ޝައިމް އަބްދުﷲ އަކީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަން އެ މިނިސްޓްރީން އިޢްތިރާފް ވެއްޖެ

ގެއްލިގެން ހޯދަމުންދާ އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖާއަކީ، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަން އެ މިނިސްޓްރީން އިޢްތިރާފް ވެއްޖެއެވެ.
ނޫސްވެރިން ކުރިމަތިކުރާންފެށި ސުވާލުތަކާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އޮފިޝަލަކު، އެ މިނިސްޓްރީގެ މީޑިއާ ވައިބަރ ގްރޫޕްގައި ވިދާޅުވީ، ޝައިމް އަބްދުﷲ އަކީ، އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގެ ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ ކުއްޖެއް ނޫން ކަމަށާއި، ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށްވާތީ ކުޑަކުދިންގެ ހިޔާއަށް އޭނާ ގެންދެވުނީ އެސެސްމަންޓެއް ހެދުމަށް ކަމަށެވެ.
"ގެއްލިގެން ހޯދަމުންދާ ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ (14 އަހަރު) އަކީ ކުޑަކުދިންގެ ހިޔާގައި ދަފްތަރު ކުރެވިފައިވާ ކުއްޖެއް ނޫން ކަމުގައި ދަންނަވަން. ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ، ކުޑަކުދިންގެ ހިޔާއަށް އޭނާ ގެންދެވުނީ އޭނާގެ އެސެސްމަންޓްތައް ހެދުމަށް. އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރާކަށްނޫން. އެގޮތަށް އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާއި އެއްތަން ކުރެވިފައެއް ނުވޭ" ގެންޑަރ މިނިސްޓްރީގެ މީޑިއާ ވައިބަރ ގްރޫޕްގައި ލިޔެފައި ވެއެވެ.
ޝައިމް އަބްދުﷲ ބަހައްޓާފައި ހުރީ ކުޑަކުދިންގެ ހިޔާގެ ގޯތިތެރޭގައި ހަދާފައި ހުންނަ އަމާން ހިޔާގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ޝައިމް ފިލާފައިވަނީ ކުޑަކުދިންގެ ހިޔާއާއި، އަމާން ހިޔާވެސް ހުންނަ ގޯތި ތެރެއިން ކޮންމެވެސް ގޮތަކުން ބޭރަށް ނުކުމެގެންނެވެ.
ޝައިމް ޢަބްދުﷲ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުއެވެ.
މި މައްސަލާގައި ނޫސްވެރިން ޖެންޑަރ މިނިސްޓްރީއާ ސުވާލުތައް ކުރިމަތިކުރާން ފެށީ، ގެއްލިގެން އުޅޭ ކުއްޖާގެ ރިޕޯޓް ފުލުހުންނަށް ހުށަހަޅާފައިވަނީ ޖެންޑަރ މިނިސްޓްރީންކަން ހާމަވާ ލިއުމެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ ގުޅިގެންނެވެ. އެ ލިއުމުން އެނގޭގޮތުގައި ޝައިމް އަބްދުﷲ ކުޑަކުދިންގެ ހިޔާއިން ފިލައިގެން ދިޔައީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ