ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ހިންގާ ތަހުގީގަކީ ސިޔާސީކަމެއް: ޑރ.ޖަމީލު

ސުޕުރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ޖޭއެސްސީން ހިންގާ ތަހުގީގަކީ ސިޔާސީ ބޭފުޅެއްގެ ޒާތީ ހަސަދައެއް ފިލުވަން ކުރިޔަށްގެންދާ ތަހުޤީގެއް ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފަނޑިޔާރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.ފަނޑިޔާރު އަބްދުﷲ ދީދީގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ފަދަ ކަންކަމުގެ މައްޗަށް އެކުލެވޭ ތަހުގީގެއް ކުރިއަށްދާ މި ދަނޑިވަޅުގައި ޑރ. ޖަމީލް އޮންލައިން މީޑިޔާއަކަށް ދެއްވި ބަސްދީގަތުމެއް ވިދާޅުވީ ފަނޑިޔާރު ޑީޑީގެ ސުލޫކީ މައްސަލައެއް ބަލާ ކަމަށް ބުނެ ކުރިޔަށްގެންދާ މައްސަލައިގައި ގާނޫނީ ބުރަދަނެއް ނެތް ކަމަށެވެ.އަދި މުޅި މައްސަލައަށް ރިޢާޔަތް ކުރާ ނަމަ އެ މައްސަލަ އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ސިޔާސީ ބޭފުޅެއްގެ ޒާތީ ހަސަދައެއް ފިލުވުމަށްޓަކައި ކުރިޔަށް ގެންދެވޭ މައްސަލައެއްގެ ގޮތިގައި ކަމަށެވެ. ޖަމީލް ވިދާޅުވީ ފަނޑިޔާރު ދީދީގެ ތަހުޤީގީ މަރުހަލާގެ ފުރަތަމަ އަޑުއެހުމުގައި ދެ ކަމެއް ފާހަގަކުރެއްވުނު ކަމަށެވެ.އެގޮތުން ތުހުމަތު ކުރެވޭ ފަނޑިޔާރާ ގުޅޭ ކަމެއްގެ ޖިނާއީ ތަހުގީގެއް ރަސްމީ ސިފައެއްގައި ކުރެވިފައި ނުވާ ކަމަށާއި ގާނޫނުގައި ބުނާ ގޮތަކަށް ތަހުގީގެއް ނުހިނގާކަން ފާހަގަކުރެއްވުނު ކަމަށް ޖަމީލް ވިދާޅުވިއެވެ.ޖަމީލް ވިދާޅުވީ، ތަހުގީގު ކުރީ މީގެ ދެ އަހަރު ކުރިން އެހެން ބައެއްގެ މައްޗަށް ކަމަށާއި، އެކަމުގެ ފުލް ރިޕޯޓްވެސް އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާ ހިސާބަށް އައިއިރުވެސް މީގެން އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށާއި، އެ ރިޕޯޓްގައި ރާއްޖޭގެ ވަރަށް ގިނަ ވިޔަފާރިވެރިންނާއި، ކުންފުނިތަކާއި، ފައިސާ މާރު ކުރި ތަންތަނާއި، ވަރަށް ގިނަ މުއައްސަސާތަކުގެ ވާހަކަ ހުރިއިރު އެއިން އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.އަދި އެންމެ ބޮޑު ކަންބޮޑުވުމަކީ މުޅި އެމްއެމްޕީއާރްސީގެ މައްސަލަ އެ ފަރާތަކަށް ރައްދުވި ކަމަށް މުޅި ރާއްޖެ ގަބޫލުކުރާ ފަރާތް ވަރަށް ބޮޑަށް ސާފު ތާހިރުވުން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.އަދި ކަންތައްތައް މިހެން ހުއްޓާ މިވީހާ ދުވަހު އެމްއެމްޕީއާރުސީގެ މައްސަލައިގައި ނަންވެސް ގަނެވިފައިނުވާ ބޭފުޅެއްގެ މައްޗަށް ކުއްލިއަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހެޅުއްވި ސިޓީފުޅަކާއި ގުޅިގެން އަދި މަޖިލިހުގެ ތެރޭގައި ބޭއްވި ނޫސް ކޮށްފަރެންސަކަށް ފަހު ތަހުގީގެއް ކުރިއަށް ގެންދަވަން ފެއްޓެވުމުން ހައިރާންވެވަޑައިގަންނަވާ ކަމަށް ޖަމީލް ވިދާޅުވިއެވެ.އެހެންކަމުން މުޅި މައްސަލައަކީ އެބޭފުޅުންގެ މެޖޯރިޓީ ބޭނުން ކުރައްވައިގެން ޖޭއެސްސީގެ ގާނޫނާއި، އެފަދަ މައްސަލަތައް ހިންގުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައިން އެކަށައަޅާފައިވާ މިންގަނޑުތަކުގެ ބޭރުން ކުރިޔަށް ގެންދިޔަ ތަހުގީގެއް ކަމަށް ޖަމީލް ވަނީ ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ