އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއަރޒްގެ މަޤާމަށް އަލަށް އައްޔަންކުރެވުނު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު މަރުޙަބާ ދަންނަވައިފިއެވެ.
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރުއަށް މިނިސްޓަރ ޝާހިދު ފޮނުއްވި މަރުޙަބާގެ މެސެޖްގައި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން އައު މިސްރާބަކަށް އަމާޒު ހިފާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ޑރ. ޖައިޝަންކަރުގެ ތަޖުރިބާއާއި، ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ގުޅުމާއި ބެހޭ ގޮތުން އެމަނިކުފާނު ކުރައްވާފައިވާ ތަޖުރިބާގެ އަލީގައި ކުރިއަށް އޮތް ދުވަސްތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.
މީގެ ކުރިން އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމުގައި ހުންނެވިއިރު ދެޤައުމުގެ ގުޅުން ހަރުދަނާކުރެއްވުމަށް ޑރ. ޖައިޝަންކަރު ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވައި، އަނެއްކާވެސް އެމަނިކުފާނާއި ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް މިނިސްޓަރ ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ.
ހަމައެއާއިއެކު އަލަށް ހަވާލުވެވަޑައިގަތް މަސްއޫލިއްޔަތު އުފުއްލެވުމުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޖައިޝަންކަރުއަށް ކާމިޔާބީއަށް މިނިސްޓަރ ޝާހިދު އެދިވަޑައިގަތެވެ.
މިނިސްޓަރ ޝާހިދު ވަނީ އިންޑިއާގެ ކުރީގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި، އެކަމަނާއަކީ ދިވެހިރާއްޖޭގެ ގާތް ރަޙުމަތްތެރިއެއްކަމަށް ވިދާޅުވިއެވެ. އަދި އެކަމަނާގެ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ ރޫޙާއި، މަސައްކަތަށް ދެއްވާ އަހައްމިއްޔަތުކަމުން އެމަނިކުފާނަށްވެސް
ހިތްވަރު ލިބިވަޑައިގަތްކަމަށް ވިދާޅުވިއެވެ.
އަބްދުﷲ ޝާހިދު އިންޑިއާގެ އައު ޚާރިޖީ ވަޒީރަށް މަރުޚަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ