އަބްދުﷲ ރިޔާޒު ހައްޔަރުކުރަން އަމުރެއް ނުދިން

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ބަންދުކުރަން އަމުރު ނެރެދިނުމަށް ކްރިމިނަލް ކޯޓުން ދެކޮޅު ހަދައިފި އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ.
ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން މިއަދު ވަނީ އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާއާއި މެދު ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރެދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. ނަމަވެސް މައްސަލަ ބައްލަވަމުން ގެންދަވާ ފަނޑިޔާރު ވިދާޅުވީ އަބްދުﷲ ރިޔާޒު ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ކަންތައްތަކެއް ދައުލަތުން ފާހަގަކޮށްފައި ނުވާ ކަމަށެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ރިޔާޒުގެ މައްޗަށް އުފުލާފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑް ފުލުހުންނާ ހިއްސާކޮށްފައި ނުވާތީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުންނެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވުމުން ރިޔާޒު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ. އަދި ޖަވާބުދާރީވާން އިތުރު ފުރުސަތު ދެއްވުމަށް އެދުމުން މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ މިމައްސަލައިގެ އަޑުއެހުމެއް މިމަހުގެ 23 ވަނަ ދުވަހު އޮންނާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.
ރިޔާޒުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު އޭނާގެ ގާނޫނީ ޓީމުގައި ހިމެނޭ ބައެއް ބޭފުޅުންނަށް މިމައްސަލާގައި ވަކާލާތު ނުކުރެވޭނެ ކަމަށް ކޯޓުން މިއަދު ވަނީ އަންގާފަ އެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރާ ދައުވާއާއި ގުޅިގެން ރިޔާޒު އިއްޔެ ވިދާޅުވީ އޭނާ އަކީ ދުވަހަކުވެސް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އަޅާނެ މީހެއް ނޫން ކަމަށެވެ. އަދި އޭނާ މިހާތަނަށް މަސައްކަތް ކުރައްވާފައިވާ ގޮތަށް ބަލާއިރު ދިވެހި ރައްޔިތުން އެކަން ގަބޫލުކުރައްވާނެ ކަމަށްވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ