ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒާއެކު 12 ބޭފުޅެއްގެ ނަން އޭސީސީ މެމްބަރު ކަމަށް ހުށަހަޅައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ކަމަށް ފަސް ބޭފުޅަކު އައްޔަނު ކުރުމަށް، އެމަގާމަށް ކުރިމަތިލެއްވި 12 ބޭފުޅެއްގެ ނަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
މިއަދު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ޖަލްސާގައި މަޖިލީހުގެ އަމީން އާއްމު ވަނީ އޭސީސީ މެމްބަރު ކަމަށް ނަންތައް ހުށަހެޅުމަށް ރައީސް ސޯލިހް ގެ ފަރާތްޕުޅުން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ އެއް އަޑު އިއްވާފަ އެވެ.
އެސިޓީ އާއެކު ރައީސް ވަނީ އޭސީސީގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެ މަގާމަށް ނަން ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ރައީސަށް ފެންނަ 12 ބޭފުޅެއްގެ ނަމާއި އެބޭފުޅުންގެ މައުލޫމާތު މަޖިލީހުގެ ތަޅުމަށް ފޮނުއްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ދިރާސާކުރުމަށް މަޖިލީހަށް ހުށަހެޅި ނަންތަކުގެ ތެރޭގައި ހިމެނެނީ:
1. އަލްއުސްތާޒާ ފާތުމަތު އަނޫލާ / ގ. ވަޑިނޯޅުގެ
2. އަލްފާޝިލް އާރިފް ރަޝީދު / ބާޑްވިލާ، ބ. ތުޅާދޫ
3. އަލްފާޝިލާ ޒީނިޔާ އަބްދުﷲ / މަދޮށިމާގެ، ހއ. ބާރަށް
4. އަލްފާޝިލް އިބްރާހިމް ޝަކީލް / ދަފްތަރު 3654
5. އަލްފާޝިލާ އާއިޝަތު އަބްދުﷲ / ރޯލްގޯލްގެ، ޅ. ހިންނަވަރު
6. އަލްފާޝިލާ މަރިޔަމް ޝިއުނާ / ނެދުންގެ، ސ. ހިތަދޫ
7. އަލްފާޝިލް މުޖުތަބާ ހަމީދު / ބީފްރޮމްގެ، ރ. ކަނދޮޅުދޫ
8. އަލްފާޝިލް އަލީ އަޝްރަފް / ދަފްތަރު 3366
9. އަލްފާޝިލާ މަރިޔަމް އަހްމަދު / ގ. ޓްރަސްޓް ހޯމް
10. އަލްފާޝިލް ނިޔާޒް އިބްރާހީމް / ބްރޫމް، ގދ. ތިނަދޫ
11. އަލްއުސްތާޒް އަބްދުﷲ މިޒްއާން / ރަތްވިލާގެ، ފ. މުގާދޫ
12. އަލްއުސްތާޒް އާދަމް ޝާމިލް / ރަތްވިލާގެ، ތ. ވިލުފުށި
އެބޭފުޅުންގެ ތެރެއިން ނިޔާޒަކީ ކުރިން އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ނިޔާޒަކީ އޮޑިޓާ ޖެނެރަލުގެ ދައުރު ހަމަވުމުގެ ކުރިން ކުރީގެ ސަރުކާރު ހިންގި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އޮޑިޓް ގާނޫނަށް ގެނައި ބަދަލަކާއެކު މަގާމުން ވަކިކުރެއްވި ބޭފުޅެކެވެ.
ކުއްލި ގޮތަކަށް ނިޔާޒު މަގާމުން ވަކި ކުރެއްވީ ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަން ފަޅާ އަރުވާލި އޮޑިޓް ރިޕޯޓު ނެރުނުތާ މާ ގިނަ ދުވަހެއް ނުވަނީސް އެވެ. އޭގެ ފަހުން ނިޒާޔަށް އުޅުއްވަން ޖެހިވަޑައިގަތީ ގައުމުން އަމިއްލަ އަށް އަރުވާލެވިގެން ރާއްޖޭން ބޭރުގަ އެވެ.
ރައީސްގެ ސިޓީގައި އެނަންތައް ދިރާސާކޮށް، މަޖިލީހަށް ފެންނަ ގޮތެއްގެ މަތިން އެ ކޮމިޝަނަށް އައްޔަން ކުރާނެ ފަސް ބޭފުޅެއްގެ ނަން ފާސްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އެކަމަށް އިޖާބަދީ ނަން ހުށަހެޅުއްވި އެހެން ފަރާތްތަކުގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލީ، އެ ކޮމިޝަންގެ މެމްބަރަކު މިމަހުގެ ތިން ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާތީ އާއި މިހާރު ތިއްބެވި ހަތަރު މެމްބަރުންގެ، މެމްބަރުކަމުގެ މުއްދަތު މިއަހަރުގެ ސެޕްޓެމްބަރު ގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ.
އޭސީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވި ހަތަރު ބޭފުޅުންނަކީ ކޮމިޝަންގެ ރައީސް މުއައްވިޒް ރަޝީދު، ނައިބު ރައީސް އާމިނަތު މިންނާ ގެ އިތުރުން މެމްބަރުން ކަމުގައިވާ ސަފްވަތު މުހައްމަދު އަދި ޔަޒްމީދު މުހައްމަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ