މިސްރުގެ ރައީސް ގިނަ ދުވަހު ވެރިކަމުގައި ބަހައްޓަން ރައްޔިތުން ރުހުން ދީފި

ގާހިރާ (އެޕްރީލް 24) - މިސްރުގެ ރައީސް އަބްދުލް ފައްތާހު ސީސީ އަށް ގިނަ ދުވަހު ވެރިކަމުގައި ހުރެވޭނެ ގޮތަށް އެ ގައުމުގެ ގާނޫނު އަސާސީ އަށް ޕާލަމެންޓުން ގެނައި ބަދަލުތަކަށް ރައްޔިތުން ރުހުން ދީފި އެވެ.
ނޭޝަނަލް އިލެކްޝަން އޮތޯރިޓީން ބުނީ ގާނޫން އަސާސީ އަށް ގެނައި އިސްލާހުތަކަށް ރައްޔިތުންގެ 88.8 ޕަސެންޓް މީހުން ރުހުން ދީފައިވާ ކަމަށެވެ. އެއީ 23.4 މިލިއަން މީހުންނެވެ. ވޯޓުލީ މީހުންގެ އަދަދު އުޅެނީ 44.3 ޕަސެންޓުގަ އެވެ.
ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ ދަށުން ސީސީގެ ދެ ވަނަ ދައުރުގެ ހަތަރު އަހަރު މިހާރު ވަނީ ހަ އަހަރަށް ދިގުކޮށްފަ އެވެ. އަދި އޭނާ އަށް ހަ އަހަރުގެ އެއް ދައުރު ވެރިކަން ކުރެއްވޭނެ އެވެ. އެހެންކަމުން އޭނާ އަށް 2030 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ސީސީއާ ދެކޮޅަށް ނުކުތް އިދިކޮޅު ހުރިހާ ކެންޑިޑޭޓުން ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. އިންތިޚާބުގައި ވާދަކުރީ ސީސީގެ ރަހުމަތްތެރިއެއް އެކަންޏެވެ.
ގާނޫނު އަސާސީ އަށް ގެނައި އިސްލާހުތަކުގެ ދަށުން ޝަރުއީ ދާއިރާ އަށް ނުފޫޒް ފޯރުވުމުގެ ބާރު ސީސީ އަށް ވަނީ ދީފަ އެވެ. ފަނޑިޔާރުންނާއި ޕަބްލިކް ޕްރޮސެކިއުޓަރު އައްޔަން ކުރުމުގެ ބާރު ވެސް ދެން ލިބޭނީ ރައީސް އަށެވެ. އަދި ސިޔާސީ ކަންކަމުގައި ސިފައިންގެ ރޯލު ވަނީ ބޮޑުކޮށްފަ އެވެ.
ސީސީގެ ސަޕޯޓަރުން ބުނަނީ މިއީ ކޮންމެހެން ވެސް ގާނޫނު އަސީސީ އަށް ގެންނަން ޖެހޭ ބަދަލުތަކެއް ކަމަށެވެ. ސަބަބަކީ ސީސީ ފައްޓަވާފައިވާ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ވަގުތު ބޭނުންވާނެތީ އެވެ.
މިސްރުގެ ގާނޫނު އަސާސީ އަށް މި ބަދަލު ގެންނަނީ ކުރީގެ ރައީސް ހުސްނީ މުބާރަކުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައިތާ އަށް އަހަރު ފަހުންނެވެ. މުބާރަކަށް ފަހު މިސްރުގެ ވެރިކަމަށް އިންތިޚާބުކުރި އެ ގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުހައްމަދު މުރްސީގެ ވެރިކަން 2013 ވަނަ އަހަރު އަސްކަރީ ބަޣާވާތަކުން ވައްޓާލުމުގައި އެންމެ އިސްކޮށް ހުންނެވީ ސިފައިންގެ އޭރުގެ ވެރިޔާ ސީސީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ