މިނިވަން ދުވަހެއްގައި އަޒުމް ކަނޑައަޅަންވީ ރާއްޖެއަށް ބަނަ ދުވަސްތަކެއް ގެނެސް ގަތުމަށް ފުރުޞަތު ނުދިނުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
49 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގާސިމް ދެއްވި ހާއްސަ މެސެޖްގައި ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ޤާނޫނުއަސާސީއެއްގެ ހިޔަލުގައި ތިބިއިރު ގާނޫނު އަސާސީ ވުޖޫދަށް ގެނެވުނު ސަބަބާ ރޫޙު ހަނދާން ނައްތާލައި، ހުރިހާ ބާރެއް އެއް މުށެއްގެ ތެރެއަށް ޖަމާކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ އިންތައް ހަނިކޮށް، ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން ބޭތިއްބުމުގެ ސަގާފަތަށް ރުޖޫޢަކުރުމަށް އެއްވެސް ބަޔަކު މަސައްކަތްކުރާނަމަ، އެ އިޚްތިޔާރުކުރެވެނީ އަޅުވެތިކަމާއި ނާމާންކަމުގެ މަގު ކަމަށެވެ.
"އަޅުގަނޑުމެންގެ ޤައުމީ ނައު އެ ދީލައިލެވެނީ އަޅުގަނޑުމެން އެދިއެދިތިބި މިނިވަންކަމުގެ މިސްރާބާ ފެޔަށެވެ. އެކަމުގެ ނަތީޖާއަކަށްވާނީ، ހީވެސް ނުކުރާހާ ދަށު ދަރަޖައަށް ގައުމުގެ ޙާލަތު ވެއްޓި، ނޭނގިތިއްބާ ފުރެއްދެ ބާރުތަކުގެ ނުފޫޒާ މަޖުބޫރުކުރުންތައް މި ޤައުމުގެ މައްޗަށް ގަދަވެގަތުމެވެ." ގާސިމް ވިދާޅުވި އެވެ.
"މިނިވަންދުވަހެއްގައި އަޅުގަނޑުމެން އެންމެން ކަނޑައަޅަންވީ ޢަޒުމަކީ އެއްވެސް ފަރާތަކުން މިފަދަ ބަނަ ދުވަސްތަކެއް އަޅުގަނޑުމެންގެ މައްޗަށް ގެނެސްގަތުމަށް ފުރުޞަތު ނުދިނުމެވެ. އިސްލާމްދީނާއި ގައުމީ މަޞްލަޙަތު އަޅުގަނޑުމެން އިސްކުރުމެވެ. އިޚްލާޞްތެރިކަމާ ތެދުވެރިކަމާ އެއްބައިވަންތަކަން ކުރިއަށް ނެރުމެވެ. އަމިއްލަ އެދުމާއި، ފަސާދައާއި، ބަދަލު ހިފުމާއި، ކެހިވެރިކަން އެއީ ދިވެހީންގެ ޤައުމީ ދަތުރުގެ އާރުކާޓީންގެ ކޮއްތު ދަރު ބޯފެންކަމުގައި ނުހެއްދެވުމެވެ." ގާސިމް އިތުރަށް ވިދާޅުވި އެވެ.
ދުނިޔެ މިއަދު ދެކެމުންދާ ބަދަލުތަކާ އެއްބަޔެއްގެ މައްޗަށް އަނެއްބަޔެއްގެ ނުފޫޒާ ބާރުވެރިކަން ފޯރުވުމަށް މަސައްކަތްކުރަމުންދާއިރު ދިވެހިންގެ އަމިއްލަވަންތަކަމާއި މިނިވަންކަން ހިފެހެއްޓުމުގައި އަޅުގަނޑުމެން އުފުލަންޖެހޭ ޒިންމާ މިއަދު ވަރަށް ބޮޑު ކަމަށް ގާސިމް ވިދާޅުވި އެވެ.
އަދި އިސްލާމްދީނާއި ގައުމީ މަސްލަހަތު އިސްކޮށް އިހުލާސްތެރިކަމާ ތެދުވެރިކަމާއި އެއްބައިވަންތަކަން ކުރިއަށް ނެރެ އަމިއްލަ އެދުމާއި ބަދަލު ހިފުމާއި ކެހިވެރިކަން އެއީ ދިވެހިންގެ ގައުމީ ދަތުރުގެ އާރުކާޓީންގެ ކޮއްތު ދަރު ބޯފެންކަމުގައި ނުހެއްދެވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އެވޭލާ ތާރީހުތަކުން ފެށިގެން މިއަދާ ހަމަޔަށްވެސް ފެންނަންއޮތް އެންމެ ބޮޑު ހަގީގަތަކީ ދިވެހިންނަކީ މިނިވަންކަމަށް ލޯބިކުރި އަމިއްލަވަންތަ ބައެއްކަމާއި މިނިވަންކަން ނަގައިލުމަށް ދުޝްމިނުން މި ގައުމާ ތޮޅުނު ކޮންމެ ފަހަރަކުމެ ހިތްވަރުގަދަ ދިވެހި ފަހުލަވާނުން ޖާނާއި މާލުން ގުރުބާންވެ އަތްވާ ވާރޭގައި އެއްގަމާ ކަނޑުގައި އެތައް މަހަކާ އެތައް އަހަރަކު ޖިހާދުކޮށް އަޅުވެތިކަމުގެ ނޭއްގާނީ ވަކިތަކުން މި ދީބު ސަލާމަތްކޮށްދީފައިވާ ކަމެވެ.
"އެހިތްވަރާއި ނަސީބު ދިވެހިންނަށް ލިބުނީ އިސްލާމްދީނުގައި ސާބިތުވެ ތިބުމުން. ބޭރުގެ ރޭވުންތަކާއި ނުފޫޒުތަކުގެ މައްޗަށް ހެއްލުންތެރިނުވެ ތިބުމުން. ފަސާދައިގެ ނުރައްކާ ރޯޅިން ސަލާމްތަވެ ތިބުމުން،" ގާސިމް ވިދާޅުވި އެވެ.
ބަނަ ދުވަސްތަކެއް ގެނައުމުގެ ފުރުސަތު ނުދޭން އަޒުމް ކަނޑައަޅަން ޖެހޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ