މާލެ ސަރަހައްދަށް ރައްޔިތުން ޖަމާކުރުން ނޫންގޮތެއް ނެތީބާ!

"މާވަށް މިއޮތީ ފުރިފަ. ދެން މާވަށުގައި އިތުރަށް ގޯތި ދޫކުރަން ބިން ނެތްނަމަ އަޅުގަނޑު ހަމަ މިއަދުވެސް ކޮށްލަން ބޭނުންވާ އިލްތިމާސް އަކީ، އަޅުގަނޑުމެންނާއި ގުޅިވަޑައިގަންނަވާށޭ. އަވަހަށް މާލެ ސަރަހައްދަށް ހިޖުރަކުރައްވަން ވަޑައިގަންނަވާށޭ،" ލ. މާވަށުގެ ރައްޔިތުންނާއި މުހާތަބުކުރައްވައި ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ވިދާޅުވި އެވެ.
އާއެކެވެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކުގެ ޒުވާނުންނަށް ހުޅުމާލޭގައި ބިނާ ކުރާ ޔޫތު ސިޓީ އަށް ހިޖުރަކުރަން ރައީސް އެދިވަޑައިގަންނަވަނީ އެވެ. މިއީ މިހާރަކަށް އައިސް އެކިއެކި މުނާސަބަތުތަކުގައި ރައީސް ޔާމީން ތަކުރާރު ކުރައްވަމުން ގެންދަވާ ބަސްފުޅެކެވެ.
ތަރައްގީގެ މަންޒަރުތައް ރައްޔިތުން އަބަދުވެސް ދެކެން ބޭނުމެވެ. ނަމަވެސް ތަރައްގީ އަކީ އަމިއްލަ ރަށުގައި އަނބިދަރިންނާއި މައިންބަފައިގެން ގާތުގައި ތިބެގެން ލިބޭ އެއްޗެއް ކަމުގައިވާން އެބަޖެހެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުން ޒުވާނުން މާލެއަށް ނުވަތަ މާލެ ސަރަހައްދަށް ހިޖުރަކުރުމަށް ރައީސް ދައުވަތުދެއްވާއިރު، އެސަރަހައްދު ތަކަށް ބަލާލަމާ ހެއްޔެވެ. ލ. އަތޮޅަށް އެކަނި ބަލާލިއަސް އެނޫން އެހެން ގޮތަކަށް އެކަން ހަމަޖެހިދާނެ ކަމުގެ އުއްމީދު އެބައޮތެވެ.
ރާއްޖޭގެ ރަށްތައް އިދާރީ ގޮތުން ހިންގުމުގެ އުސޫލަށް ބަލާއިރު، ލ. އަތޮޅު އޮންނަނީ ގަމު ދާއިރާ ފޮނަދޫ ދާއިރާ، އިސްދޫ ދާއިރާ އަދި މާވަށް ދާއިރާ ހިމެނޭ ގޮތުން ހަތަރު ދާއިރާ އަކަށް ބަހާލެވިފަ އެވެ.
ގަމު ދާއިރާ އާއި ފޮނަދޫ ދާއިރާ:
ދިވެހިރާއްޖޭގެ އެންމެ ބިން ބޮޑު ރަށަކީ ލ. ގަމެވެ. ރަށުގެ ދިގު މިނުގައި 7،800 ކިލޯ މީޓަރު އަދި ފުޅާ މިނުގައި 3،400 ކިލޯ މީޓަރު ހުރެ އެވެ. ގަމުގެ ތިން އަވަށް ކަމުގައިވާ މުކުރިމަގު، މަތިމަރަދޫ އަދި ތުނޑީ އަވަށުގައި މީހުން އުޅެމުންދާއިރު، ގަމުގެ ސިނާއީ ސަރަހައްދުގައި ރާއްޖޭގެ އެކި ހިސާބުތަކުން ވަނީ މީހުން އާބާދުވެފަ އެވެ. މީގެ އިތުރަށް ގަމުގެ އިހައްދޫ އަވަށަކީ ސުނާމީ އަށް ފަހު މުންޑު އާއި މާބައިދޫ މީހުން އާބާދުކޮށްފައިވާ ސަރަހައްދެވެ. އިހައްދު އާއި އެކު ގަމުގައި މިހާރު ހަތަރު ސަރަހައްދެއްގައި އެތައްހާސް ރައްޔިތުންނެއް ދަނީ ދިރިއުޅެމުން ވެ.
ދެން އޮތީ ފޮނަދޫ ދާއިރާ އެވެ. މި ދާއިރާގައި ހިމެނެނީ ފޮނަދޫ، ގާދޫ އަދި މާމެންދޫ އެވެ. ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ގާދޫ މީހުން އެރަށުން ބާލައި މިއަހަރުގެ ތެރޭގައި ވަނީ ފޮނަދުއަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން ފޮނަދޫ ދާއިރާގައި ފޮނަދޫ ނަގާފައި މީހުން ދިރިއުޅޭ ރަށަކަށް ބާކީ މިހާރު އޮތީ މާމެންދޫ އެވެ. އެއްފަސްކުރަން ބަލާއިރު މުޅި ލ. އަތޮޅުގެ ރައްޔިތުން އަބާދުކުރެވޭނެ ވަރުގެ ޖާގަ ގަން ފޮނަދޫގައި އެބަ އޮތެވެ.
ލާމަށް ބަލާއިރު އެ އަތޮޅުގެ ގަމުން ފެށިގެން ފޮނަދު އާއި ދެމެދު ގުޅިފައިވާ ރަށްތަކުގައި ހަދަމުންދާ ގާތްގަނޑަކަށް 15 ކިލޯ މީޓަރުގެ ހައްދުންމަތީ ބޮޑު މަގު ނުވަތަ ލާމު ލިންކް ރޯޑް ހުޅުވިގެން ދިއުމާއެކު ވިޔަފާރީގެ މައި ހަބަކަށް އެތަން ވެގެންދާނެ އެވެ. ނުވާންވީ ސަބަބެއް ވެސް ނެތެވެ. މިހާރުވެސް އެތަނަކީ ލޯކަލް ޓޫރިޒަމް ތައާރަފު ވެފައިވާ ތަނެކެވެ. އަތޮޅުގެ އެހެން ރައްރަށުންނާއި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެސަރަހައްދަށް މީހުން ގޮސް އާބާދުވާން ފަށާފައިވާއިރު، ވަކިވަކިން އޮންނަ ރަށްތަކުން ނުލިބޭ އެތައް ޚިދުމަތެއް ހޯދަން ކަނޑު ފަތާފައި މިހާރުވެސް ދާން ޖެހޭ ތަނަކީ އެއީ އެވެ.
މާވަށު ދާއިރާ:
މާވަށު ދާއިރާގައި ހިމެނެނީ މާވަށާއި ކުނަހަންދޫ އަދި ހިތަދޫ އެވެ. ހިތަދު އާއި ކުނަހަންދޫ އަކީ އެއްފަޅެއްގައި އޮންނަ ދެ ރަށެވެ. ދިޔަވަރު ހިކި ވަގުތުގައި އެއްރަށުން އަނެއް ރަށަށް ހިނގާފައި ދެވޭނެ އެެވެ. އެ ދެރަށުގެ ދެމެދުގައިވާ ފަޅުރަށް މެންދުއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދުވަސްވަރު ސަރުކާރުން އެގްރިކަލްޗާ މިނިސްޓްރީގެ ދަށުން ވަރަށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރި ރަށެކެވެ. އެ ޒަމާނުގައި ކުނަހަންދޫ އާއި ހިތަދޫގެ ގިނަ ރައްޔިތުންނަށް އާމްދަނީ ލިބެމުން އައީ އެރަށުގައި ވަޒީފާ އަދާކޮށްގެންނެވެ. ނަމަވެސް މިހާރު މެންދޫގައި ކުރިން ހިންގި ގޮތަށް އެހާ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން ނުދާތީ ކުނަހަންދޫއާއި ހިތަދޫގެ ރައްޔިތުންނަށް ކުރިން ލިބެންދިޔަ ގޮތަށް މިހާރު އެރަށުން އާމްދަނީއެއް ނުލިބެ އެވެ.
މުޅި ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލުމަށް، ހާއްސަކޮށް ރާއްޖޭގެ ވަކި ސަރަހައްދުތަކެއް ފަތުރުވެރިކަމަށް ހުޅުވާލުމަކީ މި ސަރުކާރުން މިހާރު ގެންގުޅެމުންދާ ވިސްނުމެވެ. އެގޮތުން ލ. އަތޮޅުގައި ސިކްސް ސެންސެސް ރިސޯޓު އަންނަނީ ހިންގަމުންނެވެ. މީގެ އިތުރަށް ލ. ހެނދައިގައި އިތުރު ރިސޯޓެއް މިހާރު އަންނަނީ ތަރައްގީކުރަމުންނެވެ. އަދި ދާދި ފަހުން ސަރުކާރުން ވަނީ ލ. ގުރައިދޫ އާއި ކަށިދޫގައި ރިސޯޓް ހެދުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ.
ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާއިރު ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތު ވަރަށް ފަސޭހައިން ކުރަހާލެވި ހަގީގަތަކަށް ހެދޭނެ އެވެ. ހަމައެކަނި މާވަށު ދާއިރާ އަށް ބަލާލި ނަމަވެސް މިކަން ހާމަވެ އެވެ. ލ. ކުނަހަންދޫ އާއި މެންދޫ އަދި ހިތަދޫ އަކީ ރަނގަޅު ދިރާސާއެއް ކުރެވި ޕްލޭން ކޮށްފިނަމަ އެއްފަސް ކުރެވިދާނެ ރަށްތަކެކެވެ. ގަން ފޮނަދޫގެ ރަށްތައް ކޯޒްވޭ އަކުން ގުޅާލާފައިވާ ގޮތަށް ކުނަހަންދުއާއި މެންދޫ އަދި ހިތަދޫ ގުޅާލައި އެތަނުގައިވެސް ދާއިރާގެ އެހެން ރަށްތަކާއި ކައިރި ރަށްތަކުގެ މީހުންވެސް އާބާދު ކުރެވިދާނެ އެވެ. އެއްފަސްކުރުމަށް ހުރިހާ ކަމެއް މާލެ ސަރަހައްދުގައި ކުރުމުގެ ބަދަލުގައި މިއީވެސް ސަރުކާރުން ވިސްނާލަންޖެހޭ ކަމެކެވެ.
images_5c58798
images_838773d
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ