އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކޮށް އެތައް ގަޑިއިރެއް ހޭދަކުރުމަށްފަހު ޝަރީއަތް ކެންސަލްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލާ ހިސާން ހުސައިން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތުގެ މަޖިލީސް މިއަދު ހަވީރު 5:00 އަށް ތާވަލްކޮށް ކޯޓަށް ހާޒިރުކުރުމަށްފަހު ކެންސަލްކުރިކަން އެންގީ 6 ގަޑިއިރު ފަހުން ކަމަށެވެ. ކެންސަލްކުރި ސަބަބެއް ކޯޓުން ނުބުނާ ކަމަށް ހިސާން ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރުގެ މައްސަލަ ދެން ބާއްވާނެ ދުވަހެއް ކޯޓުން އަންގާފައި ނުވާ ކަަމަށް ވެސް ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ ވަރަށް ގިނަ ބޭފުޅުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކަމަށްބުނެ މިއަދު ކޯޓަށް ހާޒިރުކުރި ނަމަވެސް ކޯޓުގައި ބޭއްވީ އެމައްސަލަ ނޫންކަން އެނގުނީ ކޯޓަށް ދިޔަ ފަހުން ކަަމަށެވެ. ހިސާން ވިދާޅުވީ މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"ކޯޓަށް އައި ފަހުން މިއެގުނީ ހަގީގަތުގައި ބަންދުގެ މައްސަލަތަކެއް ނޫންކަން ހަގީގަތުގައި ކޯޓުގައި މިއަދު މިއޮތީ، އެއީ ޝަރީއަތްތަކެއްކަން. ބަންދުގެ މައްސަލައެއް ކަމަށް ބުނެ ވަކީލުން ކޯޓަށް ހާޒިރުވުމުން މިއެނގެނީ ޝަރީއަތްކަން. މިއީ ހަގީގަތުގައި އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް" ހިސާން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ ރައީސް މައުމޫން 3:30 ގައި ކޯޓަށް ހާޒިރުކޮށް ޝަރީއަތް ކެންސަލްކުރިކަން އެންގީ ހަތްގަޑިއިރު ފަހުން ކަަމަށެވެ.
އުމުރުފުޅުން 80 އަށްވުރެ މަތިވެފައިވާ ބޭފުޅަކު އަދި 30 އަހަރު ވެރިކަން ކުރައްވާފައިވާ ބޭފުޅަކާ މެދު މިގޮތަށް އަމަލުކުރުމަކީ ވަަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.
"އުމުރުން އެހާ ދުވަސްވެފައި ހުރި ބޭފުޅެއް. އަދި ރާއްޖޭގައި 30 އަހަރު ވެރިކަން ކުރައްވައި ދިވެހި ރައްޔިތުންނަށް އެތައް ޚިދުމަތްތަކެއް ކުރައްވައި ރައްޔިތުންގެ އިހުތިރާމާއި ލޯބި ލިބިވަޑައިގެންފައި ހުންނެވި ބޭފުޅެއް. އެހާ ގިނައިރު ވަންދެން އެއްވެސް ސަބަބެއް ނެތި ގިނކަންޏާ ބައިންދާފައި އިނުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން. އަދި މިއީ ޖުޑިޝަރީން ވެސް ވިސްނަންޖެހޭ ކަމެއް" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ވަކީލުން ރައީސް މައުމޫނާ ބައްދަލުކުރުމުގެ ފުރުސަތަކަށް އެދުމުން އެފުސަތުވެސް ކޯޓުން ދީފައި ނުވާ ކަމަށެވެ.
ރައީސް މައުމޫންގެ ހާލުކޮޅު ރަގަޅު ކަމަށާއި ރައްކާތެރިކަން ދެމުންދިޔަ ކަަމަށް ކޯޓު އޮފިޝަލުން ވިދާޅުވި ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރައީސް މައުމޫން ކޯޓަށް ހާޒިރުކުރީ ބަންދާމެދު ގޮތް ނިންމުމަށް ކަަމަށް ފުލުހުން އަންގާފައިވާ ކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތުގެ މަޖިލީސްކަން އެއްވެސް ގޮތަކަށް އެނގިފައި ނެތް ކަަމަށެވެ.
މިއަދު ކޯޓަށް ހާޒިރުކުރި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާންގެ ޝަރީއަތް ވެސް ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ ނިންމާފައެވެ.
އުއްތަމަ ފަނޑިޔާރާއި ރައީސް މައުމޫން ކެންސަލްވި ޝަރީއަތުގައި 7 ގަޑިއިރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ