ފާރިސް މައުމޫން އަނެއްކާވެސް މާފުށީ ޖަލަށް ބަދަލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދިންކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް އަނެއްކާވެސް ބަދަލުކޮށްފިއެެވެ.
ފާރިސް މައުމޫން ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިއަދު އިރޮއޮއްސި 7 ޖަހާ އެހާކަންހާއިރުއެވެ.
މީގެ ކުރިންވެސް ފާރިސް މައުމޫންވަނީ މާފުށީ ޖަލުގައި ބަންދުކޮށްފައެވެ. އެފަހަރު މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލުކޮށްފައިވަނީ ތަހުގީގަށް ބޭނުންވާ ސުވާލުތަކެއް ކުރުމަށްކަމަށް ބުނެއެވެ.
ނަމަވެސް ތަހުގީގުގައި ފާރިސް މައުމޫން ވަނީ އޭނާ ހައްޔަރުކޮށްގެން ގެންގުޅެނީ ގާނޫނާއި ޚިލާފަށްކަމަށްވާތީ ތަހުގީގަށް އެއްބާރުލުން ނުދޭނެކަމަށް ވިދާޅުވެފައެވެ.
ފާރިސްގެ ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވީ ފާރިސް ދޫނިދޫ ޖަލުގައި ބަހައްޓާފައިވަނީ ގާނޫންތަކާއި ޚިލާފަށްކަމަށާ ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހަކު ކަރެކްޝަނަލް ސާރވިސްއިން ބަލަހައްޓަމުންދާ ކުށްވެރިން ތިބޭ ޖަލަކަށް ބަދަލުނުކުރެވޭނެކަމަށެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ޖަލުތައް ގިންތިކޮށްފައިވާކަމަށާ އަދި އެ ޖަލުތަކުގައި ބޭއްތިއްބޭނީ ކޮންކޮން ބައެއްކަން ބަޔާންކޮށްފައިވާކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވަނީ ތަހުގީގަށް ބަންދުކުރެވޭ މީހުން ބައިތިއްބާނީ ކަސްޓޯޑިއަލް ޖަލެއްގައިކަމަށާ، ތަހުގީގުނިމި ޝަރީއަތް ފެށުމުގެ ކުރިން، ނުވަތަ ޝަރީއަތް ފެށި ހުކުމްކުރުމުގެ ކުރިން، ކޯޓް އަމުރެއްގެ ދަށުން ބަންދުކުރާ މީހުން ރިމާންޑް ޖަލެއްގައި އަދި ޝަރުއީ ހުކުމެއް ތަންފީޒުކުރަމުންދާ މީހުން ބައިތިއްބަންވާނީ އާންމު ޖަލެއްގައިކަމަށެވެ.
ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، މިމައްސަލައިގައި ފާރިސްގެ މައްޗަށް ދައުވާ އުފުލޭނެކަންވެސް އަދި ނޭނގެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މެމްބަރުންނަށް ނުފޫޒު ފޯރުވައި ރިޝްވަތު ހުށަހެޅިކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
އެ ދުވަހު 3 ގަޑިއިރު ވަންދެން ފާރިސް ދިރިއުޅޭގެ ބަލާ ފާސްކޮށްފައިވާއިރު، ބުދަ ދުވަހު ވަނީ އެގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ސިސްޓަމު ފުލުހުން ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ