ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަވަހާރަ ކޮށްލައިފިއެވެ.
އަލީ އަބްދުﷲ ސާލިހްގެ ހަޑިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެންނަ ވީޑިއޯއެއްވެސް ހޫޘީ ހަނގުރާމަވެރިންވަނީ އާންމު ކޮށްފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ސާލިހްގެ އިސްތަށިފުޅަށް ވަނީ ބަޑިޖަހާފައެވެ. އޭގެ ސަބަބުން އިސްތަށިފުޅަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައިވެއެވެ.
"ހަނގުރާމަވެރިންގެ އަމަލުތަކަށް ނިމުން ގެނެވި އެމީހުންގެ ލީޑަރާއި، އޭނާއަށް ތާއީދުކުރާ އެތައް މުޖުރިމުން މަރާލެވިއްޖެކަން ދާޚިލީ ވުޒާރާއިން އިޢްލާން ކުރޭ" ޔަމަނުގައި ހޫޘީން ހިންގާ އަލް މާސިރާ ޓީވީން އިޢްލާންކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.
ޚަބަރު ލިބޭގޮތުގައި ހޫޘީ ހަނގުރާމަވެރިން ޔަމަނުގެ ކުރީގެ ރައީސް އަވަހާރަ ކޮށްލާފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ސަންހަން އަވަށުން އޭނާއަށް ތާއީދުކުރާ ބަޔަކާއެކު ފިއްލަވައިގެން ވަޑައިގަންނަވަން އުޅުއްވަނިކޮށެވެ. ސާލިހްއާއެކު ތިބި އެންމެން މަރާލާފައިވާ ކަމަށްވެސް ބައެއް މީޑިއާއިން ބުނެއެވެ.
ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ޖެނެރަލް ޕީޕަލްސް ކޮންގްރެސް ޕާޓީގެ އިސް އޮފިޝަލަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަނީ، ސާލިހް ދަތުރުކުރެއްވި ގާފިލާއަށް ހޫޘީން ހަމަލާދީ އޭނާ އަވަހާރަ ކޮށްލައިފިކަން ކަށަވަރު ކޮށްދެއްވާފައެވެ. ހޫޘީން ސާލިހްއަށް ހަމަލާދިނީ އަރިސް ބޭފުޅުންނާއެކު ސަންހަންއިން ފިއްލަވައިގެން ވަޑައިގަންނަވަނިކޮށް ކަމަށްވެސް ކަށަވަރު ކޮށްދެއްވާފައި ވެއެވެ.
ޔަަމަނުގައި އޮންނަ ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ސަރުކާރުންވެސްވަނީ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަވަހާރަ ކޮށްލާފައިވާކަން ކަށަވަރު ކޮށްދީފައެވެ.
ސާލިހްއަށް ހަމަލާ ދިނުމުގެ ކުރިން ހޫޘީންވަނީ ސަންއާގައި ހުންނަ ސާލިހްގެ ގެކޮޅަށާއި އޮފީހަށް ވަރުގަދައަށް ބޮންއަޅައި އެތަންތަން ސުންނާފަތި ކޮށްލާފައެވެ.
ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަވަހާރަ މިކޮށްލީ އޭނާއަށް ވަފާތެރި ހަނގުރާމަވެރިންނާއި، ހޫޘީ ހަނގުރާމަވެރިންނާ ދެމެދު މީގެ ތިންއަހަރު ކުރިން ވެފައިވާ އިއްތިހާދުގައި މައްސަލަޖެހި މިދިޔަހަފްތާގެ ބުދަ ދުވަހުން ފެށިގެން ސަންއާގައި ދެފަރާތުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަމުން ދަނިކޮށެވެ.
ޔަމަނަށް ވައިގެ ހަމަލާ ދެމުންގެންދާ ސައުދީ އަބިއްޔާގެ ގުޅިފައިވާ އަރަބި ކޯލިޝަނާ މަޝްވަރާ ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ސާލިހް އިހަށްދުވަހު ވިދާޅުވުމާ ގުޅިގެން ހޫޘީން ބުނެފައިވަނީ އޭނާއަކީ ޣައްދާރެއް ކަމަށެވެ.
އަލީ އަބްދުﷲ ސާލިހްއަކީ ޔަމަނުގައި ތިރީސް އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރެއްވި ރައީސެކެވެ. ސިޔާސީ ފިއްތުންތައް ބޮޑުވެ ރައްޔިތުން އުތުރިއަރަން ފެށުމާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވާފައިވަނީ 2012 ވަނަ އަހަރުއެވެ.
ހޫޘީ ހަނގުރާމަވެރިން ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަވަހާރަކޮށްލީ، ހޫޘީންގެ އަތްދަށުން ޔަމަނުގެ ވެރިރަށް ސަންއާ ފަތަހަކުރަން، ސައުދީ އަރަބިއްޔާ އަދި ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލުކުރާ ޔަމަނު ސަރުކާރުގެ ރައީސް އާބިދުރައްބު މަންސޫރު ހާދީ ސިފައިންނަށް އަމުރު ކުރައްވުމާއި އަދި ސައުދީ ކޯލިޝަނުން ހަމަލާ ދިނުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހް އަވަހާރަ ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ