ދިވެހި ދައުލަތުގެ މާލިއްޔަތާ ބެހުމުގެ ހައްގެއް ސުޕްރީމް ކޯޓަކަށް ނެތް: ނަޝީދު

ދިވެހި ދައުލަތަުގެ މާލިއްޔަތާ ބެހުމުގެ ހައްގު ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށާއި ދައުލަތުގެ ހަޒާނާގައި އަތްލުމުގެ ބާރު ގާނޫނު އަސާސީން ސްޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސްނަޝީދު މިފަދައިން ވާހަކަފުޅުދެއްކެވީ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 200 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޭން ދައުލަތުގެ މައްޗަށް ސްޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
އެމްޑީޕީގެ ޓިކެޓުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ހަސަން އަފީފުގެ ކެމްޕެއިން ދަތުރުފުޅުގައި މިއަދު މަޑިފުށްޓަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ދައުލަތް އެކުލެވިފައި އޮންނަގޮތް ސްޕްރީމް ކޯޓަށް ވަރަށްބޮޑަށް އޮޅިފައިވާކަމަށާއި ސްޕްރީމް ކޯޓަކަށް ދިވެހި ދައުލަތުގެ ހަޒާނާގައި އަތް ނުލެވޭނެ ކަމަށެވެ.
އަދި 450 މިލިއަން ރުފިޔާ އެއްމަސް ދުވަހުގެތެރޭގައި ވަކި ފަރުދަކަށް ދިނުމަށް ސްޕްރީމް ކޯޓުން ހުކުމް އިއްވާފައިވާ ކަމަށާއި ދައުލަތުގައި ހުރި ފައިސާއަކީ ދައުލަތުގެ ފައިސާ ނޫން ކަމަށާއި އެއީ ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާފައިސާ ކަމަށް ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވާކަމަށާއި ބަޖެޓްގައި ގާސިމް އިބްރާހީމަށް 450 މިލިއަން ރިފުޔާ ދިނުމަށް ޖަހާފައި ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"450 މިލިއަން މަސް ދުވަހުގެ ތެރޭގައި ވަކި ފުރަދަކަށް ދޭށޭ ބުނެ ކޯޓުން މި ހުކުމް އިއްވަނީ. ސަރުކާރުގެ ކޮން ފައިސާއެއްތޯ. އެއީ ތިބޭފުޅުންގެ ފައިސާ، ޓެކްސް ފައިސާ، ބަޖެޓުގައި ޖަހައިގެން ބަޖެޓު ފާސްކޮށްގެން މި ހަރަދެއް ކުރެވެނީ. ސަރުކާރުން އެއްވެސް ހަރަދެއް ކުރެވެނީ އެ އަހަރަކަށް ފާސްކުރެވޭ ދައުލަތުގެ ބަޖެޓުން. 2019 ވަނަ އަހަރަށް ބަޖެޓު ފާސްކޮށް ނިމިއްޖެ. އޭގައި ނެތް ގާސިމް އިބްރާހިމް އަށް 450 މިލިއަން ރުފިޔާ ދޭކަށެއް ބަޖެޓަކު. ބަޖެޓުގައި ނެތް ފައިސާއެއް ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް އަދި ސަރުކާރަކަށްވެސް ނުދެވޭނެ. ދިވެހި ދައުލަތުގެ މާލިއްޔަތާ ބެހުމުގެ ހައްގު ސުޕްރީމް ކޯޓަށް ނެތް.'' ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ