މަރުގެ ހުކުމް ތަންފީޒުކުރުމާ ގުޅޭ ގޮތުން ޝަހީދު ދެއްކެވި ވާހަކަތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ފެށުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ވިދާޅުވެ ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ދެއްކެވި ވާހަކަތައް ތަހުގީގުކޮށް ޝަރުއީ ކޯޓެއްގައި އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް އިސްލާމިކް މިިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިޓީވީގެ ހަބަރުތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމާ ގުޅޭގޮތުން ޑރ. ޝަހީދު ވާހަކަދެއްކެވީ މި އަހަރުގެ ބައިނަލްއަގާވީ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމިން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
މި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތަކަށްވާތީ ހުޅަނގުގެ ގައުމުތަކުގައި ދީފައިވާހާ ފުޅާކޮށް ހައްގުތައް ދިނުމަކީ ރާއްޖޭގައި ކުރެވެނޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ދިވެހިންގެ މައިގަނޑު ވިސްނުން ހުރި ގޮތް ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ދީނީ މިނިވަންކަމާއި އެއްޖިންސުން ކައިވެނި ކުރުން ފަދަ ހައްގުތައް ރާއްޖޭގައި ދެވެން ނެތް ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ އިސްލާމް ދީނާ ހިލާފު ވާހަކަތައް ދެއްކުމަކީ ޑރ. ޝަހީދު އަލަށް ކުރެއްވި ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެންމެ ފަހުން މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭ ގޮތުން ޑރ. ޝަހީދު ދެއްކެވި ވާހަކަތައް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި އެއީ ދީނަށްޓަކައި ބަޔަކު ކޯޓަށް ހުށަހަޅަންޖެހޭ ކަމެއް ކަމަށާ ޝަހީދަކީ ކޮން ކަހަލަ މީހެއް ކަން އޭރުން ކޯޓުން ނިންމާނެ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު ޒިޔާދު ވިދާޅުވީ ގާތިލެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ހުކުމެއް ކަމަށެވެ. އެހެންކަމުން އެއީ ސުވާލު އުފެެއްދޭނެ ކަމެއް ނޫން ކަމަށާއި އަދި އެކަމާ ގޮންޖަހާ ވާހަކަ ދެއްކޭނެ ފަރާތެއް ނުހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެއީ ފުރިހަމަ މުސްލިމެއްގެ ގޮތުގައި ސާބިތުވެ ހުރެ ދައްކާ ކަހަަލަ ވާހަކައެއް ނޫން. އަދި އެއީ ގައުމަށް ހެޔޮ ދަރިއަކު ދައްކާ ކާހަލަ ވާހަކައެއް ނޫން" މިނިސްޓަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ