ފ.އަތޮޅު ވިއްކުމަކީ ގައުމުގެ އިސްތިގުލާލު ވިއްކާލުން: އިއްތިހާދު

ރާއްޖޭގެ ބިންތަކާއި ފަޅުތައް އެހެން ބަޔަކަށް ދިނުމަކީ ގައުމުގެ އިސްތިގުލާލު ވިއްކާލައި، ދިވެހި ފަސްގަނޑުގައި އެހެން ބައެއްގެ އެޖެންޑާތައް ކުރިއަށް ގެންދިއުމަށް ދެވޭ ހުއްދައެއް ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ބުނެފިއެވެ.
އިދިކޮޅު އިއްތިހާދުން މިހެން ބުނެފައިވަނީ ސައޫދީއަށް ފ.އަތޮޅު ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްބުނެ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސްރީލަންކާގެ ކޮޅުނބުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
އިދިކޮޅު އިއްތިހާދުން ބުނެފައިވަނީ ދިވެހިންނަށް ލިބިފައިވާ އެންމެ އަގުބޮޑު ވަސީލަކީ ބިން ކަމަށާއި ރާއްޖޭގެ ސަރަހައްދުގެ 90 އިންސައްތައަކީ މޫދާއި ކަނޑުތައް ކަމަށްވާއިރު ދިވެހިންގެ ދިރިއުޅުން ބިނާވެފައި އޮންނަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައްޗަށް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ސަރަހައްދުން ބިމެއް ނުވަތަ ފަޅެއް ނަމަވެސް ބޭރުގެ ބަޔަކަށް ވިއްކާލުމަކީ އެބައެއްގެ އެޖެންޑާއެއް ކުރިއަރުވަން ޤައުމުގެ އިސްތިޤްލާލު ވިއްކާލުން ކަމަށް ވަނީ ސިފަކޮށްފައެވެ.
އިދިކޮޅު އިއްތިހާދުން ބުނެފައިވަނީ މިވަގުތުވެސް ފާފު އަތޮޅުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދާއިރު އެ އަތޮޅުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އަދި ފ.އަތޮޅު ވިއްކާލުމަކީ 26 އަތޮޅުގެ މައްޗަށް އެކުލެވޭ މި ރާއްޖެ، ބޭރުގެ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސް، އަދި މުޅި އިންޑިޔާ ކަނޑުގެ ސަލާމަތަށް ނުރައްކާވެގެންދާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
އިދިކޮޅު އިއްތިހާދުން ބުނީ ފ. އަތޮޅު ވިއްކާލުމާ ބެހޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އެ އަތޮޅު ގަންނަން ނޫޅޭ ކަމާއި އިންވެސްޓްކުރަން ވެސް ނޫޅޭ ކަމަށް ސައުދީން ބުނަމުންދާނަމަ، މި މައްސަލައިގައި ސައުދީ ސަރުކާރުން ނޫނީ ދިވެހި ސަރުކާރުން ހަދަމުންދަނީ ދޮގު ކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓްމަންޓްތައް އައުމަށް އިދިކޮޅު ފަރާތްތަކުން ހުރަސް ނާޅާ ކަމަށާއި އެކަމަކު ފ.އަތޮޅަށް ވާން އުޅޭގޮތުގެ ފުރިހަމަ މައުލޫމާތު ރަސްމީ ސިފައެއްގައި ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްނުދީ، ކަންކަން ފޮރުވުމަކީ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ