ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލަ ނުބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެެ.
ގާޒީ ހުޒައިފާގެ މައްސަލަ ނުބެލުމަށް ޖޭއެސްސީން ނިންމީ ގާޒީ ހުޒައިފާއާއި ގުޅޭގޮތުން ހުށަހެޅި ޝަކުވާގައި އެއްވެސް އަސާސެއް ނެތް ކަމަށް ތަހުގީގު ކުރާ ކޮމިޓީން ނިންމާފައިވާތީ ކަމަށް ޖޭއެސްސީން ވަނީ މައުލޫމާތު ދީފަ އެވެ.
ގާޒީ ހުޒައިފާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅި ފަރާތާ ގުޅޭ މައްސަލައެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އަށް ހުށަހެޅުމުން އެމައްސަލަ ބަލައި ޑީޖޭއޭ އިން މައްސަަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީއާއި މައްސަލަ ހިނގާފައިވާ ގޮތުންވެސް ގާޒީ ހުޒައިފާގެ މައްސަލައެއް އޮތް ކަމަށް ނުފެންނާތީ މައްސަލަ ނުބަލަން ނިންމީ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ގާޒީ ހުޒައިފާގެ މައްސަލަ މިދިޔަ ޖޫން މަހުގެ ތެރޭގައި ޖޭއެސްސީ އަށް ހުށަހެޅީ ފެމިލީ ކޯޓުގެ ކުރީގެ ލީގަލް އޮފިސަރެވެ. ނަމަވެސް ޖިންސީ ފުރައްސާރަ ކުރިކަން ސާބިތުވުމުން ކަމަށް ބުނެ ޑީޖޭއޭ އިން ވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އޭނާ މަގާމުން ވަކިކޮށްފަ އެވެ.
ޖޭއެސްސީން ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދުގެ މައްސަލަ ނުބެލުމަށް ނިންމި ނަމަވެސް އެ ކޮމިޝަނުން ގެންދަނީ ގިނަ އަދަދެއްގެ ގާޒީންނާއި ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާއި، ހައިކޯޓުގެ އިސް ގާޒީ ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ހިމެނެ އެވެ.
ގާޒީ ހުޒައިފާގެ މައްސަލަ ނުބެލުމަށް ޖޭއެސްސީން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ