މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ގެ ފަރާތުން ގދ. ތިނަދޫގައި ކުރިއަށް ގެންދެވުނު "ކްލީން އެނަރޖީ ފޮރ ކްލައިމެޓް މިޓިގޭޝަން" މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ވަނީ 250 ކިލޯވޮޓްގެ ސޯލަރ ޕީވީ ސިސްޓަމް ހަރުކޮށް ތިނަދޫގެ ކަރަންޓު ވިއުގައަށް ގުޅާލައިފިއެވެ.
މިކަމަށް ޚާއްސަކޮށްގެން މިއަދު އެރަށުގައި ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ.
މީގެ އިތުރުން "ކްލީން އެނަރޖީ ފޮރ ކްލައިމެޓް މިޓިގޭޝަން" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިނަދޫގެ ތިން އިމާރާތެއްގައި އިރުގެ އަލިން ކަރަންޓު އުފައްދާ 308 ކިލޯވޮޓްގެ ސޯލަރ ޕީވީ ސިސްޓަމް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މިއާއިއެކު މިހާރު އެރަށުގައި މުޅިޖުމްލަ 558 ކިލޯވޮޓްގެ ސޯލަރ ޕީވީ ސިސްޓަމް ވަނީ ހަރުކުރެވިފައެވެ. މި ޢަދަދަކީ އެރަށަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ
ޢަދަދުގެ 50 އިންސައްތަ އާއި އެއްވަރުގެ ޢަދަދެކެވެ.
ތިނަދޫގައި ޤާއިމުކުރެވުނު މިސިސްޓަމަކީ މިހާތަނަށް އަތޮޅު ތެރޭގައި ޤާއިމުކުރެވުނު އެންމެ ބޮޑު ސޯލަރ ޕީވީ ސިސްޓަމެވެ.
250 ކިލޯވޮޓްގެ ސިސްޓަމް ތިނަދޫގެ ގްރިޑަށް ގުޅާލުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމް ވަނީ ރާއްޖެ ތަރައްޤީކޮށް ކުރިއެރުވުމުގައި ހަކަތައިގެ ދައުރު އިތުރު ވެފައިވާކަން ފާހަގަކުރައްވައި ތެޔޮ އެތެރެކުރުމަށް ކުރަންޖެހޭ ޚަރަދުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ.
ރާއްޖެ ތަރައްޤީކޮށް ކުރިއެރުވުމުގައި ހަކަތައިގެ ދައުރު އިންތިހާއަށް އިތުރު ވެފައިވާއިރު މިކަމުގައި ބަރޯސާވާންޖެހިފައިވަނީ ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް. 2013 ވަނަ އަހަރު އެކަނިވެސް ތެލުގެ
ބާވަތްތައް އެތެރެކުރުމަށް ގާތްގަނޑަކަށް 7 ބިލިއަން ރުފިޔާ ވަނީ ޚަރަދު ކުރެވިފައި." މިނިސްޓަރ ވިދާޅުވިއެވެ.
ތިނަދޫގައި ކުރިއަށް ގެންދެވުނު މިމަޝްރޫޢުގެ ދަށުން ތިނަދޫގެ ތަފާތު 20 ތަނެއްގެ އެނަރޖީ އޮޑިޓް ހަދައި މި އޮޑިޓްގެ ހޯދުންތަކުގެ އަލީގައި ކަރަންޓު މަދުން ބޭނުންކުރާ އާލާތްތައް ވަނީ ހަރުކުރެވިފައެވެ. މި ގޮތުން އާލާތްތައް ހަރުކުރެވުނު ތަންތަނަކީ ޑރ.ޢަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލް،ތިނަދޫ ސްކޫލް، އަބޫބަކުރު ސްކޫލް، ރަށު ކައުންސިލުގެ އިދާރާ، އަތޮޅު ތަޢުލީމީ މަރުކަޒު އަދި އިންޖީނުގެއެވެ.
ހަރުކުރެވުނު ތަކެތީގެ ތެރޭގައި ކަރަންޓު ޚަރަދު ކުޑަ އިންވަރޓަރ އެއަރ ކޮންޑިޝަނަރާއި، އެލް.އީ.ޑީ ހޮޅިބުރި އަދި އެލް.އީ.ޑީ ބޮކި ހިމެނެއެވެ. އަދި މީގެ އިތުރުން 5،000 އެލް.އީ.ޑީ ބޮކި ވަނީ ރަށުގެ ގެތަކަށް ހަދިޔާކުރެވިފައެވެ.
ތިނަދޫގައި ކުރިއަށް ގެންދެވުނު މިމަޝްރޫޢުގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ދަށްވެ، ކަރަންޓު އުފެއްދުމަށް ތެޔޮ އަންދަންޖެހޭ މިންވަރު ކުޑަވެގެންދާނެއެވެ.
250 ކިލޯވޮޓުގެ ޕީވީ ސިސްޓަމެއް ތިނަދޫގެ ކަރަންޓު ވިއުގައަށް ގުޅާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ