"މަމެން އިންޓާ ސްކޫލް" ފުޓްބޯޅަ މުބާރާތް ފަށައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ދިރާގު ގުޅިގެން ބާއްވާ މަމެން އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި އެވެ. ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތް ފަށާފައިވާ އިރު އިއްޔެ ފަށާފައި ވަނީ 15 އަހަރުން ދަށުގެ އުމުރު ފުރާގެ މެޗުތަކެވެ. ޖުމްލަ 12 ސްކޫލަކުން ބައިވެރިވާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ރާއްޖޭގެ ގައުމީ ސްޓޭޑިއަމް (ގަލޮޅު ދަނޑު) ގަ އެވެ. އަދި މެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ މެޗު ބަލަން ވަދެވޭ އިރު ކޮންމެ ދުވަހަކު ވެސް އެ މުބާރާތުގެ ދެ މެޗު ކުޅެވިގެން ދާނެ އެވެ. މަމެން އިންޓާ ސްކޫލް ފުޓް ބޯޅަ މުބާރާތުގައި ޖަމާލުއްދީން ސްކޫލްއާއި ހުރަވީ ސްކޫލް ބައްދަލު ކުރި މެޗުގެ ތެރެއިން: މި މެޗު 0-4 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޖަމާލުއްދީން ސްކޫލް --- ފޮޓޯ/ އިމޭޖްސް . އެމްވީ އިއްޔެ މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ޖަމާލުއްދީން ސްކޫލާއި މި މުބާރާތުގައި މުޅިން އަލަށް ވާދަކުރަން ފެށި ހުރަވީ ސްކޫލް އެވެ. މި މެޗު ފަސޭހަކަމާ އެކު 0-4 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޖަމާލުއްދީން ސްކޫލް އެވެ. އިންޓަ ސްކޫލް މުބާރާތްތަކުގެ އެންމެ ތަޖުރިބާ ގިނަ އެއް ސުކޫލް ކަމަށްވާ ޖަމާލުއްދީން އިއްޔޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗު ފެށިގެން ގޮސް ނިމެންދެން ގިނަ ވަގުތު ބޯޅަ ހިފަހައްޓާ ގިނަ ނުރައްކާތެރި ހަމަލާތެކެއް އުފެއްދީ ވެސް ޖަމާލުއްދީން ސްކޫލް އެވެ. ޖަމާލުއްދީން ސުކޫލަށް އިއްޔެގެ އެ މެޗުގައި އެ ޓީމުގެ ކެޕްޓަން އަހުމަދު ރައުލް އައްސަދު ދެ ގޯލު ޖަހައިދީފައިވެ އެވެ. އޭނާ އަކީ ރާއްޖެ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ޓްރޮފީ ރާއްޖެ އުފުލާލި އިރު ގައުމީ ޓީމުގެ ކެޕްޓަން ކަން ކުރި ދިވެހި ފުޓުބޯޅައިގެ އެންމެ ބޮޑު އެއް ޝަހުސިއްޔަތު ކަމަށްވާ އައްސަދު އަބްދުލަ ޣަނީގެ ދަރި އެކެވެ. ފުޓުބޯޅަ އާއިލާއަކަށް ނިސްބަތްވާ ރައުލް އިއްޔޭގެ މެޗުގައި ވަނީ މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ. އެ މެޗުގައި ޖަމާލުއްދީން ސްކޫލަށް އިތުރު ގޯލުތައް ޖަހައިދިނީ މުހައްމަދު އުވައިޝް އާއި އަހުމަދް ތޯއިފް ރިލްވާން އެވެ. މި މޮޅާ އެކު ތިން ޕޮއިންޓާއި ސާފު ފައިދާ ހަތަރު ގޯލު ޖަމާލުއްދީން ސުކޫލަށް ލިބިގެންދާނެ އެވެ. މީގެ އިތުރުން އިއްޔެ ވަނީ މި މުބާރާތުގެ ފޯރިގަދަ އެހެން މެޗެއް ވެސް ކުޅެވިގެން ގޮސްފަ އެވެ. ގާޒީ ސްކޫލާއި ތާޖުއްދީން ސްކޫލް ބައްދަލު ކުރި މެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ގާޒީ ސްކޫލްއެވެ. މަމެން އިންޓާ ސްކޫލް ފުޓް ބޯޅަ މުބާރާތުގައި ގާޒީ ސްކޫލްއާއި ތާޖުއްދީން ސްކޫލް ބައްދަލު ކުރި މެޗުގެ ތެރެއިން: މި މެޗު 1-3 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ގާޒީ ސްކޫލް --- ފޮޓޯ/ އިމޭޖްސް . އެމްވީ މި މެޗުގައި ގާޒީ ސްކޫލަށް ގޯލުތައް ޖަހައިދީފައި ވަނީ ހަސަން އަޒްމޫން އާއި މުހައްމަދު ލަޔާން އަހްމަދު އެވެ. އަޒްމޫން އެ މެޗުގައި ދެ ގޯލު ޖަހައި ދީފައިވާ އިރު އޭނަ ވަނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ. ތާޖުއްދީން ސްކޫލުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނީ އަބްދުﷲ ރިފާއު އެވެ. މިއަދު ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މިއަދު މެންދުރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ދަރުމަވަންތަ ސްކޫލާއި ގުޅީ ސްކޫލްއެވެ. އަދި މިއަދު ހަވީރު ކުޅޭނީ ކަލާފާނު ސުކޫލާއި ހިރިޔާ ސްކޫލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ