ތުރުކުމެނިސްތާނު އަތުން ބަލިވެ، ރާއްޖެ ހުސްއަތާ މުބާރާތް ނިންމާލައިފި

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯލް މެންސް ޗެމްޕިއަންޝިޕްގައި ތިން ވަނަ ހޮވާ މެޗުން ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވެ، ހުސްއަތާ މުބާރާތް ނިންމާލައިފި އެވެ. ސެމީ ފައިނަލުގައި އިއްޔެ ވަރުގަދަ އުޒްބެކިސްތާން އަތުން ސީދާ ތިން ސެޓުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ބޯޅަ ޓީމް ބަލިވުމުގެ ސަބަބުން މިއަދު ހަވީރު ކުޅުނު އެ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ތުރުކުމެނިސްތާނުން ތިން ސެޓުން މެޗް ކާމިޔާބުކޮށްފައިވަނީ 25-19، 25-20 އަދި 25-19 އިންނެވެ. ސެމީގައި ތުރުކުމެނިސްތާން ބަލިވީ ރާއްޖޭގެ މައްޗަށް ވެސް މި މުބާރާތުގައި ކުރިހޯދި ކިރްގިސްތާނު އަތުންނެވެ. ހަތް ގައުމު ވާދަކުރި މި މުބާރާތުގައި ރާއްޖޭން މި ފަހަރު ތަށްޓަށް ޓާގެޓް ކޮށްގެން ނުކުތްއިރު، ރާއްޖެއަށް މުބާރާތް ނިންމާލަން މިޖެހުނީ، މުބާރާތުގެ ހަތަރުވަނައިގެ ގޮތުގައެވެ. ހަތަރު ވަނައިގައި ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނު އިރު، ތުރުކުމެނިސްތާންގެ މެޗަކީ ގައުމީ ޓީމަށް 16 އަހަރުގެ ވަންދެން ކުޅުނު ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ގައުމީ ޓީމަށް ކުޅޭނެ ފަހު މެޗެވެ. އޭނާ ވަނީ ގައުމީ ޓީމުން މާލޭގައި ސްރީލަންކާއާއެކު ކުޅުނު ރަހްމަތެރިކަމުގެ މެޗުގައި ރަސްމީކޮށް ރިޓަޔާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ