޕްރީމް ކޯޓުގެ ހުކުމާއެކު ޖަމާއަތޭ އިސްލާމީ ޕާޓީން ވަނީ އަލީ އަހްސަން މުހަންމަދު މުޖާހިދުގެ އެއްވެސް ކުށެއް ނެތްކަމަށް ބުނެފައެވެ. އަދި ބުނެފައިވަނީ، މިއީ ސިޔާސީ ދެކޮޅުވެރިންގެ ޝިކާރަކުރުމެއް ކަމަށެވެ. އެއާއެކު، އެކަމާ ދެކޮޅަށް މުޒާހަރާއަށް ނުކުތުމަށްވެސް ސަޕޯޓަރުންނަށް ވަނީ ގޮވާލާފައެވެ.
1971 ވަނަ އަހަރު ޕާކިސްތާނުގެ ކިބައިން މިނިވަން ވުމަށް އޭރު އިރުމަތީ ޕާކިސްތާނުގެ ގޮތުގައި އޮތް ބަނގްލަދޭޝްއިން ކުރި ހަނގުރާމާގައި ޖަމާއަތޭ އިސްލާމީ ޕާޓީން މަދަދު ދީފައިވަނީ ޕާކިސްތާނު ސިފައިންނަށެވެ. އެކަމާ ގުޅިގެން، ޖަމާއަތޭ އިސްލާމީ ޕާޓީގެ ދޮޅަހަކަށް ލީޑަރުންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވެއެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް އިއްވި ހުކުމް ތަންފީޒު ކޮށްފައިވެސް ވެއެވެ.
އަލީ އަހުސަން މެރުމުގެ ހުކުމަށް ބަނގްލަދޭޝް ސްޕްރީމް ކޯޓުން ތާއީދު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ