ޖަޕާނުގައި މީހަކު ވަޅިން ހަމަލާދީ ސްކޫލް ކުއްޖަކާއި، އިތުރު މީހަކު މަރާލައި އެތައްބަޔަކު ޒަޚަމްކޮށްލައިފި

ޖަޕާނުގައި މީހަކު ވަޅިން ހަމަލާދީ ދެމީހަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލުމަށްފަހު އަމިއްލައަށް މަރުވެއްޖެއެވެ.
ވެރިރަށް ޓޯކިޔޯގެ ދެކުނަށް އޮންނަ އަވަށެއް ކަމަށްވާ ކަވަސާކީގައި މިއަދު ހިންގި މިހާދިސާއަކީ ޖަޕާނުން ވަރަށް ނާދިރު ހާލަތެއްގައި މެނުވީ ނުހިނގާ ޒާތުގެ ކަމެކެވެ.
ވަޅިން ހަމަލާދިނުމުގެ ސަބަބުން މަރުވެފައިވަނީ، އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި، އުމުރުން 39 އަހަރުގެ މީހެއް ކަމަށް، ޖަޕާނުގެ ނިއްޕޮން މެޑިކަލް ސްކޫލް މުސަޝި ކޮސޫގީ ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރ ކިޔޯޝީ މަޓްސޫޑާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވެއެވެ.
12 އަހަރުގެ އަންހެން ކުއްޖާއާއި، އުމުރުން 39 އަހަރުގެ މީހާވެސް މަރުވެފައިވަނީ، ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށެވެ.
ޖަޕާނުގެ ކުއްލިފަރުވާދޭ އޭޖެންސީތަކުން ބުނެފައިވަނީ، އެމީހާ ވަޅިން ހަމަލާދިނުމުގެ ސަބަބުން އިތުރު 16 މީހަކު ޒަޚަމްވެ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ކަމަށެވެ.
ޒަޚަމްވެފައިވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ އަންހެނަކާއި، ތިން ސްކޫލް ކުއްޖެއްގެ ހާލު ސީރިއަސްކަމަށް ވެއެވެ.
ޖަޕާނުގެ މީޑިއާއިން ބުނެފައިވަނީ، މި ހަމަލާ ދީފައިވަނީ އުމުރުން 50 އަހަރަށްދާ މީހެއް ކަމަށެވެ. އާންމުންނަށް ވަޅިން ހަމަލާ ދިނުމަށްފަހު އޭނާވެސް އަމިއްލަ ގަޔަށް ވަޅިހަރައި މަރުވެފައިވާ ކަމަށްވެސް މީޑިއާއިން ބުނެއެވެ.
ވަޅީގެ ހަމަލާތަކުގެ މަންޒަރު ދުށް މީހުންގެ ވާހަކަތައް ޖަޕާނުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. އެގޮތުން، މެދުއުމުރަށްދާ އެމީހާ ކިޔަވާ ކުދިންތަކެއް ސްކޫލަށް ދިއުމަށްޓަކައި ބަސްހުއްޓިއެއްގައި މަޑުކޮށްގެން ތިއްބައި އެތަނަށް ވަޅި ހިފައިގެންގޮސް "އަހަރެން ކަލޭމެން މަރާނަން" މިހެން ގޮވައި އެމީހާ ހަޅޭލަވަން ފެށި ކަމަށް، ބުނެފައި ވެއެވެ.
ޖަޕާނުގައި ވަޅިޖެހުމުގެ ހާދިސާއެއް މީހަކު މި ހިންގީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ވަޅިޖެހުމުގެ ހާދިސާ ހިނގިއިރު ޓްރަމްޕް ހުންނެވީ ޖަޕާނު ސިފައިންގެ ފައުޖަކާ ބައްދަލު ކުރެއްވުމަށް ޓޯކިޔޯއިން ބޭރުގައެވެ. އެހެންކަމުން، ޖަޕާނުގެ އަސްކަރީ މަނަވަރެއްގައި ހުންނަވައި ޓްރަމްޕްވަނީ، ވަޅިޖެހުމުގެ ހާދިސާގައި މަރުވި މީހުންނާއި ޒަޚަމްވި މީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި އެމެރިކާ ރައްޔިތުން ތިބީ ޖަޕާން ރައްޔިތުންނާ އެކުގައި ކަމަށްވެސް ވިދާޅުވިއެވެ.
މިހާދިސާއާ ގުޅިގެން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވައި މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ވެއެވެ.
އަދި ވިދާޅުވީ، މިއީ ވަރަށް ބިރުވެރި ހާދިސާއެއް ކަމަށާއި، އެ ހަމަލާއާ ގުޅިގެން ވަރަށް ހިތްޕުޅާނުވެފައި ހުންނެވި ކަމަށެވެ.
ޖަޕާނަކީ ދުނިޔޭގައި ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން ކުށްކުރުމުގެ ރޭޓް ވަރަށް ދަށް ގައުމެކެވެ. އެގައުމުގައި އާންމު ގޮތެއްގައި ސްކޫލް ކުދިންވެސް ސްކޫލަށް ގޮސް އައިސް ހަދަނީ އެކަންޏެވެ.
ހަތިޔާރާ ގުޅޭ ވަރަށް ހަރުކަށި ގާނޫނެއް އޮތުމުން، އެފަދަ ހާދިސާތައް ޖަޕާނުގައި ވަރަށް ނުހިނގައެވެ. އެހެން ނަމަވެސް ވަޅިޖެހުމުގެ މަދު ހާދިސާތައް ހިންގާފައިވެއެވެ.
މިދިޔަ އަހަރު، ޖަޕާނުގެ ރޭލެއްގެ ތެރޭގައި މީހަކުވަނީ ވަޅިޖަހައި އެކަކު މަރާލައި ދެމީހުން ޒަޚަމް ކޮށްލާފައެވެ. 2016 ވަނަ އަހަރު މީހަކުވަނީ ނުކުޅެދޭ މީހުން ތިބޭ ސެންޓަރެއްގައި ވަޅިން ހަމަލާދީ 19 މީހުން މަރާލާފައެވެ. މިއީ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ކިބައިން ދުނިޔެ ސަލާމަތްކުރަން އެމީހާ ދިން ހަމަލާއެއް ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ