މޫސުން ގޯސްވުމުން ބައެއް ފްލައިޓްތައް ލަސްވެދާނެ: މޯލްޑިވިއަން

މޯސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓްތަކުގެ ދަތުރުތައް ލަސްވެދާނެކަމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބުނެފިއެވެ. ފްލައިޓްތަކުގެ ދަތުރުތައް ލަސްވެދާނެކަމަށް ބުނެ މޯލްޑިވިއަންއިން ވަނީ ޓުވީޓެއްވެސް ކޮށްފައެވެ. ފްލައިޓުތައް ލަސްވެދާނެކަމަށް ބުނިއިރު މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ރާއްޖޭގެ ބައެއް ސަރަަހައްދުތަކަށް ޔެލޯ އެލާޓްވެސް ނެރެފައެވެ. އޭގެ ތެރޭގައި މޯލްޑިވިއަންއިން ދަތުރުތައް ކުރަމުންދާ އައްޑޫ ސިޓީ އަދި ފުވައްމުލައްވެސް ހިމެނެއެވެ. މެޓް އޮފީހުން ބުނީ މިރޭ 08:00 އިން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. ރާއްޖޭގެ ކަނޑުތަށް އުތުރާއި މެދުތެރޭގައި ގަދަވާނެ އަދި ދެކުނގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ