ނާލާފުށި ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި ކަރަންޓު ބިލުން ބައެއް ދައްކައިދެނީ

މ. ނާލާފުށި ކައުންސިލްގެ ފަރާތުން ރަމަޟާން މަހަށް ހާއްސަކޮށް އެ ރަށުގެ ރައްޔިތުންނަށް ދޭ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ ގޭބިސީއެއްގެ ކަރަންޓް ބިލުން ބައެއް ކައުންސިލުން ދައްކައިދޭ ގޮތަށް ހަމަޖައްސައިފި އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ނާލާފުށި ކައުންސިލްގެ ރައީސް ހަސަން އަބްދުއްރަހްމާން ވިދާޅުވީ ނާލާފުށި ކައުންސިލަކީ އަބަދުވެސް ރޯދަ މަހަށް ރަށުގެ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އިނާޔަތެއް ދެމުންދާ ކައުންސިލެއް ކަމަށެވެ.
މިގޮތުން މިއަހަރުގެ ކައުންސިލްގެ ބަޖެޓުން ކަނޑައަޅައިގެން ވޯކް ޕްލޭންގައި ވެސް ހިމަނައިގެން ރަށުގެ ގޭބިސީތަކުގެ ކަރަންޓު ބިލުގެ ދެބައި ކުޅަ އެއްބައި ކައުންސިލުން ދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.
ހަސަން އަބްދުއްރަހްމާން ވިދާޅުވީ ކައުންސިލުން ދައްކާ ގޮތަށް ހަމަޖެހިފައިވަނީ މި ހިނގާ މެއި މަހުގެ ކަރަންޓް ބިލުން ބައެއް ކަމަށެވެ.
ކަރަންޓް ބިލް ހިފައިގެން ކައުންސިލްގެ އިދާރާއަށް އައުމުން ކަރަންޓް ބިލުގެ ދެބައިކުޅަ އެއްބައިގެ މިންވަރަށްވާ ފައިސާ ރައްޔިތުންނަށް ކައުންސިލުން ދޫކުރަން ނިންމާފައިވާ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
ކައުންސިލުން މިކަން ކުރަމުން ދަނީ ބަޖެޓުން ކަނޑައަޅައިގެން ކައުންސިލްގެ އާމްދަނީން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށާއި މިކަމުގެ ސަބަބުން ކައުންސިލްގެ ބަޖެޓަށް އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އާބާދީގައި ގާތްގަނޑަކަށް 500 އެއްހާ މީހުން ދިރިއުޅޭ ނާލާފުށީގައި 82 ގޭބިސީ ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ