ސްކޫލް ކުދިން ކުޅިވަރަށް ހޭލުންތެރިކުރުވުމަށް ޓީވީ ޕްރޮގްރާމްތަކެއް ފަށަނީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ސްކޫލް ކުދިން ކުޅިވަރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ޓީވީ ޕްރޮގްރާމްތަކެއް ފެށުމަށް އެ ކޮމިޓީން ނިންމައިފި އެވެ.
ޓީވީ ޕްރޮގްރާމްތައް ފެށުމުގެ ގޮތުން މިއަދު ވަނީ އައިސް ޓީވީ އަދި ޗޮޕްއާޓްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އައިސް ޓީވީއިން ޕްރޮގްރާމްތައް ދައްކާއިރު، ޗޮޕްއާޓްއަކީ ޕްރޮގްރާމްތައް ޕްރޮޑިއުސްކުރާ ފަރާތެވެ.
މިއަދު މެންދުރުފަހު، ހެންވޭރު ބޯޅަގޭ ސެމިނާ ރޫމްގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައިސް ޓީވީގެ ފަރާތުން އަމީނާ މުހައްމަދު އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، ޗޮޕްއާޓްގެ ފަރާތުން ސޮއިކުރެއްވީ މިހާސް އަބްދުލް ސައްތާރު އެވެ. އަދި އެމްއޯސީގެ ފަރާތުން ކުރެއްވީ އެ ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް (މަރޭ) އެވެ.
ރާއްޖޭގެ ކުޅިވަރު ޝަހުސިއްޔަތުންގެ އެހީތެރިކަމާއެކު، ފެށިގެންދާ ޓީވީ ޕްރޮގްރާމް ހުށަހެޅުމަށްޓަކައި ހަމަޖައްސާފައިވަނީ މަޝްހޫރު އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާ އައިމިނަތު ޝިއުރާއާއި ކްރިިކެޓް ކުޅުންތެރިޔާ ހަސަން އިބްރާހިމް އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަރޭ ވިދާޅުވީ، އައިސް ޓީވީން މިހާރުވެސް ކުޑަކުދިންނަށް ހާއްސަކޮށްގެން ޕްރޮގްރާމްތައް ގެނެސްދޭކަން ފާހަގަކޮށްލެވޭ ކަމަށާއި އައިސް ޓީވީން ކުޅިވަރާ ގުޅުންހުރި ޕްރޮގްރާމް ދައްކަން ހަމަޖެއްސީ އަޖުމަ ބަލައިލުމުގެ ގޮތުން ކަމަށެވެ.
"އައިސް ޓީވީން އަށް ހަފްތާގައި ޕްރޮގްރާމް ދެއްކުމަށްފަހު، އެހެން ޓީވީ ޗެނަލްތަކާއި ވާހަކަދެއްކުމަށްފަހު އަޅުގަނޑުމެން އެހެން ޗެނަލްތަކުން ޕްރޮގްރާމް ދެއްކޭތޯ މަސައްކަތްކުރާނަން. މި ޕްރޮގްރާމް ފެށޭނީ ދެތިން ހަފްތާ ފަހުން. އެއީ ސްކޫލްތަކާއި ވެސް އަދި ވާހަކަދައްކަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މަރޭ ވިދާޅުވީ، މި ޓީވީ ޕްރޮގްރާމްތައް ފެށުމުގެ ދެ މަގްސަދެއް އެބައޮތް ކަމަށާއި އެއީ ކުޅިވަރުތައް ކުދިންނަށް އުނގަންނައިދިނުމާއި ކުޅިވަރުތަކަށް ކުދިން އަހުލުވެރިކުރުވުން ކަމަށެވެ.
"ޓީވީ ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވަނީ ދެ ބަތަކަށް ބަހާލައިގެން. 30 މިނެޓް ހިމެނޭ ޕްރޮގްރާމްތަކުގައި ރާއްޖޭގެ ކުޅިވަރުގެ ހީރޯއިން ބައިވެރިކުރުވާނަން. އެއީ އެސޯސިއޭޝަންތަކާ ވާހަކަދައްކައިގެން ހަމަޖައްސާ ކުޅުންތެރިން،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ