ޕީޕީއެމް ލަންކާ އޮފީހުގެ އުނދަގޫ ބޮޑުވެގެން އެގައުމުގެ ރައްޔިތުން ކޯޓަށް

އަވައްޓެރި ސްރީލަންކާގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ހުޅުވި އޮފީހުގެ ސަބަބުން އެސަރަހައްދުގައި އުޅޭ މީހުންނަށް އުނދަގޫވާތީ ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް މައްސަލަ ޖައްސައިފިއެވެ.
ޕީޕީއެމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލަންކާގައި ހުޅުވި މި އޮފީހަކީ އެގައުމުގައި އެޕާޓީގެ ހަރަކާތްތައް ކުރިޔަށްގެންދިއުމަށް ހުޅުވި އޮފީހެއް ކަމަށް އެޕާޓީން ބުނެއެވެ. ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ ލަންކާ ރައްޔިތުން ދަނީ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހިންގެ ސަގާފަތާއި އާދަތަކާއި ހިލާފަށް ހަށިވިއްކުމާއި ރަލުގެ ވިޔަފާރި ހިންގަމުންދާ ކަމަށް ލަންކާގެ ރައްޔިތުން ތުހުމަތުކުރެއެވެ.
އަދި ކޮންމެ ރެއަކު ދަންވަރު ދޭއް ތިނެއް ޖަހަންހެން ބާރަށް ލަވަޖެހުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާ ކަމަށާއި އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ބަލި މީހުން ދިރިއުޅޭ ސަރަހައްދެއް ކަމުން އަވައްޓެރި ގައުމެއްގެ ބަޔަކު އެފަދަ ގޮތަކަށް ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. އަދި މި މައްސަލަ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ފުލުހުންނަށް ހުށައެޅި ކަމަށާއި ނަމަވެސް އެފަރާތްތަކުން މިކަމަށް އެއްބާރުލުން ނުދޭ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ މި ވީޑިއޯ ނަގާފައިވަނީ ޕީޕީއެމް ލަންކާ އޮފީހުގެ ކުރިމަތީގައެވެ. އަދި އެ ޕާޓީގެ ލޯގޯވެސް ފަހަތުން ފެނެއެވެ. ވީޑިއޯގައި ވާހަކަދެއްކި ލަންކާ ރައްޔިތަކު ބުނީ ދިވެހިން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިހްތިރާމު ކުރަންޖެހޭނެ ކަމަށާއި އަވައްޓެރި ގައުމެއްގައި އުޅެންވާނީ އެގައުމެއްގެ ރައްޔިތުންނަށް އިހްތިރާމުކޮށްގެން ކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް އެ ގައުމުގެ ކޯޓުތަކަށް މައްސަލަ ހުށައަޅަން އެ ސަރަހައްދުގެ ރައްޔިތުން ނިންމާފައިވާ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ