ރާއްޖޭގެ އުތުރުގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާތީ މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.
މެޓް އޮފީހުން ބުނީ އުތުރުގެ މޫސުން ގޯސްވެފައިވާތީ ހއ. އަތޮޅާއި ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 ޖެހުމާ ހަމައަށް ކަމަށާއި އެލާޓް ނެރުނު ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް މިއަދު ވައިޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ރާއްޖޭގެ ކަނޑުތައް ދެކުނުގެ އަތޮޅުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އަދި އުތުރާއި މެދުތެރޭގައި ކަނޑުތައް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ.
މެޓް އޮފީހުން އިތުރަށް ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މޫސުން ގޯސްވެ ވައިގަދަވެފައިވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ